ބީއެމްއެލް އިސްލާމިކް އިން އައު އެޑިޔުކޭޝަން ފައިނޭންސިންގ ފެސިލިޓީއެއް މިއަދު ތައާރަފްކޮށްފިއެވެ.
ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ޢިޖާރާގެ ދަށުން އެކުލަވާލެވިފައިވާ މި ފެސިލިޓީ އަކީ ސަރޓިފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކުރެވުނު ފެސިލިޓީއެކެވެ.
އެޑިޔުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ޚަރަދުތައް ހިމަނައިގެން ޖުމްލަ ޚަރަދުގެ %75 އާ ހަމަޔަށް ފައިނޭންސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިސާ ދައްކާ ޚަލާސްކުރުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ %11 ގެ ރޭޓުގައެވެ. މި ފައިނޭންސިންގ އަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހުގައެވެ. ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ޚަރަދުގެ %25 ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެއެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ % 150 އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެއެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ " މި ތައާރަފްކުރެރެވުނު އެޑިޔުކޭޝަން ފައިނޭންސިންގ އަކީ އިސްލާމިކް ފައިނޭންސިންގ ފެސލިޓީ އެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއް. ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް."
އެޑިޔުކޭޝަން ފައިނޭންސިންގ އަށް އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ. ބީއެމްއެލް އިސްލާމިކް އެޑިޔުކޭޝަން ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް https://link.bml.com.mv/education-financing އިން ލިބޭނެއެވެ.
