ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ ދެވަނަ ޕްރޮގްރާމް ވާރޗުއަލްކޮށް ބޭއްވުމަށް ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ގދ. ތިނަދޫއަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރި ވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށް ކަމަށެވެ.

މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށް ކަމަށާއި އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ހިންގާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ކަމަށް ވެސް ދިރާގުން ބުންޏެވެ. އަދި މިޕްރޮގްރާމްގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ދިރާގުން ބުންނެވެ.

އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން މި ޕްރޮގްރާމްގައި ދަސްކޮށްދޭނެ ކަމަށާއި ނަގައިދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްޤީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތަޢާރަފު ކުރުން ވަރަށް މުހިންމު ކަމަށެވެ.

ދިރާގު ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ޚާއްޞަ އަހައްމިޔަތުކަމެއް ދެމުންދާ ދާއިރާއެއް ކަމަށެވެ.

2019 ގައި ހިންގުނު ގަރލްސް ޓު ކޯޑުގެ  ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ފުވައްމުލަކުގަ އެވެ. އެ ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވަނީ ރާވާފަ އެވެ.

ދިރާގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ވަނީ މި ޕްރޮގްރާމް ރަސްމީކޮށް 16 ޑިސެމްބަރ ގައި އިއުލާން ކޮށްފަ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.