އެއްބައިމީހުންނަކީ އަބަދު އިސްތަށިގަނޑު އެއްގޮތަކަށް ބާއްވަން ހިތްހަމަ ނުޖެހޭ ބައެކެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ބޯ ކޮށާލައި، ނުވަތަ ބޮލުގައި ކުލަ ޖެއްސުން ކަހަލަ ކަމެއް ނުކޮށް ލޮލަށް ނިދިވެސް ނާންނަ މީހުން އުޅެއެވެ.

މިފަހަރު ބޮލުގައި ކުލަ ޖެއްސުމުގެ ކުރިން ވިސްނަންވީ ބައެއް ކަންތައްތަކަށް އަލި އަޅުވައިލާނަމެވެ.

1. ބޭނުންވާ ލުކްއާ ބެހޭގޮތުން ދިރާސާކުރުން

ބޮލުގައި ޖައްސަން ބޭނުންވަނީ ސީދާ ކޮން ކުލައެއްކަން، އަދި އެ ކުލަ ހުންނަން އެދޭ ގޮތާއި ބެހޭގޮތުން އަމިއްލައަށް އިންޓަނެޓުން ދިރާސާ ކުރުމަކީ އެންމެ މުހިއްމު އެއް ކަމެވެ. އަދި ބޭނުންވާ ލުކްގެ ފޮޓޯއެއް ހޯދާފައި ބާއްވާށެވެ. އޭރުން ސެލޫންއަށް ގޮސް ސްޓައިލިސްޓަށް ފޮޓޯ ދެއްކުމުން ސީދާ ބޭނުންވާ ކުލަ ގެނެސްދިނުމަށް ފަސޭހަވާނެއެވެ. ނުވަތަ އަމިއްލައަށް ޖައްސާ ނަމަ، ފިހާރައިން އެ ކުލަ ހޯދަން ތިމާއަށް ވެސް ފަސޭހަވާނެއެވެ. ބޭނުންވާ ލުކްގެ ފޮޓޯއެއް ނެތި، ހަމައެކަނި ސިކުނޑީގައި ބައިންދައިގެން ނަތީޖާ އެހެން ގޮތަކަށް ނުކުތުން އެކަށީގެންވެއެވެ.

2. ހީކުރާ ވަރަށްވުރެ ގިނަ އިރު ހޭދަވެދާނެ

ބޮލުގައި ކުލަ ޖެއްސުމަކީ ތި ހީކުރާހާ ފަސޭހަ ކަމެއް ނޫނެވެ. އެއްބައި ކުލަތައް ގެނައުމަށް ވަރަށް ގިނަ އިރު ނަގައިފާނެއެވެ. އަދި އެންމެ ކުލަ ދަޅަކުން ބޭނުންވާ ކުލަ ނުވެސް އަރައިފާނެއެވެ. ވީމާ ދެތިން ފަހަރު ކުލަ ޖައްސަން ޖެހޭ ހާލަތްތައް ވެސް އާދެއެވެ. އަދި ކިމް ކާޑޭޝިއަން ފަދަ މަޝްހޫރު މީހުން ދެދުވަހުން އެއްދުވަހު ބޮލުގެ ކުލަ ބަދަލުކުރާއިރު، އެއިން ކޮންމެ ކުލައެއް ގެނައުމަށް އަށް ގަޑިއިރު ނަގާ ފަހަރުވެސް އަންނަ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ވީމާ ބޮލުގައި ކުލަ ޖެއްސުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެއް ކަން ދަނެގެން، ކެތްތެރިވުން މުހިއްމެވެ. 

3. ބޮޑު ޚަރަދަކަށް ވެދާނެ

ކުލަ ޖެއްސުމަކީ އެއްކަމެވެ. އަނެއް ކަމަކީ އެ ކުލަ ބޮލުގައި މެއިންޓެއިން ކުރުމެވެ. މިގޮތަށް ޖުމްލަކޮށް ތިމާގެ ޖީބުން ގިނަ ފައިސާތަކެއް ޚަރަދުވުމަކީ ވެދާނެ ކަމެކެވެ. އެއީ، ބޮލުގައި ކުލަ ގިނަ ދުވަސްވަންދެން ހިފަހައްޓަން ބޭނުންނަމަ، ސެލޫންއަށް ގޮސް ޓްރީޓްމެންޓު ނަގަން ޖެހޭތީއެވެ. އަދި ކުލަ ޖައްސާ ހިސާބުން އެންމެ ރަނގަޅު ވާނީ އެކަމަށް ޙާއްސަކޮށް ހުންނަ ޝޭމްޕޫއާއި ކޮންޑިޝަނާއަށް ބަދަލުކޮށްލުން ކަމަށް ތަޖުރިބާކާރުން ލަފާދެއެވެ. އެފަދަ ޝޭމްޕޫތައް އާއްމުކޮށް ހެޔޮ އަގުގައި ގަންނަން ނުވެސް ލިބެއެވެ. ވުމާއެކު، މި ހުރިހާ ކަމަކަށް ދާ ޚަރަދު ބޮޑު ވެދާނެތީ، އެކަމަށް ސަމާލުވުން މުހިއްމެވެ.

4. ކުލަ ޖެއްސުމުން އިސްތަށިގަނޑު ހަލާކުވޭ

ހަލާކުވެޔޭ މި ބުނަނީ އިސްތަށިގަނޑު ޤުދުރަތުން އޮންނަ ގޮތް ބަދަލުވެ، އޮފު ކަން ކެނޑޭ ވާހަކައެވެ. އަދި ޙާއްސަކޮށް ބްލީޗު ކުރުމަކީ އިސްތަށިގަނޑަށް ގެއްލުންވާ ކަމެކެވެ. ބައެއް ޙާލަތްތަކުގައި އިސްތަށި ފޭބުމަށް މެދުވެރިވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން، ކުލަ ޖެއްސުމުގެ ކުރިން މިކަން ކަމަށް ވިސްނައްޗެވެ. 

5. ރެއިންބޯ ކުލަތައް މާ އަވަހަށް ފޭދޭ

ޤުދުރަތީ ކުލަތައް (މިސާލަކަށް މުށި ކުލަ) އަށްވުރެ އެހެނިހެން ކުލަތައް މާ އަވަހަށް ފޭދޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އޭގެތެރޭގައި މަޑު ކުލަތައް ވަކިން ޙާއްސަކޮށް ހިމެނެއެވެ. އަދި އެފަދަ ކުލަތަކަކީ، ބްލީޗް އާ ނުލައި ކަޅުއިސްތަށިގަނޑެއްގައި ހިފާ ކުލަތަކެއް ވެސް ނޫނެވެ