ކެންދޫ ކައުންސިލާއި ކެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާ ކެންދޫ ކައުންސިލް ހޭންޑްބޯލް މުބާރާތް 2023، މާދަމާ (ހޮނިހިރު ދުވަހު) ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ކެންދޫ ކައުންސިލްގެ 4ވަނަ ހޭންޑްބޯލް މުބާރާތެވެ. 2019ވަނަ އަހަރު މި މުބާރާތުގެ ކުޅުން ބޭއްވުމަށްފަހު، ކޯވިޑްގެ ހާލަތާއި އަދި ކުޅިވަރު ކުޅޭނޭ ދަނޑެއް ނެތުމާއި އެކު މުބާރާތް މެދުކެނޑުމަށްފަހު، މިއަހަރު މި މުބާރާތް ބޭއްވިގެންދަނީ ކެންދޫ ރަސްމީ ޓާފް ދަނޑުގައެވެ.
ޖުމުލަ 6 ޓީމާއި އެކު ކުރިއަށް ގެންދާ މި މުބާރާތަށް ކެންދޫގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މި މުބާރާތުގައި ވާދަކުރާ 6 ޓީމަކީ ޓީމް މެއިސްޓާ، ހިތްވަރު، ގޮއްޔެ، ފަސްޓް ވޭވް، ޑްރީމާސް އަދި ބްލޫމް ސްޓާ އެވެ.
މި މުބާރާތުގެ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ރެފްރީންނެވެ. ޑިސެމްބަރ 16 އިން ޑިސެމްބަރ 22 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ދުވާލަކު ދެ މެޗު ކުޅޭ އުސޫލުންނެވެ. ދެ ގުރޫޕަކަށް ބަހާލެވިގެން މި މުބާރާތް ކުޅޭއިރު، ގުރޫޕް އޭ ގައި ހިމެނެނީ ހިތްވަރު، މެއިސްޓާ އަދި ފަސްޓް ވޭވް އެވެ. ގުރޫޕް ބީ ގައި ހިމެނެނީ ބްލޫމް ސްޓާ، ޑްރީމާސް އަދި ގޮއްޔެ އެވެ. މާދަމާ އޮންނަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މެއިސްޓާ އަދި ހިތްވަރެވެ. މާދަމާގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ބްލޫމް ސްޓާ އަދި ޑްރީމާސް އެވެ.
ކެންދޫ ކައުންސިލް ހޭންޑްބޯލް މުބަރާތް 2023 ގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯއެވެ. އަދި ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ. މީގެ އިތުރުން މީޑިޔާ ޕާޓްނަރަކީ "ތީރު" މީޑިޔާއެވެ. ޑިޖިޓަލް ޕާޓްރަނަކީ ދިރާގެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ކެންދޫ ޒުވާނުންގެ ގުޅުން އަދި ފްލާވަރ ބޯއްޓު ހިމެނެއެވެ.
