ކެންދޫ ކައުންސިލާއި ކެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން، ކެންދޫގެ އަންހެންކަނބަލުންނަށް ހާއްސަކޮށް ބާއްވާ ކެންދޫ ހޭންޑްބޯލް މުބާރާތް 2023ގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗް، މެއިސްޓާ އިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗު ކާމިޔާބު ކުރީ ބްލޫމް ސްޓާ އެވެ.

ގުރޫޕް "އޭ" ގެ ފުރަތަމަ މެޗުގައި ހިތްވަރު އަދި މެއިސްޓާ ބައްދަލު ކުރި މެޗް، މެއިސްޓާ ކާމިޔާބު ކުރީ 7-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު 3-1 ގެ ނަތީޖާ އަކުން މިއެސްޓާ އޮތީ ކުރީގައެވެ. ދެވަނަ ހާފުގައި މެއިސްޓާ އިން ވަނީ ހަރަތު ގޯލު ޖަހާފައެވެ. އަދި ހިތްވަރު ޓީމުން ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ. 

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރިކުޅުމެއް ފެނިގެން ގޮސްފައި ވީއިރު، ހިތްވަރު ޓީމަށް ވަނީ ގޯލު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ. މި މެޗުގައި މެއިސްޓާގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު، ތަފާތު މޮޅު ކުޅުމެއް ދައްކާ އެ ޓީމުގެ ޖާޒީ ނަންބަރ 03، ޔުސްރާ ޔޫސުފް ވަނީ މެޗުގެ ކުއީން އޮފް ދަ މެޗްގެ މަގާމުވެސް ހޯދާފައެވެ. ޔުސްރާގެ ފަރާތުން ތަފާތު ކުޅުމެއް މި މެޗުގައި ފެނިގެން ދިޔައިރު، އޭނާ ވަނީ މި މެޗުގައި 5 ގޯލު ވެސް ޖަހާފައެވެ.

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޑްރީމާސް ގެ މައްޗަށް ބްލޫމް ސްޓާ އިން ކުރި ހޯދީ 5-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ނަތީޖާ އަކީ 1-0 އަކުން ބްލޫމް ސްޓާ ކުރި ހޯދުމެވެ. ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާ ބްލޫމް ސްޓާ އިން ވަނީ އިތުރު ހަތަރު ގޯލު ޖަހާފައެވެ. މި މެޗުގައި ބްލޫމް ސްޓާ ގެ ގޯލްކީޕަރ، މަލީހާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ބްލޫމް ސްޓާ ގެ ގޯލްކީޕަރ މަލީހާ އެވެ.

ކެންދޫ ކައުންސިލް ހޭންޑްބޯލް މުބަރާތް 2023 ގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯއެވެ. އަދި ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ. މީގެ އިތުރުން މީޑިޔާ ޕާޓްނަރަކީ "ތީރު" މީޑިޔާއެވެ. ޑިޖިޓަލް ޕާޓްރަނަކީ ދިރާގެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ކެންދޫ ޒުވާނުންގެ ގުޅުން އަދި ފްލާވަރ ބޯއްޓު ހިމެނެއެވެ.