ދުނިޔޭގެ އެކި ހިސާބުގައި މަރުވާ މީހުންގެ 22 އިންސައްތަ އަކީ ދުންފަތާ ގުޅުންހުރި އެކި ބަލިތަކުގައި މަރުވާ މީހުނެވެ. އަހަރަކު 2 މިލިއަން މީހުނަށް ހަމުގެ ކެންސަރު ޖެހިގެން ރިޕޯޓް ކުރެވެއެވެ. ކޮންމެ މީހަކަށް ވެސް ކެންސަރު ޖެހިދާނެއެވެ. ނަމަވެސް މި ފުރުސަތު އެންމެ ބޮޑީ 50 އަހަރުން މަތީގެ މީހުނަށެވެ. ފިރިހެނުންނަށް އެންމެ ގިނައިން ޖެހެނީ ފުއްޕާމޭ، ގޮހޮރު އަދި ޕްރޮސްޓޭޓް ކެންސަރެވެ. އަންހެނުންގެ މެދުގައި އެންމެ އާންމުކޮށް ޖެހޭކަމަށް ފާހަގަ ކުރެވެނީ، އުރަމަތީގެ ކެންސަރު، ފުއްޕާމޭ އަދި ގޮހޮރުގެ ކެންސަރެވެ.
އާންމުކޮށް ކަންހިނގާ އުސޫލަކީ ހަށިގަނޑުގެ ތެރޭގައި ކުރީގައި އުފެދިފައި ހުރި ސެލްތައް މަރުވެ އާ ސެލްތައް އުފެދުމެވެ. ހަށިގަނޑުގެ ސެލްތަކުގެ ތެރޭގައި އައިބު ސެލް ވެސް ހިމެނޭނެއެވެ. މިފަދަ އައިބު ސެލްތައް މަރުނުވެ، ކޮންޓްރޯލެއް ނެތި އިތުރުވާ ނަމަ ޑޮކްޓަރުންގެ ބަހުރުވައިން ކެންސަރޭ ކިޔައެވެ. އަދި މިކަމަށް ފަރުވާ އެއް ނުލިބޭނަމަ ފުރާނައަށް ނުރައްކާވެއެވެ. މިގޮތަށް ހުންނަ އައިބު ސެލް އިތުރުވާން ދިމާވާ ވަކި ސަބަބެއް ނޭނނު ނަމަވެސް މިކަމުން ދުރުވުމަށް އެހީތެރިވެދޭ ބައެއް ކާނާ ހުރެއެވެ.
ކެންސަރަކީ އޭގެ ފަރުވާ ވެސް ވަރަށް ވޭން ދެނިވި ނުރައްކާތެރި ބައްޔެކެވެ. ކެންސަރު ޖެހޭ ވަކި ސަބަބެއް ޔަގީނަށް އެނގިފައި ނެތުމުން އެއަށް ވަކި ވެކްސިނެއްވެސް ތައްޔާރުކުރެވިފައެއް ނުވެއެވެ. ނަމަވެސް މިބަލިން ރައްކާތެރިވުމަށް ކެވިދާނެ ބައެއް ކާނާގެ މައުލޫމާތު ސިއްޙީއެހީތެރިން އަންނަނީ ހާމަކުރަމުންނެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ކާނާއަށެވެ.
- ބީޓްރޫޓް
ބީޓްރޫޓަކީ ވިޓަމިން-ބީ އިން މުއްސަނދިވެފައިވާ ކާނާއެކެވެ. މިއީ ހިތުގެ ސިއްޙަތު ރަގަޅުކޮށް ބެހެއްޓުމަށް ވަރަށް މުހިންމު މާއްދާއެކެވެ. ބީޓްރޫޓްގައި ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރާ އެންޓިއޮކްސިޑެންޓް ހިމެނެއެވެ. މީގެ ސަބަބުން ކިޑްނީއަށް ކެންސަރު ޖެހުމުން ދުރުކޮށްދޭނެއެވެ. ބީޓަލައިން ނަމަކަށް ކިޔާ މި އެންޓިއޮކްސިޑެންޓް ކެންސަރު އުފައްދާ ސެލްތަކާ ހަނގުރާމަކޮށް އެ ސެލްތައް މަރާލައެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ކޮންމެވެސް މިންވަރަކަށް ބީޓްރޫޓް ހިމަނަން އާދަކުރާށެވެ.
- ފޮނިތޮށި
ފޮނިތޮއްޓަކީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދީ، ހަށިގަނޑުގެ އެތެރޭގެ ދުޅަތިރިކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ކެންސަރު އުފައްދާ ސެލްތައް އާލާވުން ހުއްޓުވާދެއެވެ. ފޮނިތޮށީގައި ހިމެނޭ އެންމެ މުހިންމު މާއްދާއަކީ އޭގައި ހިމެނޭ އެސެންޝަލް އޮއިލްއެވެ. ދުވާލެއްގެ މައްޗަށް 1 ސަމުސާ ފޮނިތޮށި ބޭނުން ކުރެވޭ ނަމަ ފޮނިތޮށި އޭގެ ވަޒީފާ ބަރާބަރަށް އަދާކުރަމުން ދާނެއެވެ.
- ޒައިތޫނި ތެޔޮ
ޒައިތޫނި ތެލަކީ އޭގައި ވަރަށް ގިނަ ސިއްޙީ ފައިދާ ހިމެނޭ ތެލެކެވެ. އޭގެ ތެރޭގައި ސްޓްރޯކުން ރައްކާތެރި ކުރުމާއި، ހިތުގެ ބަލިތަކުގެ އިތުރުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ. ނަމަވެސް އެންމެ ފާހަގަ ކުރެވޭ ކަމަކީ މިތެލަކީ އުރަމަތީގެ ކެންސަރު އަދި ހަޖަމްކުރުމުގެ ނިޒާމާ ގުޅުންހުރި ގުނަވަންތަކުގެ ކެންސަރާ ހަނގުރާމަ ކުރާ އެއްޗެއް ކަމެކެވެ. އެހެންކަމުން ތިމާއާއި އާއިލާގެ ސިއްޙަތު ރައްކާތެރިކުރުމަށް ކެއްކުމުގައި އާންމުކޮށް ޒައިތޫނި ތެޔޮ ބޭނުންކުރާށެވެ.
- ހުތް މޭވާ
ލުނބޯ، ގްރޭޕްފުރުޓް، އޮރެންޖް އަދި އަލަނާސީއަކީ ކެންސަރު ސެލްތައް އުފެއްދުން މަދުކުރުވާ މޭވާއެވެ. ދުވާލަކު އޮރެންޖެއް ކާނަމަ ނޭވާލުމާއި ހަޖަމްކުރުމުގެ ނިޒާމާ ގުޅުންހުރި ގުނަވަންތަކަށް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި މިއިން ކޮންމެވެސް އެއް މޭވާ އެއް ހިމަނަން އާދަކުރާށެވެ. ފަނިގިރައިގެން ވެސް ބޮވިދާނެއެވެ.
- ފްލެކްސް ސީޑް
އިއްދައިން ކެނޑިފައިވާ އަންހެނުންގެ މެދުގައި ވަރަށް އާންމުކޮށްފެންނަ ބްރެސްޓް ޓިއުމަރގެ ނުރައްކާ ކުޑަކުރުމަށް ފްލްކްސް ސީޑް ބޭނުން ކުރާށެވެ. މިއީ ވަރަށް ގިނަ އަދަދަކަށް ފައިބަރ ހިމެނޭ ކާނާއެކެވެ. ކުއްލިއަކަށް ގިނައިން ސެލް އުފެއްދުން ހުއްޓުވުމަށް މި ސީޑްއެހީތެރިވެދޭނެއެވެ. މިއީ މާ ގަދަ ރަހައެއް ހުންނަ އެއްޗެއް ނޫނެވެ. އެހެންކަމުން ކޮންމެ ކާ އެއްޗަކާއެކުގައި ވެސް ބޭނުން ކުރެވިދާނެއެވެ.
- ލޮނުމެދު
ލޮނުމެދުގައި ހިމެނޭ އެލިސިން، ކެންސަރު އުފައްދާ ސެލްތައް މަރާލައެވެ. އެލިސިން އަކީ ފިޔާ ގައިވެސް ހުންނަ މާއްދާއެކެވެ. ލޮނުމެދަކީ އެއިން ދުވާ ވަހުގެ ސަބަބުން ބައެއް މީހުން ބޭނުން ނުކުރާ އެއްޗެކެވެ. ނަމަވެސް މިހާރުން ފެށިގެން ބޭނުން ކުރަން ރަގަޅު އެއްޗެކެވެ. ނަމަވެސް މާ ގިނަ ވެއްޖެނަމަ ހޮޑުލެވި، ގޭސް އުފެދި، ބޯ އަނބުރާގޮތް ވެދާނެއެވެ.
- ޓޯމާޓޯ
ޓޮމާޓޯގައި ހިމެނޭ ލައިކޮޕީން އަކީ ކެންސަރާ ހަނގުރާމަކުރުމުގެ ގާބިލްކަން ލިބިފައިވާ މާއްދާއެކެވެ. ޓޮމާޓޯ ބޭނުން ކުރުމުން ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ކެއްކުމުގައި، ސެލެޑްގައި ނުވަތަ ޖޫހުގެ ގޮތުގައި ވެސް ދުވާލަކު ދެ ޓޮމާޓޯ ބޭނުން ކުރަން އާދަކުރާށެވެ.
މީގެ އިތުރުން ވެސް ކެންސަރ ސެލްތަކާ ހަނގުރާމަކޮށް އެއިން ރައްކާތެރިކަން ދިނުމުގައި ފާހަގަ ބައެއް ތަކެތީގެ ތެރޭގައި ފަޅޯ، ސްޕިނެވް، އާފަލު، ވޯލްނަޓް، ބްލޫބެރީ އަދި އޯޓް މީލް ހިމެނެއެވެ.
ކެންސަރުގެ ނުރައްކާ އިތުރުކޮށްދޭ ބައެއް ކާތަކެތީގެ ތެރޭގައި ތައްޔާރީ ކާނާ، މެޔޮނައިޒް، ބަޓަރ އަދި ހަނާކުރި ކާނާގެ އިތުރުން ހަކުރު އެކުލެވޭ ބުއިންތައް ހިމެނެއެވެ.
މައުލޫމާތު https://www.medlife.com އިން ނަގާފައި
