ޓައިޕް ވަން ޑައިބެޓީސް، ނުވަތަ އިންސިއުލިން އަށް ބަރޯސާވާ ހަކުރުބަލި ހުންނަ މީހުންނަށް ދިމާވާ އެއްކަމަކީ، ލޭގައި ހަކުރު ހުންނަން ޖެހޭ މިންވަރަށް ވުރެ ހަކުރުގެ ލެވެލް ދަށްވުމެވެ. މި ސިއްޙީ ހާލަތަށް ކިޔާ ނަމަކީ ހައިޕޯގްލައިސީމިއާއެވެ. އަދި މި ލެވެލް މާ ބޮޑަށް ދަށަށް ގޮސްފިނަމަ، މީހާގެ ފުރާނައަށް ވެސް ނުރައްކާވެއެވެ.

ހައިޕޯގްލައިސީމިއާއަކީ ހަކުރުބަލިން ދިމާވާ ކަމަކަށް ވިޔަސް، އެކަމަށް ބޮޑަށް މަގުފަހި ކޮށްދެނީ ދިރިއުޅުމުގެ ވައްޓާފާޅި ގެންގުޅޭ ގޮތުންނެވެ. އެގޮތުން، ކެއުމުގެ ވައްޓަފާޅިއާއި، ކަސްރަތު ނުކުރުން އަދި ކެވޭ ބޭހެއްގެ ސަބަބުންވެސް ހަކުރުބަލި ހުންނަ މީހުންނަށް ހައިޕޯގްލައިސީމިއާ ދިމާވެދާނެއެވެ. 

ހައިޕޯގްލައިސީމިއާގެ ބައެއް އަލާމާތްތަކަކީ، ބޮލުގައި ރިހުން، ބޯ އެނބުރުން، ދާހިއްލުން، ވަރުދެރަވުން، އަދި ތުރުތުރު އެޅުމެވެ. މިކަމަށް އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ، ހޭނެތުން، ނުވަތަ ފިޓު ޖެހުން، ނުވަތަ ކޯމާ އަކަށް ދިޔުން ވެސް އެކަށީގެންވެއެވެ. ވީމާ ހައިޕޯގްލައިސީމިއާ ނުވަތަ ހަކުރުގެ ލެވެލް ދަށަށް ދާނަމަ، ގޭގައި ކުރެވިދާނެ އެއް ކަމަކީ، ފަސޭހައިން ހަޖަމުވާ ކަހަލަ ކާބޯހައިޑްރޭޓްސްގެ 15 ގުރާމުގެ ކާނާ ކެއުމެވެ. އޭރުން ގުލުކޯސް ލެވެލް ހުންނަން ޖެހޭ ވަރަށް ރުޖޫއަކޮށްދޭނެއެވެ. 15 ގުރާމު ކާބޯހައިޑްރޭޓްސްގެ މިސާލަކީ:

 ބައި ޖޯޑު އޮރެންޖު ޖޫސް ނުވަތަ

 އެއް މޭޒުމަތީ ސަމުސާ މާމުއި ނުވަތަ

 ފަސް ލޮނު ބިސްކޯދު (ސޯލްޓް ކްރެކާސް) ނުވަތަ

އެއް މޭޒުމަތީ ސަމުސާ ހަކުރު ނުވަތަ

ތާޒާ ނޫނީ ހިކި މޭވާ

ހައިޕޯގްލައިސީމިއާއިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި:

1. ކޮންމެ ދުވަހަކު ތިން އިރު ކެއުން (ކޮންމެ ދުވަހަކު ކެއުމަށް އެއް ގަޑިތަކެއް ކަނޑައަޅަން ވާނެއެވެ.)

2. ކާ ގަޑިތަކުގެ ދޭތެރޭގައި ކުދިކުދި ކާއެއްޗެހި ކެއުން

3. ކާ ގަޑިތަކުގެ ދޭތެރޭގައި 5-4 ގަޑި އިރަށްވުރެ ގިނަ ވަގުތު ނުބޭއްވުން (މިސާލަކަށް ހެނދުނުގެ ސައި 9 ޖަހާއިރު ބޯ ނަމަ، މެންދުރުގެ ކެއުން 12 ނުވަތަ 1 ޖަހާއިރަށް ކަނޑައެޅުން) 

4. ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު ނުވަތަ އެއް ގަޑި އިރު ވަންދެން ކަސްރަތު ކުރުން. (ދުވުން، ހިނގުން ނުވަތަ ޖިމަށް ގޮސްގެން ކުރާ ކަސްރަތު ވެސް ކޮށްލެވިދާނެއެވެ.)

5. ޤަވާއިދުން ކޮންމެ ދުވަހަކު ގުލުކޯސް ލެވެލް ޗެކު ކުރުން

6. މަހަކު އެއްފަހަރު ޑޮކްޓަރަށް ދެއްކުން