ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ބާސެލޯނާއާ ނަޕޯލީ ބައްދަލުކުރާން ޖެހުނުއިރު، އިންޓަ މިލާނުން ނިކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

ދެ ސީޒަނަށްފަހު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ވާދަކުރާ ސްޕެއިނުގެ އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އިން އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއާ ބައްދަލުކުރާން ޖެހުނުއިރު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ދެ މެޗުން ބާސެލޯނާ ކުރިހޯދީ 5-3 ގެ އެގްރިގޭޓުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ކުޅެން ޖެހެނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއެކު މި ފަހަރުގެ މުބާރާތުގައި އެއް ގްރޫޕެއްގައި ހިމެނި ދެވަނަ މަގާމް ހާސިލްކުރި ޑެންމާކްގެ ކޯޕަންހޭގަންއާ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ސްޕެއިނުގެ ރެއާލް މެޑްރިޑް ނިކުންނާނީ ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށެވެ. ކުރީގެ ދެ ޗެމްޕިއަނުންގެ ކުރިމަތިލުމެއްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރާނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އާ އެވެ. 

ދެން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަށް ވެގެންދާނީ އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު އިންޓައާ ސްޕެއިނުގެ ގަދަބާރު އެތުލެޓިކޯގެ މެޗެވެ. ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކް ބައްދަލުކުރާނީ އިޓަލީގެ ލާޒިއޯ އާ އެވެ.

އަހަރުތަކަކަށްފަހު ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބު މުބާރާތުގައި ވާދަކުރާ އިންގްލެންޑްގެ އާސެނަލް ކުޅެން ޖެހެނީ ޕޯޗުގަލްގެ އެފްސީ ޕޯޓޯއާ އެވެ.

2019/2020 ވަނަ އަހަރުގެ ސީޒަނުގެ ފައިނަލްގައި ކުޅުނު ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރަން ޖެހެނީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑް އާ އެވެ.