އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސް 0-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

މީގެކުރީން، މާޒިޔާ އިން ވަނީ 2016، 2019/20 އާއި 2020/21 އަދި 2022 ވަނަ އަހަރުގެ ސީޒަނުގައި ވެސް ލީގު ކާމިޔާބުކޮށްފައެވެ.

މިއަދުގެ މެޗާއެކު މާޒިޔާ އިން ވަނީ 14 މެޗުން 40 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 14 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް މާޒިޔާ އަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ސާބިއާ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް އީގަލްސްގެ ރިލްވާން ވަހީދު (ރިލޭ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މާޒިޔާ އިން ލީޑްނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ޓީމުން ވަނީ ލީޑް ފުޅާކުރުމާ ގާތަށް ޖެހިލައިފައެވެ. އެ ޓީމުގެ ޖަޕާން މިޑްފީލްޑަރު، ޓޮމޯކީ ވާޑާ ނެގި ކޯނަރަކުން މުޙައްމަދު އިރުފާން (އިރޭ) ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މި މެޗުގައި އީގަލްސް އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.