ކިވީއަކީ މީރު މޭވާއެއްގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާއެއް އެކުލެވޭ އެއްޗެކެވެ. އޭގެތެރޭގައި، ފައިބާ، ވިޓަމިން ސީ، ވިޓަމިން، އީ، ވިޓަމިން ކޭ، ފޯލޭޓް، ކޮޕާ، ޕޮޓޭސިއަމް، އެންޓިއޮކްސިޑެންޓްސް އަދި ޕްރޮޓީންއާއި އަޔަން ހިމެނެއެވެ.
އެހެންކަމުން، މިހާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއަކުން ހަށިގަނޑަށް ކުރާ ފައިދާތައް ވަރަށް ގިނަ ވާނެކަން ޔަޤީނެވެ.
1. ހަޖަމުކުރުމުގެ ނިޒާމަށް ވަރަށް ރަނގަޅު
ކިވީގައި އެކުލެވޭ ޑައިޓްރީ ފައިބާއާއި އެކްޓިނައިޑިން ކިޔާ އެންޒައިމްގެ ބާވަތެއްގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮ ކޮށްދެއެވެ. މައިގަނޑު ކެއުން ނިންމާލުމަށްފަހު ކިވީއެއް ކާލުމުން، ބަނޑަށް ފަސޭހަކަން އިޙުސާސް ވާނެއެވެ. ސަބަބަކީ، މަހުގެ ބައެއް ބާވަތްތަކުގައި އެކުލެވޭ ޓަފް ޕްރޮޓީންސް ހަށިގަނޑުގައި ފަސޭހައިން ފުނޑުވެގެން ދާތީއެވެ. މީގެ އިތުރުން، ކިވީ ކެއުމުން ބަނޑުހަރުވުން ފަދަ ކަންކަމުން ވެސް ދުރުކޮށްދެއެވެ.
2. ލޭގެ ޕްރެޝަރު ރެގިއުލޭޓްކޮށްދޭ
ކިވީ ކެއުމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ވަކި މިންގަނޑެއްގައި ހިފަހައްޓައިދެއެވެ. މީގެ ސަބަބުން ހާޓް އެޓޭކް އާއި ސްޓްރޯކް އިން ދުރުކޮށްދިނުމަށް އެހީވެދޭނެއެވެ. އެއީ ކިވީގައި ހިމެނޭ ލޫޓެއިން ކިޔާ އެންޓިއޮކްސިޑެންޓާއި ވިޓަމިން ސީ ގެ ސަބަބުންނެވެ.
3. ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ
ބަރުދަން ލުއިކުރަން ބޭނުންވާނަމަ، ކެއުމުގައި ކިވީ ހިމަނާށެވެ. އެގޮތުން، ހެނދުނުގެ ނާސްތާގައި ކިވީއިން ސްމޫތީއެއް ނުވަތަ ޝޭކެއް ހަދައިގެން ބޯލެވިދާނެއެވެ. ސަބަބަކީ، ކިވީއަކީ ރަނގަޅު މިންވަރަކަށް ފައިބާ އެކުލެވޭ، ލޯ ކެލަރީ މޭވާއަކަށް ވާތީއެވެ.
އިތުރު ފައިދާތައް:
- ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ
- ލޮލުގެ ފެނުމުގެ ބާރު ގަދަކޮށްދޭ
- ހަންގަނޑު އުޖާލާކޮށްދޭ
- ނޭވާހިއްލާ މީހުން ކާން ރަނގަޅު މޭވާއެއް
- ނިދުމަށް އެހީވެދޭ
- ހިތުގެ ބަލިތަކުން ދުރުކޮށްދޭ
މި ހުރިހާ ކަމަކަށް ބަލާނަމަ، ދުޅަހެޔޮ ސިއްހަތެއް އެދޭ ނަމަ ކިވީ އަކީ ކޮންމެހެންވެސް ކެއުމުގައި ހިމަނަންޖެހޭ އެއްޗެއްކަން އެނގިގެން ދެއެވެ