އިނގިރޭސި ލީގު ކަޕްގެ ގުރު ނެގިއިރު ސެމީ ފައިނަލްގައި ލިވަޕޫލްއާ ފުލަމް ބައްދަލުކުރާން ޖެހުނުއިރު، ޗެލްސީން ނިކުންނާނީ ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ މިޑްލްސްބަރާއާ ދެކޮޅަށެވެ.
މިއީ ލިވަޕޫލުން މުބާރާތުގެ ސެމީގައި ކުޅޭ 19 ވަނަ ފަހަރެވެ. އޭގެތެރެއިން، ނުވަ ފަހަރު އެ ޓީމުން ޗެމްޕިއަންކަން ހޯދާފައިވާއިރު، އެއީވެސް ރެކޯޑެކެވެ.
ލިވަޕޫލުން ސެމީ އަށް ދަތުރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްގެންނެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ކާޓިސް ޖޯންސް އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަލާހު އާއި ޑޮމިނިކް ސޮބޯސްލާއީ އަދި ކޯޑީ ގަކްޕޯ އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖަރޮޑް ބޮވެން އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގުގެ މެޗުތައް އޮންނާނީ ޖަނަވަރީ މަހުގެ ހަތަރުވަނަ ހަފްތާގައެވެ.
މި ފަހަރުގެ ފައިނަލް މެޗު އޮންނާނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.
