ކޮޕާ އިޓާލިއާގައި އަމިއްލަ ދަނޑުގައި ބޮލޯނިއާ އަތުން 2-1 އިން ބަލިވެ، އިންޓަ މިލާނުން އެ މުބާރާތުގެ ގަދަ 16 ގެ ބުރުން ކަޓައިފިއެވެ.
މިއީ މި މުބާރާތުގައި މި ދެ ޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އިންޓަ ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި އިންޓަ އަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ އިތުރުވަގުތުގައެވެ.
މި މެޗުގެ ފުރިހަމަވަގުތުގެ ތެރޭގައި އިންޓަ އަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން، ލަޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅަ ބޮލޯނިއާގެ ގޯލްކީޕަރު، ފެޑެރީކޯ ރަވާލިއާ ހުއްޓުވިއެވެ.
އިންޓަ އިން ލީޑްނެގީ އިތުރުވަގުތުގެ ފުރަތަމަ ހާފު ފެށިތާ ދެ މިނެޓުގެ ތެރޭގައި އެ ޓީމުގެ ޑިފެންޑަރު، ކާލޮސް އަގުސްޓޯ ބޮލުން ވައްދާލި ލަނޑުންނެވެ.
ބޮލޯނިއާ އިން އެއްވަރުކުރި ލަނޑު، 112 ވަނަ މިނެޓުގައި ސޭމް ބެއުކެމާ ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓުފަހުން އެ ޓީމު މޮޅުކޮށްދިނީ ޑޭން އެންޑޯޔޭ އެވެ.
އިންޓަގެ އިތުރުން އެންމެ ފަހުގެ ލީގު ޗެމްޕިއަން، ނަޕޯލީ އަށް ވެސް ދެވަނަ ބުރުގައި ކުރިމަތިވީ ނާކާމިޔާބީއެވެ. އެ ޓީމު ވަނީ މިދިޔަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ފްރޮސިނޯނޭ އަތުން 0-4 އިން ބަލިވެ، މުބާރާތުން ކަޓައިފައެވެ.
