އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލޭ ސިޓީން ކުނި ނަގާނީ ދަންވަރު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
މާލޭ ސިޓީން ކުނި ނެގުމަށް ބަދަލު ތަކެއް ގެންނަން ނިންމާ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ މިގޮތަށް ބަދަލު ގެންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
"ކޮންމެ ރެއަކުވެސް ރޭގަނޑު 10:00ގެ ކުރިން ކުނި ކޮތަޅު ބޭރަށް ނެރެން ޖެހޭނެ. އަޅުގަނޑުމެން ކުނި ނަގަން ފަށާނަން 12:00 އިން ފެށިގެން. ފަތިސް ނަމާދުގެ ކުރިން އަޅުގަނޑުމެން އެ ކުނިތައް ނަގައި މަގުތައް ސާފު ކުރާނަން." އާދަމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ވެމްކޯގެ މުވައްޒަފުންނަށް ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރޭގަނޑު ނުނިދާ ހޭލައި ތިބެގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ.
މާލޭ ސިޓިގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތަށްފަހު އަލުން ސްކޫލުތައް ހުޅުވޭއިރު، މާލޭގެ މަގުމަތި ސާފުކޮށް ބެހެއްޓުމަކީ އެ ކައުންސިލުގެ އަމާޒެއް ކަމަށެވެ.
މާލޭގައި މިހާރު ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން ކުރަމުން އަންނަނީ މެންދުރު ފަހުންނެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް ގޭގެ ބޭރުގައި ކުނި ކޮތަޅު ބެހެއްޓުމަށް ވެމްކޯއިން ވަނީ އަންގާފަ އެވެ.
ނަމަވެސް މިގޮތަށް އަމަލު ކުރުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ޖަމާކުރުން ވަނީ އިތުރުވެފަ އެވެ.
