ބޮލުގައި ރިހުމަކީ ކޮންމެ މީހަކު ވެސް ކޮންމެވެސް ހިސާބެއްގައި ތަހައްމަލު ކުރާނެ ވޭނެކެވެ. އަދި މި ކަން ދިމާވުމުގައި ވަކި އުމުރެއް އިސްތިސްނާ ނުވެއެވެ. އެކި އެކި ސަބަބުތަކާހުރެ އެކި މީހުން ބޮލުގައި ރިއްސާއިރު، މައިގްރޭން އަކީ ކޮބައިކަން އެނގެނީ އޭގެތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟
އެހެން ގޮތަކަށް ބުނާނަމަ، އާދައިގެ ބޮލުގައި ރިއްސުމާއި، މައިގްރޭން އަކީ ތަފާތު ދެ އެއްޗެއް ކަން އެނގޭ ހެއްޔެވެ؟ މިފަހަރު މި ލިޔެލަނީ ބޮލުގައި ރިއްސުމާއި މައިގްރޭން އާ ހުރި ތަފާތު ދެނެގަންނާނެ ގޮތެވެ.
ބޮލުގައި ރިއްސުން
އާއްމުކޮށް ބޮލުގައި ރިއްސާއިރު، ބޮލަށް ބާރުވެ ތަދުވާ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި މިކަހަލަ އާދައިގެ ބޮލުގައި ރިހުމުގައި ރިއްސާނީ ބޮލުގެ ދެފަޅިއަށެވެ. އަދި ނިތްކުރިމައްޗަށާއި، ބޮލުގެ ފަހަތް އަދި ކަނދުރާއާ ދިމާލުގައި ޕްރެޝަރު އިހުސާސް ކުރެވޭނެއެވެ. މިގޮތަށް ރިއްސާ ރިއްސުން އެއްބައި ފަހަރު ލުއިވެފައި، އަނެއްބައި ފަހަރު ވަރަށް ގަދަޔަށް ވެސް ރިއްސަފާނެއެވެ. ބޮލުގައި ރިއްސުމުގެ އެކި ވައްތަރުތައް ހުރެއެވެ. އޭގެތެރެއިން އެންމެ އާންމު ވައްތަރަކީ "ޓެންޝަން ހެޑޭކް" އެވެ. އެއީ ސްޓްރެސްވެ، ސިކުނޑިއަށް ބާރުބޮޑުވުމުގެ ސަބަބުން ބޮލުގައި ރިހުމެވެ. އަދި އެންޒައިޓީގެ ސަބަބުންވެސް "ޓެންޝަން ހެޑޭކްސް" އާދެއެވެ. މިގޮތަށް ބޮލުގައި ރިއްސުމުން، އާންމުކޮށް ކާނީ ޕެނެޑޯލް ކަހަލަ ބޭހެކެވެ. މީގެ އިތުރުން، މަސާޖުކޮށް، އަރާމު ކުރުމުންވެސް ބޮލުގައި ރިހުން ކެނޑޭނެއެވެ.
މައިގްރޭން
މައިގްރޭންގައި، ބޮލުގައި ރިހުމުގެ އިތުރުން މޭނުބައި ކުރުމާއި، ލޮލުގައި ރިއްސުން ނުވަތަ ކަންފަތުގައި ރިއްސުން، އައްޔަށް ބަލަން އުނދަގޫވުން އަދި ލޮލުގެ ފެނުމަށްވެސް އެވަގުތު ގޮތް ގޮތް ވެއެވެ. އެއްބައި މީހުންނަށް މައިންގްރޭންގެ ވޭންގަދަ ވެގެން ހޮސްޕިޓަލަށް ވެސް ދާންޖެހެއެވެ. މައިގްރޭންގައި، އާދައިގެ ބޮލުގައި ރިއްސުމާއި ޚިލާފަށް ތަދުވާނީ ބޮލުގެ އެއްފަޅިއަށެވެ. އަދި އެފަޅިން ވިންދު ޖަހާ ކަހަލަ އިހުސާސެއް ކުރެވި، ވަރަށް ބޮޑަށް ރިއްސާނެއެވެ. ހަމައެހެންމެ، ކުރާ މަސައްކަތްތަކަށްވެސް ބުރޫއަރާހާ މިންވަރަށް ބޮލުގައި ރިއްސާނަމަ، އެއީ މައިގްރޭން ކަމަށް ބަލާށެވެ. މައިގްރޭން އިން ފަރުވާ ހޯދުމަށް، އެކަމަށް ޑޮކްޓަރު ލިޔެފައި ހުންނަ ބޭސް ބޭނުންކޮށް އުޅެއެވެ
