ކޮވިޑް-19 ޖެހުމާއި އެކު ފާހަގަ ކުރެވޭ އެންމެ އާދަޔާ ޚިލާފް އަލާމާތަކީ ވަސްބެލުމުގެ ޙިއްސުގެ މަސައްކަތް ފަނޑުވެގެން ދިއުމެވެ. މިކަމަށް އެއްވެސް ބޭހެއް ނުވެއެވެ. ކޮވިޑްގެ އާލާމާތްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހުން ފިލައިގެންދާ އަލާމާތަކީވެސް މިއެވެ. ނަމަވެސް ވަސްބެލުމުގެ ހިއްސު ފަނޑުވުމުގެ ސަބަބުން ބަލިމީހުނަށް ނަފްސާނީގޮތުންވެސް އަސަރުކުރެއެވެ. ކާއެއްޗެހީގެ ވަސް އަދި ރަހަ ނޭނގުމުގެ ސަބަބުން ކާހިތްކުޑަވެއެވެ. އަދި ރަގަޅަށް ނުކެވޭނަމަ ބަލި ފަސޭހަވުމަށް ގިނަ ދުވަސް ނަގައެވެ. މިކަމަށް ކުރެވޭނެ ވަކި ޚާއްސަކަމެއް ނުވަތަ ކެވޭނެ ވަކި އެއްޗެއް ވެސް ނެތެވެ. ނަމަވެސް މި މަރުޙަލާ އަވަސްކޮށް، ވަސް ބެލުމުގެ ޙިއްސު ޢިޔާދަކުރުމަށް އެހީތެރިވެދޭ ބައެއް ކާނާ އާއި ކަންކަން ސިއްހީމާހިރުންނާއި ތަޖުރިބާކާރުން ފާހަގަ ކޮށް އިރުޝާދު ދީފައެވެ.
- ލޮނުމެދު

ލޮނުމެދު ފާހަގަ ވެފައިވަނީ އޭގައި ހިމެނޭ އެންޓިވައިރަލް އަދި ދިފާޢީ ނިޒާމުގެ ބާރުގަދަކުރާ މާއްދާގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަމުގައި ވަރަށް ގިނަ ބަޔަކު ބޭނުންކުރި އަދި މިހާރުވެސް ބޭނުން ކުރަމުންދާ އެއްޗެއްގެ ގޮތުގައެވެ. އަޔުރުވެދިކް ބޭސްކުރާމީހުން ހާމަކުރާ ގޮތުގައި ލޮނުމެދުގައި ހިމެނޭ ދުޅަތިރިކުރާ މާއްދާގެ ސަބަބުން ނޭފަތުގެ އެތެރޭގެ ދުޅަ ތިރިކޮށް ނޭވާލާން ފަސޭހަކޮށްދީ، އޭގެ ސަބަބުން ވަސްބެލުމުގެ ޙިއްސު ޢިޔާދަކުރުމަށް އެހީތެރިވެދޭނެއެވެ. ލޮނުމެދު ޗިސްކޮށްލުމަށްފަހު ހޫނު ފެންތައްޓެއްގެ ތެރެއަށް އަޅާފައި އެއިން ބޭރުވާ އާވި އެތެރެއަށް ނޭވާލާށެވެ. މީގެ ތެރެއަށް ލުނބޯހުތް ފޮދެއް އިތުރުކޮށްލުމުން އިތުރަށް ރަގަޅުވެގެން ދާނެއެވެ. ލުނބޮއަކީ އަރިދަފުސް ރޯގާ ރަގަޅު ކުރުމަށް އަދި އެއިން ރައްކާތެރިވުމަށްވެސް ބޭނުންކުރާ އެއްޗެކެވެ.
- މުގުރި ހިކި މިރުސް

ހަވާދުގެ ތެރޭގައި ހިމެނޭ ކުޅި ބާވަތްތަކަކީ ވަސްބެލުމުގެ ހިއްސު ޢިޔާދަކުރުމަށް އެހީތެރިވެދޭނޭ ބާވަތްތައް ކަމަށް ގިނަބަޔަކު ބުނި ނަމަވެސް ސައިންސްގެ އަލީގައި މިކަން ސާބިތުވެފައެއް ނުވެއެވެ. މިރުހުގައި ހިމެނޭ ގަދަވަހުގެ ސަބަބުން ނޭފަތުގެ އެތެރެ ސާފުވެ، ނޭފަތުގެ މަސައްތައް ރަގަޅަށް ހިނގަން ފެށުމުން ވަސްބެލުމުގެ ހިއްސު އަވަހަށް ޢިޔާދަވުމަށް އެހީތެރިކަން ލިބޭނެކަމަށް އެކަން ކުރިމީހުން ފާހަގަކުރިއެވެ. މިއީވެސް އަރިދަފުސް ފިލުވާލުމަށް ވަރަށް ރަގަޅު އެއްޗެކެވެ. އަރިދަފުސް ރޯގާއާއި ޒަވަ ނޭފަތްތެރެއިން ފިލުމުންވެސް ވަސް ބެލުން ރަގަޅުވާނެއެވެ. އެއްތަށި ފެނަށް ބައި ސަމުސާ މުގުރިމިރުސް އަޅައިގެން ގިރާށެވެ. ފޮނި ކުރުމަށް މާމުއިކޮޅެއް ބޭނުން ކުރާށެވެ.
- އެސެންޝަލް އޮއިލް

ވަސްބެލުމުގެ ތަމްރީނަކީ ވަސްބެލުން ޢިޔާދަކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެރޯމާތެރަޕީގެ ފަރުވާދޭ މީހުންވަނީ، ކޮންމެ ދުވަހަކު 4 ވައްތަރެއްގެ ތަފާތު އެސެންޝަލް އޮއިލްއިން ވަސްބެލުމަށް އިރުޝާދު ދީފައެވެ. މީގެ ތެރޭގައި ފިނިފެންމާ، ކަރަންފޫ އަދި ޔުކްލަޕްޓަސްގެ އިތުރުން ލުނބޯ ހިމެނުމަށް އިރުޝާދުދެއެވެ. ދެއިރު ނުވަތަ ތިން އިރު 40-20 ސިކުންތަށް މިހެން ވަސްބަލާށެވެ.
- އާމަނަކަ ތެޔޮ

އާމަނަކަ ތެލަކީވެސް ވަރަށް ބާރުގަދަ ތެލެކެވެ. އެންޓިއޮކްސިޑެންޓް އަދި އެންޓިއިންފްލަމެންޓަރީ މާއްދާތަކުން މުއްސަނދިވެފައިވާ މިތެލަކީ ސައިނަސް ހުންނަ މީހުނާއި އެކި ކަހަލަ އެލަރޖީތައް ހުންނަމީހުންވެސް ވަރަށް ގިނައިން ބޭނުން ކުރާތެލެކެވެ. ކެއްސުމާއި އަރިދަފުސް ރޯގާ ރަގަޅުކޮށްދިނުމަށް އެހީތެރިވާ މި ތެލުގެ ސަބަބުން އަވަހަށް ވަސް ބެލުމުގެ ހިއްސު ޢިޔާދަވުމަށް އެހީތެރިވެދޭނެއެވެ. އާމަނަކަ ތެޔޮ ތިކެއް ހޫނުކޮށްލުމަށްފަހު ނޭފަތުގެ ހިނދުރި ކައިރިއަށް ޖަހާލާށެވެ. ދެން ފުންކޮށް ނޭވާލާށެވެ. އާވިއަރުވާ ނަމަ އޭގެ ތެރެއަށްވެސް އާމަނަކަ ތެޔޮ ތިކެއް ޖަހާށެވެ.
- އަންދާލާފައިވާ އޮރެންޖެއް

މިއީ ވެސް ސައިންސްގެ އަލީގައި ސާބިތުވެފައި ނެތްނަމަވެސް މިކަން ގިނަ ބަޔަކު ތަޖުރިބާ ކޮށް އަދި އެދެވޭ ނަތީޖާ ފެނުނުކަމަށް ބުނާ އެއްޗެކެވެ. އޮރެންޖެއް ފަޅާލުމަށްފަހު އޭގެ މަތީބައި އަންދާލުމަށްފަހު އޭގެ ވަސް ބަލާށެވެ. މިއީ ޖެމެއިކާގެ މީހުންގެ މެދުގައި ވަރަށް އާންމުކޮށް ބޭނުން ކުރެވޭ ފަރުވާ އެކެވެ. ނަމަވެސް ޑޮކްޓަރުންގެ ބަހެއް މިކަމުގައި ނެތުމުން މިކަން ކުރުމުގައި ސަމާލުވާން ވާނެއެވެ.
މައުލޫމާތު TIMESOFINDIA.COM އިން ނަގާފައި
