ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލްގައި ރޭ ފަސޭހަކަމާއެކު ބްރެޒިލްގެ ފްލުމިނެންސޭ 0-4 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އެއް އަހަރުގެ ތެރޭގައި ފަސް ތަށި އުފުލާލި ފުރަތަމަ އިނގިރޭސި ކްލަބުގެ ޝަރަފު އެ ޓީމުން ހޯދައިފިއެވެ.
What a year it's been for Man City! ? pic.twitter.com/ap4tFju5CO
— Football on TNT Sports (@footballontnt) December 22, 2023
މިއީ ސިޓީން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމަކީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިނގިރޭސިވިލާތަށް ނިސްބަތްވާ ހަތަރުވަނަ ޓީމެވެ. މީގެކުރީން، ލިވަޕޫން، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެ ކާމިޔާބީ ހާސިލްކޮށްފައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ސިޓީގެ ކާމިޔާބީ ހާއްސަވަނީ އެ ޓީމުން އެއް އަހަރުގެ ތެރޭގައި؛ އިނގިރޭސި ޕްރިމިއާ ލީގު، ޔުއެފާ ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ވެސް ކާމިޔާބުކުރުމާއެކު އެވެ. މިއީ އިނގިރޭސި އެއްވެސް ޓީމަކަށް ހާސިލްކުރެވިފައިވާ ކާމިޔާބީއެއް ނޫނެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގ އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިތާ 40 ސިކުންތުގެ ތެރޭގައި ސިޓީން ލީޑްނެގީ އާޖެންޓީނާ ފޯވާޑް، ހޫލިއަން އަލްވަރޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން އެ ޓީމުގެ ނެދަލެންޑްސް ޑިފެންޑަރު، ނޭތަން އަކޭ ފޮނުވާލި ބާރު ހަމަލާއެއް ފްލުމިނެންސޭގެ ފަބިއޯ ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައި ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި އަލްވަރޭޒް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި މުބާރާތުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ސިޓީން ކާމިޔާބުކުރި ދެވަނަ ގޯލަކީ ފްލުމިނެންސޭގެ ނީނޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ސިޓީގެ ފިލް ފޯޑެން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނީނޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ސިޓީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 72 ވަނަ މިނެޓުގައި ފޯޑެން ކާމިޔާބުކުރީ އަލްވަރޭޒް ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އަލްވަރޭޒް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ.
ރޭގެ ކާމިޔާބީއާއެކު ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ވަނީ މިހާތަނަށް 38 މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އަނެއްކޮޅުން، މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު އުފުލާލި ކޯޗަކީ ވެސް ގާޑިއޯލާ އެވެ. މިއީ އެ މުބާރާތުގެ ޗެމްޕިއަންކަން ގާޑިއޯލާ ހޯދި ހަތަރުވަނަ ފަހަރެވެ. މީގެކުރީން، ގާޑިއޯލާ ވަނީ 2009، 2011، އަދި 2013 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.
Another addition to the trophy cabinet! ?
— Football on TNT Sports (@footballontnt) December 22, 2023
That's 38 major honours as manager now for Pep Guardiola! ? pic.twitter.com/BHdKE8fCTW
