ކޮންމެ އަންހެން ކުއްޖަކު ވެސް، އެމީހެއްދެކެ އިންތިހާއަށް ލޯބިވާ، އަޅައިލާ ބައިވެރިޔަކު ލިބުމުގެ ހުވަފެން ދެކޭނެއެވެ. ނަމަވެސް މި ހުވަފެން ޙަޤީޤަތަކަށް ހެދެނީ މަދު ބަޔަކަށެވެ. ކޮންމެހެން ފިރިހެނުން ނުބައި ކުރަނީކީ ނޫނެވެ. އެހެނަސް ތިމާދެކެ ހަޤީޤީ ލޯބިވާ ހުވަފެނުގެ ބައިވެރިޔާ ހޯދުމަކީ ހަޔާތުގައި ކުރިމަތިވާނެ އެންމެ އުނދަގޫ އެއް އިމްތިހާނެވެ.

މި އިމްތިހާނު ފުރިހަމަ ކުރުމުގެ މަގުމަތީގައި އެތައް ބަޔަކާ ދިމާވާނެއެވެ. ލޯބިވާން ނޭނގޭ މީހުންނާއި، އަޅައިލުމަކީ ކޯއްޗެކަން ނުދަންނަ ފިރިހެނުންނެވެ. އަނެކާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، އުފަލުގައި ބަހައްޓަން ނުކުޅަދާނަ މީހުންނެވެ. ޒިންމާ ނަގަން ޖެހިލުންވާ، ކަންފަސޭހަ މީހުންނެވެ.

މިފަހަރު މި ކިޔައިދެނީ، ހުވަފެނުގެ ބައިވެރިޔާގެ ކިބައިގައި ހުންނާނެ މުހިއްމު ބައެއް ސިފަތަކެވެ. ތިބާގެ ބައިވެރިޔާގެ ކިބައިގައި މި ސިފަތައް ހުންނަ ނަމަ ތިބާގެ ހުވަފެނުގެ ބައިވެރިޔާ ލިބުނީ ކަމަށް ބަލާށެވެ.

1. ގުޅުން ދަމަހައްޓަން މަސައްކަތް ކުރުން

ދެމީހުންގެ ގުޅުން ވަރުގަދަކޮށް، ބުރުލެއް ނާރައި ދަމަހައްޓަން މަސައްކަތް ކުރާ މީހަކީ ތިބާދެކެ ލޯބިވާ މީހެއްކަމަށް ބަލާށެވެ. އެގޮތުން ގުޅުން ދަމަހައްޓަން އޭނާ ގިނަ ކަންކަން ކުރާނެއެވެ. ބައެއްފަހަރު އެއީ އޭނާ އެންމެ ހިތްހަމަޖެހޭ ކަމަކަށް ނުވިޔަސް، ތިބާގެ އުފަލަށްޓަކައި އެކަމެއް ކުރަން ޖެހިލުމެއް ނުވާނެއެވެ. 

2. ތިބާގެ ކުރިއެރުމަށް އެހީވެދިނުން

ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް އެންމެ ހިތްވަރުދީ، އެހީތެރި ވެދެނީ އޭނާ ކަމަށްވަންޏާ އެއީ ތިބާގެ "ސޯލްމޭޓް" އޭ ބުނެވިދާނެވެ. ބައެއް މީހުންނަކީ އަނެކާގެ ކުރިއެރުން އެއްގޮތަކަށް ވެސް ހަޖަމު ނުވާ މީހުންނެވެ. އޭގެ ބަދަލުގައި އޭނާ ތިބާއަށް ތަޢުރީފުކޮށް، ހެޔޮ ނަސޭހަތް ދޭނަމަ އެއީ ރަނގަޅު ފާލެކެވެ.

3. މުއާމަލާތް ކުރުން

ދެމީހެއްގެ ދެމެދުގައި މައްސަލައެއް ޖެހުމުން އެކަން ހައްލުކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ދެކޮޅުން ވާހަކަ ދެއްކުމެވެ. ނަމަވެސް ބައެއް މީހުންނަކީ އަނެކާ ދައްކާ ވާހަކަ އަޑުއަހަން ވެސް ބޭނުންނުވާ މީހުންނެވެ. ޙާއްސަކޮށް މުއާމަލާތް ކުރުން ނުވަތަ "ކޮމިއުނޭޓް" ކުރުމުގައި ފިރިހެނުން އުޅޭނީ ތަންކޮޅެއް ފަހަތުގައެވެ. އެހެންކަމުން ތިބާގެ ބައިވެރިޔާގެ ކިބައިގައި މުއާމަލާތް ކުރުމުގެ ސިފަ ހުންނަ ނަމަ އެއީ ރަނގަޅު ބައިވެރިއެކޭ ބުނެވިދާނެއެވެ. ކަންކަމުގައި ވާހަކަދައްކައި މަޝްވަރާ ކުރުމަކީ ގުޅުން ވަރުގަދަވާ ކަމެއްވެސް މެއެވެ.

4. ހެއްވައިލުން

ފިރިހެނުން ސީރިއަސް ވެގެން ގޮސް މާ ސީރިއަސް ވުމުން ވެސް ކަމަކު ނުދެއެވެ. ބައެއް ފަހަރު ސަމާސާކޮށްލައި، އެކަކު އަނެކަކު ހެއްވައިލުމަކީ ގުޅުން ރަނގަޅު ކޮށްދޭ ކަމެކެވެ. ވީމާ ތިބާ ދެރަވެފައި ނުވަތަ ކަމަކާ "މޫޑު ކަޓާފައި" ހުންނަ ވަގުތުތަކުގައި ހެއްވައިލުމުގެ ޤާބިލުކަން ލިބިފައިވާ މީހެއް ހަޔާތުގެ ބައިވެރިޔަކަށް ހަދާށެވެ. 

5. ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުގައި

ކޮންމެފަދަ ކަމެއް ދިމާވިޔަސް، ބައިވެރިޔާ ތިބާގެ ކައިރީގައި ހުންނާނެ ކަމުގެ އިހުސާސް ކުރެވޭނަމަ، އެއީ ވަރުގަދަ ގުޅުމެއްގެ ނިޝާނެކެވެ.