އައިޖީއެމްއެޗްގައި 6 އެނދާއެކު ސްޓްރޯކް ސެންޓަރު ގާއިމުކޮށްފިއެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި 6 އެނދުގެ ތެރެއިން 2 އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަކޮށްފައިވާ ދެ އެނދު ކަމަށެވެ.

24 ގަޑި އިރު މި ސެންޓަރުން ޚިދުމަތްދޭ އިރު، މިއީ ސްޓްރޯކް ޖެހިގެން ގެނެވޭ ބަލި މީހުންނަށް ލިބެންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ގާއިމުކުރި ސެންޓަރެއް ކަމަށްވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތަށް އެނދުމަތިކުރެވޭ ބަލި މީހުންނަށް އަވަސްފަރުވާ ދެވުމަކީ ސްޓްރޯކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަވެ، ސްޓްރޯކަށް ފަހު، ނުކުޅެދުންތެރިކަމެއް އުފެދުމުގެ ފުރުޞަތު ނިސްބަތުން ދަށްވާ ކަމެއް ކަމަށާއި އެ ސެންޓަރުގެ ސަބަބުން މިފަދަ ބަލި މީހުންގެ ހާލަތު ކުރިއަށްވުރެ ގާތުން ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ ސްޓްރޯކްއަކަށް ފަހު، ޢާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫޢަވުމަށް ބޭނުންވާނޭ ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ އިތުރު ޚިދުމަތްތައްވެސް އެ ސެންޓަރުން ފޯރުކޮށްދޭނެ ކަމަށެވެ.

މިއަދު ގާއިމު ކުރެވުނު ސްޓްރޯކް ސެންޓަރަކީ، ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ފަދައިން އެޑްވާންސް ސްޓްރޯކް ސެންޓަރެއް ގާއިމު ކުރުމަށް އެޅޭ ފުރަތަމަ ބިންގާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.