ކުރަތްޕެއް ފެނިއްޖެނަމަ އެންމެ ގިނަ ބައެއްގެ ހަތިޔާރަކީ ފިހިގަނޑެވެ. ނުވަތަ ކުރަފި މަރާ ސްޕްރޭ ވެސް ބޭނުންކުރެއެވެ. އެހެނަސް، އެއީ ވަގުތީ ކަމެކެވެ. އެއް ކުރަފި މަރައިލިޔަސް، އަނެއްކާ ބަދިގެތެރެއިން އެހެން ކުރަތްޕެއް ނުފެންނާނެ ކަމުގެ ޔަގީންކަމެއް ނޯވެއެވެ. އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ކުރަފީގެ އުނދަގުލުން ބަދިގެ ސަލާމަތް ކުރުމަށް ކުރެވިދާނެ ފަސޭހަ ކަންތައްތަކެކެވެ.
- ހޫނު ފެނާއި ވިނިގާ
ހޫނު ފެނާއި ވިނިގާ އެއްކޮށްލުމަށްފަހު ފޮތިގަނޑަކުން ނުވަތަ ބަދިގެ ސާފުކުރަން ގެންގުޅޭ ކަހަލަ ޓިޝޫ އިން އުނދުން ކައިރިއާއި މޭޒުމަތި ފަދަ ތަންތަން ސާފުކުރާށެވެ. ހަމައެހެންމެ، ސިންކު ތެރެއާއި ފެންދާ ގޮތަށް ހުންނަ ކޮންމެ ތަނަކަށް މި ސޮލިއުޝަން އެޅުމުން އެތަންތަނުން ކުރަފި އާލާވުން ހުއްޓޭނެއެވެ.
- ހޫނުފެން، ލުނބޯ އަދި ބޭކިންގ ސޯޑާ
1 ލީޓަރު ހޫނުފެނުގެ ތެރެއަށް ދެ މޭޒުމަތީ ސަމުސާ ބޭކިންގ ސޯޑާ އާއި އެއް ލުނބޯގެ ހުތް އަޅާށެވެ. ތިނެތި އެއްކޮށްލުމަށްފަހު، މި ސޮލިއުޝަން ވެސް ފެންދާ ތަންތަނަށް އެޅުމުން ކުރަފި އާލާވުން ހުއްޓޭނެއެވެ.
- އެސެންޝަލް އޮއިލްސް
އެސެންޝަލް އޮއިލްގެ ތެރެއިން ޕެޕާމިންޓް އޮއިލް އާއި ލެވެންޑާ އޮއިލް އަކީ ކުރަފި ފަދަ ސޫފިތައް ނެތިކޮށްލުމުގެ ބާރު ލިބިފައިވާ ދެ ތެލެވެ. އެހެންކަމުން، ކޮންމެ ރެޔަކު ބަދިގެތެރެއަށް އެސެންޝަލް އޮއިލް ސްޕްރޭ ކޮށްލާފައި ނިދަން ދާށެވެ. ޙާއްސަކޮށް ބަދިގެ ކަބަޑުތަކަށް ސްޕްރޭ ކުރަން ހަނދާން ކުރައްޗެވެ.
- ކިއުކަމްބާ
ކިއުކަމްބާ އަކީ ކާލަން މީރު، ފައިދާހުރި ތަރުކާރިއެކެވެ. ނަމަވެސް މި ތަރުކާރީގެ ވަހަކީ ކުރަފި މާ ގަޔާވާ ވަހެއް ނޫނެވެ. އެހެންކަމުން، ކުރަފީގެ އުނދަގުލުން ސަލާމަތްވުމަށް ކިއުކަމްބާގެ ފޮތި ބަދިގޭގެ އެކި ތަންތާނގައި ބަހައްޓާށެވެ.
