ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިފްތިތާޙްކޮށްފިއެވެ.

މި ކޭމްޕު އިފްތިތާޙް ކުރުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިމަހު 24 ވަނަ ދުވަހުގެ ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސްއެވެ.

މިމަހު 24 އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ، 80 ފިރިހެން ދަރިވަރުންނާއި އަދި 40 އަންހެން ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެޙުމާން ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް ވަނީ ކޭޕްމްގައި ބައިވެރިވާ ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ކެޑޭޓް ކޭމްޕުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދަރިވަރުންނަށް މަރުޙަބާ ދެންނެވިއެވެ. ޝަރަފުވެރި މެހެމާންގެ ވާހަކަފުޅުގައި، ކޮންމެ ދަރިވަރަކު ވެސް ހިތްވަރާއެކު މަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ އިލްމާއި ހުނަރުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

ކެޑޭޓް ކޭމްޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ކޭމްޕުގެ މުދައްރިބުންނަށް ވަޢުދު ލައިދެއްވުމާއި، ކޭމްޕުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން ވެސް އޮތެވެ. މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕުގެ ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ހުޝާމު މޫސާއެވެ. އަދި ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ސާޖަންޓް މޭޖަރ މުޙައްމަދު ޒުލާލުއެވެ.

މި ކެޑޭޓް ކޭމްޕްގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ބޭސިކް ފަޔަރ ފައިޓީންގ، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒް ހިމެނެއެވެ. މި ކޭމްޕްގައި ކިޔަވާދެއްވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންްސް ފޯސްގެ މުދައްރިބުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ. މީގެ އިތުރުން ސްކޫލްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯއެވެ. މީގެ އިތުރުން ކޭމްޕްގެ މުއްދަތުގައި އެމްއެންސީސީ ގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެއެވެ.

ކެޑޭޓް ކޭމްޕްގެ މަޤްޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުމެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތަޢާރަފް ކޮށްދިނުން ވެސް މި ކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކޭމްޕް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރ ކާނަލް އިބްރާހީމް އަޝްރަފްއާއި، އެމްއެންސީސީގެ އެޖުޓަންޓް ލެފްޓިނެންޓް ކާނަލް މުޙައްމަދު ނާޒިމްއާއި، މިކޭމްޕްގެ ކޮމާންޑަރ މޭޖަރ އަޙްމަދު ޖަމީލްއާއި، ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ހުޝާމު މޫސާއާއި، އެގްޒެކެޓިވް އޮފިސަރ ސާޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލާއި، ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ސާޖަންޓް މޭޖަރ މުޙައްމަދު ޒުލާލާއި، އެމްއެންސީސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެެނެރަލް ކެޑޭޓް ކާނަލް މުޙައްމަދު އަޝްރަފުގެ އިތުރުން ކެޑޭޓް އިންސްޓްރަކްޓަރުންނާއި ކޭމްޕްގެ އެންމެހާ ދަރިވަރުން ބައިވެރިވެލެއްވިއެވެ.