ފުޓުބޯޅައިގެ ރޮނގުން ރާއްޖޭގެ އެންމެ މަޝްޙޫރު އެއް ރަށް ކަމުގައިވާ ކޮޅުމަޑުލު ތިމަރަފުށީގައި ކުޅިވަރު އެކަޑެމީއެއް އުފައްދަން ތައްޔާރުވެއްޖެއެވެ.
މި އެކަޑެމީއަކީ އެރަށުގައި އަލަށް ރަޖިސްޓްރީ ކުރެވުނު "ފަޅުމަސް ސްޕޯރޓްސް" އިން އިސްނަގައިގެން އުފައްދަން ނިންމާފައިވާ އެކަޑެމީއެކެވެ. މިއެކަޑެމީއަށް ދީފައިވާ ނަމަކީ "ތިމަރަފުށި ސްޕޯރޓްސް އެކަޑެމީ"އެވެ.
މި އެކަޑެމީގެ މައިގަނޑު މަޤްޞަދަކީ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމާއި، މި މުބާރާތްތަކަށް ކުޅުންތެރިން ބިނާކުރުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ތިމަރަފުށީ ގެ ނަން ދަމަހައްޓާ އާލާކުރުމެވެ. އަދި މި އެކަޑެމީގެ ތަޞައްވަރަކީ ތިމަރަފުއްޓަކީ ކުޅިވަރުގެ ދާއިރާއިން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދެމުންދާ ރަށަކައްހެދުމާއި، ކުޅިވަރުގެ ހުނަރު އާލާކުރުމާއި، ޒުވާން ހުނަރުވެރި ޖީލެއް އުފެއްދުމާއި، ކުޅުންތެރިންނަށް ކުޅިވަރުގެ ރޮނގުން ރަނގަޅު ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމާއިއެކު، ކުޅިވަރުގެ ދާއިރާއިން ތިމަރަފުށީގެ ނަން ވިދުވާ ޤައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުންކަމަށް ފަޅުމަސް ސްޕޯރޓްސް ކްލަބްގެ ރައީސް ހުސައިން ޝަރީފް ވިދާޅުވިއެވެ.

އަދި އެކި ކުޅިވަރުތަކުން ގައުމީ ލެވެލްގައި ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައިދުނުމަށް މަސައްކަތް ކުރުމާއި، ތިމަރަފުށީގައި ކުޅިވަރުގެ ޖީލެއް ނެތުމުގެ ކަންބޮޑުވުމާއި އެކު، ކުޅިވަރު ކުޅުމުގެ ހުނަރުން ފުރިފައިވާ ޖީލެއް ބިނާކުރުމުގެ ގޮތުން ތިމަރަފުށީގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި ބައިވެރިވުމާއިއެކު ފެށިގެންދާނެ އެކަޑަމީއެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި އެކަޑެމީގައި ފުޓްބޯޅަ، ހޭންޑްބޯޅަ، ޓޭބަލްޓެނިސް، ބިލިއާޑް، ކެރަމް، ޗެސް، އަދި މިނޫންވެސް އިންޑޯ އަދި އައުޓްޑޯ އެންމެހައި ކުޅިވަރުތައް ބައިވެރިވާ ނިސްބަތުން ކުރިއަށް ގެންދާނެކަމަށާއި، މިހާރުވާނީ ރަޖިސްޓްރޭޝަންއަށް ހުޅުވާލާފައިކަމަށާއި، ކޮންމެ އުމުރުފުރާއެއްގެ، ކޮންމެ ޖިންސެއްގެ ކުއްޖަކަށްވެސް އެކަޑަމީގައި ރަޖިސްޓަރީވެވޭނެ ކަމަށާއި، އެކުއްޖަކު ކުޅެން ޝައުޤުވެރިވާ ކުޅިވަރެއް ސެލެކްޓްކޮށް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށާއި، ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެކަޑެމީގައި ރަޖިސްޓަރީ ކުރެވޭނެކަމަށާއި، އެކުދިންނަށްވެސް އަމާޒުކޮށްގެން ތަފާތު އެތައް ކުޅިވަރުތަކެއް ރާވާ ހިންގަން ނިންމާފައިވާކަމަށާއި، ކޮންމެ އިންޑޯ ކުޅިވަރެއް ފެށުމުގެކުރިން އެކުޅިވަރަކަށް ޙާއްޞަކޮށް އޯޕެންޑޭއެއް ބާއްވާނެކަމަށް އެކުލަބުން ވަނީ މަޢުލޫމާތުދީފައެވެ. މީގެ އިތުރުން، ކަމާބެހޭ އިދާރާތަކާގުޅިގެން ފަތަން ދަސްކޮށްދިނުމުގެ އެކިއެކި ހަރަކާތްތައް ހިންގުމަށްވެސް ރާވާފަވާކަމަށް މަޢުލޫމާތު ދީފައިވެއެވެ.
މިހާރު ކުރިއަށްދަނީ އެކަޑެމީ ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްކަމަށާއި، އެންމެ ފުރަތަމަ އޮންނާނީ ފުޓުބޯޅަ އިވެންޓް އިފްތިތާޚްކުރުންކަމަށާއި، އެގޮތުން ރާއްޖޭގައި މިކަމުގެ އެންމެ ތަޖުރިބާހުރި ފަރާތްކަމުގައިވާ "މޯލްޑިވްސް ސޮކާ މޭޓްސް (MS Mates)" އާއި ގުޅިގެން އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު މި ފެށޭ ޖަނަވަރީ މަސްތެރޭގައި ބާއްވާނެކަމަށާއި، މި އިވެންޓްގައި ރާއްޖޭގެ މަޝްޙޫރު ފުޓުބޯޅަ ކުޅުންތެރިންކަމުގައިވާ ކުޑަމޫސާ އާއި، ގޯލްޑް ކައްޕި އައްސަދު ޢަބްދުލްޣަނީގެ އިތުރުންވެސް ކުރިއާ، މިހާރުގެ ގިނަ ކުޅުންތެރިންނާ ކޯޗުން ބައިވެރިވާނެކަމަށް އެ ކުލަބުން މަޢުލޫމާތު ދެއެވެ.

މި އެކަޑެމީ ވެގެންދާނީ މުޅި ތިމަރަފުށީގެ މުޖުތަމަޢުއަށް ތަފާތު ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާނެ އެކަޑެމީއަކަށްކަމާއި، މިފަދަ ބޮޑު ޙަރަކާތްތަކެއް އަދި މިހާތަނައް ތިމަރަފުށީގައި ހިންގިފައި ނުވާކަމަށާއި، މީގެ ސަބަބުން ކުދިން އިތުރު ކަންކަމަށް މަސްޢޫލުވެރި ކުރެވި، ކުދިންގެ ކިބައިގައި ހުންނަ ނުރަނގަޅު ވިސްނުންތަކާއި ނުރަނގަޅު އާދަތައް ހުއްޓުވައި، އަޙްލާގް ރަނގަޅުކުރުމާއި، ރަނގަޅު ދުޅަހެޔޮ ސިއްޙަތެއްގައި ހެދި ބޮޑުވުމުގައި އެހީތެރިވެ، ރަށުގެ އިޖްތިމާއީ ކަންކަމުގައި އެކުދިން ބައިވެރިކުރުވުމުގެ ސަޤާފަތެއް އުފެދިގެންދާނެކަމަށް އިތުރަށް ބުނެފައިވެއެވެ.
ފަޅުމަސް ސްޕޯރޓްސް އަކީ އެރަށު ފަޅުމަސް ސަރަޙައްދައް ނިސްބަތްވާ ޒުވާނުންތަކެއް އިސްނަގައިގެން ރަޖިސްޓްރީކުރި ކްލަބަކަށްވާއިރު، ރާއްޖޭގެ އެންމެ ހިންގުންތެރި އެއް ޖަމްޢިއްޔާކަމުގައިވާ "ތިމަރަފުށީ އެކުވެރިންގެ އާރޫޚް" އަކީވެސް އެރަށުގެ މިސަރަޙައްދަށް ނިސްބަތްވާ ފަރާތްތަކެއް ވޭތުވެދިޔަ 19 އަހަރުން ފެށިގެން މިއަދާހަމައަށްވެސް ހިންގަމުން އަންނަ ދުވަސްވީ ހިންގުންތެރި ޖަމްޢިއްޔާއެކެވެ.
ތިމަރަފުށި ސްޕޯޓްސް އެކަޑެމީގައި ރަޖިސްޓްރީވުމަށް ޓަކައި މި ލިންކް އިން އެޕްލިކޭޝަން ފޯމް ލިބިވަޑައިގަންނަވާނެއެވެ.

