ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބު ބަލިކޮށް، ކްލަބް ވެމްކޯ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައިފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުން ވެސް ވެމްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އޭގެ ކުރީ އަހަރު ވެސް ފައިނަލްގައި މޮޅުވީ ޕޮލިސް އަތުންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-21 އިންނެވެ. ވާދަވެރިކޮށް ދިޔަ ދެވަނަ ސެޓުން ވެމްކޯ ކުރިހޯދީ 25-23 އިންނެވެ.
ފުރަތަމަ ދެ ސެޓާއި ހިލާފަށް ފަހު ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-17 ގެ ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، ޖެސިކާ ސޮއާރޭސް އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނުނު ކުޅުންތެރިންނަށް އިނާމުދިންއިރު، މި ފަހަރުގެ ޓީމުގައި ހިމެނެނީ؛ ވެމްކޯގެ އައިޝަތު މާޖިދާ، އައިމިނަތު އަރީޝާ، ހައްވާ ނާޒިމާ، ފާތިމަތު ޖޫޒާން ޒަރީރުގެ އިތުރުން ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ) އާއި އަލްމާ ސްޕޯޓްސް ކްލަބުގެ ނުހާ ވަހީދު އާއި ހައްވާ ސަހާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވެމްކޯގެ ހާލިދު މުޙައްމަދު ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ވެމްކޯގެ މާޔާ ހުސެއިން އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ވެމްކޯގެ ޖެސިކާ ހޯދިއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މާޖިދާ އެވެ.
