ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ކްލަބު ފުޓްބޯޅައިގައި ނުކުޅެ ހުރުމަށްފަހު ދަނޑަށް ނިކުމެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކާމިޔާބުކުރި ގޯލާއެކު މަސްއޮޑި ސްޕޯޓްސް ކްލަބުން 4-0 ގެ ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ކުޅެވުނު އެފްއޭ ކަޕް ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖާޒީގައި ކުޅުނު ފަހުން ކްލަބު ފުޓްބޯޅައިގައި ރަސްމީ މެޗެއްގައި އިއްބެ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އެ މެޗުގައި އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިފަހަރުގެ ސީޒަނަށް ލޯން އެއްބަސްވުމެއްގެ ދަށުން، ކްލަބް ވެލެންސިއާ އަށް ކުޅެން އެއްބަސްވިނަމަވެސް އެ ޓީމުން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައެއްގައި ފީފާ އިން ދީފައިވާ ސަސްޕެންޝަނެއްގެ ސަބަބުން އިތުރު ކުޅުންތެރިއަކު ރަޖިސްޓްރީ ކުރެވޭ ގޮތް ނުވުމުން، އިއްބެ އަށް ކުޅެވޭ ގޮތެއްނުވިއެވެ.
ކްލަބު ފުޓްބޯޅައިގައި މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނު ނަމަވެސް، އިއްބެ ވަނީ މިދިޔަ ޖޫން/ޖުލައި ގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި މަސްއޮޑި ވަނީ އެއް ގޯލް ކާމިޔާބުކޮށްފައެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ޖެހި ފުރަތަމަ ލަނޑު، 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، އިއްބެ އެވެ.
މި މެޗުގައި މަސްއޮޑިން ޖެހި ދެވަނަ ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. އަދި އޭގެ ދެ މިނެޓުފަހުން، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އިސްލާމް ފިކްރީ އެވެ.
މެޗުގެ އިތުރުވަގުތުގައި މަސްއޮޑިގެ ފަހު ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ހާފުގައި ކުޅެން ނިކުތް ހުސެއިން ޝަރީފް އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބު ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކްލަބާ އެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 3:50 ގައެވެ.
