ވަރަށް ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. ކޮނޑާއި އަތާއި ބުރަކަށީގެ މަސްތަކާއެކު އުނަގަނޑުން މަތި މާބޮޑަށް ބިޔަވެފައި ފުޅާކަމަށް ދައްކަނީއެވެ. މިއައިބު ރަގަޅު ކުރަން ހެދުން އަޅަން ވާ ގޮތެއްވެސް ނޭނގެއެވެ. ހެދުމުގެ އަތް ކިރިޔާ ބާރުވިޔަސް ހީވަނީ ބޮޑީ ބިލްޑް ކުރާ މީހެއް ހެނެވެ. ހިކެން ކަސްރަތެއްކޮށް ދުވެލާ ހެދިޔަސް އުނަގަނޑުން ތިރިއަށް އަސަރުކޮށްފައި އުނގަނޑުން މަތި ހުންނަނީ ހަމަ މިހެނެވެ. ނަމަވެސް މިކަމަށްވެސް ޚާއްސަ ކަސްރަތު ހުރެއެވެ. މުޅި ހަށިގަނޑުގެ ބައްޓަން އެއްވަރެއްގައި ބެހެއްޓުމަށްޓަކައި ބަރު އުފުލެމެއް ނެތި ކަސްރަތު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ހިސާބުގެ މަސްތަކާއި ސަރުބީ ވަކިކުރުމަށް ޑަންބެލްގެ އެހީ ވަރަށް ބޮޑަށް ބޭނުންވެއެވެ. ނަމަވެސް ގޭގައި ތިބެން ޖެހިފައިވާ މި ވަގުތު ޖިމަކަށް ނުގޮސް ގޭގައި ކަސްރަތު ކޮށްގެން އަތާއި ބުރަކަށި އަދި ކޮނޑުގެ ސަރުބީ ވިރުވާލުމަށް، ޖިމްގައި ތަމްރީންދޭ މީހުން ފަރުމާކޮށްފައިވާ ބައެއް ކަސްރަތުތައް މިއަދު ހިމަނާލާނަމެވެ.

ކޮންމެ ކަސްރަތެއްވެސް 45 ސިކުންތު ކުރުމަށްފަހު 15 ސިކުންތުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. ކޮންމެ ކަސްރަތެއްގެ ވެސް 2 ސެޓް ހަދަން ވާނެއެވެ. ދެން ފަސޭހަ ވާ ވަރަކަށް އިތުރު ކުރަމުން ގެންދާނީއެވެ. މި ކަސްރަތުތައް އަމާޒު ކުރެވިފައިވަނީ އަތާއި، ކޮނޑާއި މޭމަތީގެ އިތުރުން ބުރަކަށީގައިވާ ބޭނުންނެތް ސަރުބީތައް ވިރުވާލުމަށެވެ. މި ކަސްރަތުތައް ކުރަން ފެށުމުގެ ކުރިން ވޯރމް އަޕް އަދި ކޮށް ނިމިގެން ކޫލް ޑައުން ހަރަކާތް ގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ.

  1. ވޯކްޑައުން ޝޯލްޑަރ ޓެޕް

ޔޯގާ މެޓެއްގެ ކައިރީގައި ހުއްޓުމަށްފަހު ކުރިއަށް ލެނބި މެޓްގައި ދެއަތްތިލަ ޖައްސާށެވެ. ފަހަރަކު އަތެއް ނަގަމުން ހަށިގަނޑު ސީދާ ވަންދެން ކުރިއަށްދާށެވެ. ހަށިގަނޑު އެއްކޮށް ސީދާ ވުމުން އެއް އަތް ހިއްލާލުމަށްފަހު އަނެއްއަތުގަ ކޮނޑުގައި މަޑުމަޑުން ޖަހާލެވެ. ކޮންމެ އަތެއް އެއް ފަހަރު ހިއްލާމުމަށްފަހު ފަހަރަކު އަތެއް ނަގަމުން ހަށިގަނޑު ލަންބާލުމަށްފަހު ފަހަތަށް ގެންނާށެވެ.

  1. ބެކް ބޯ ޕުލްސް

ޔޯގާ މެޓެއްގެ މަތީގައި ބަނޑުން އޮށޯންނާށެވެ. ފައިގެ އިނގިލިތަކުގެ ކޮޅާއި، ފަލަމަސްގަޑު އަދި ބަނޑުގެ އިތުރުން މޭމަތި ރީތިކޮށް މެޓްގައި ޖެހޭ ގޮތަށެވެ. ދެން ދެއަތް ބޮލާ ދިމާލުން ކުރިއަށް ނެރެ، އަތް މުއްކަވާލުމަށްފަހު ބަރު ވާގަނޑެއް ދަމާހެން ދެފަރާތަށް ގެނެސް އުޅަބަށި އުނަގަނޑާ ހަމައަށް ގެނެސް އަލުން ކުރިއަށް ގެންދާށެވެ.

  1. ވޭރިއަބަލް ބައިސެޕް ކަރލްސް

ތުވާއްޔެއް ނުވަތަ ފޮތި ގަނޑެއްގެ މެދުން ދެކޮނޑުގެ ދުރުމިން ދޫކުރުމަށްފަހު ބާރަށް ހިފަހައްޓާލާށެވެ. ބަރުބޭނުންކޮށްގެން އަތްލަންބާހެއް ގަޔާ ކާރިއަށް ލެންބުމަށްފަހު އަތް ސީދާ ކުރަމުން ގެންދާށެވެ. އަބދުވެސް ހުންނަންވާނީ ފޮތިގަނޑަށް ބާރުލައިގެންނެވެ.

  1. ޓްރައިސެޕް ބެންޗް ޑިޕްސް

ގޮނޑިއެއްގައި އިށީނދެފައި ދެފައި ކުރިއަށް ދަމާލާށެވެ. ދެން ގޮނޑީގައި އަތްވިއްދުމަށްފަހު ގޮނޑިން ނެއްޓޭވަރަށް ހަށިގަނޑުކުރިއަށް ނެރެލާށެވެ. މަޑުމަޑުން ތިރިއަށް ގެންގޮސް މައްޗަށް ނަގާށެވެ. ތިރިއަށް ދާއިރުވެސް އިށީނދެގެން ނުވާނެއެވެ.

  1. އާރމް ސާރކަލްސް

ކޮޅަށް ހުއްޓިހުރެ ދެކޮނޑުގެ ދުރުމިނަށް ފައިވެސް ދުރުކޮށްލާށެވެ. ދެއަށް ކޮނޑާއި އެއްވަރަށް ސީދަލަށް ދެފަރާތަށް ދަމާލުމަށްފަހު މަޑުމަޑުން އަނބުރާށެވެ. ކުދިބުރަށެވެ. ފަހަރަކު ފަރާތަކަށެވެ.