މިދުވަސްވަރު ގިނަ އަންހެނުންގެ ދޫމަތީގައި އެންމެ އާންމުކޮށް އޮންނަ ބަހަކީ ކޮލާޖެންއެވެ. ހަމުގައި އުނގުޅަން ބޭނުންކުރާ ކްރީމް، ލޯޝަން އަދި ސައިބޯނީގައިވެސް ކޮލާޖެން އެވެ. ކޮލާޖެން ސަޕްލިމެންޓްގެ ގޮތުގައި ވެސް ބޭނުން ކުރަނީއެވެ. ކޮލާޖެން އަކީ ހަމުގެ ސްޓްރަކްޗަރ ރަގަޅުކޮށް، އޮފްކަމާއި ދެމުން ގެނެސްދޭ ވިޓަމިންއެކެވެ. ކޮލާޖެންގެ ވަރަށް ގިނަ ވައްތަރު ހުރެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ހަށިގަނޑުގައި އާންމުކޮށް ހުންނަނީ ޓައިޕް 1، ޓައިޕް 2 އަދި ޓައިޕް 3 ގެ ކޮލާޖެންއެވެ. އުމުރުން ދުވަސްވުމާއި އެކު ހަމުގައި ހުންނަ ދެމުން ކުޑަވެ ހަމަށް ރޫޖެހި ކުލަ ފަނޑުވުމަކީ ވަރަށް ގިނަ އަންހެނުންގެ ބިރެކެވެ. ސޯޝަލް މީޑިޔާއަށް ބަލާލިނަމަވެސް ކޮލާޖެން ހިމެނޭ ކޮންމެވެސް ބާވަތެއް ވިއްކަން ޖަހާފައި ހުންނަ ޕޭޖްތައް ވަރަށް ގިނައިން ފެނެއެވެ. ކެއުމަށް ބޭނުންކުރާ ސަޕްލިމެންޓް ވެސް ވަރަށް ބޮޑު އަގުގައި ވިކެއެވެ. ނަމަވެސް މިތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާ ހުރިހާ އެއްޗަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ކިހާ ރައްކާތެރި ތަކެތިކަމެއް ޔަގީނެއްނޫނެވެ. އުފެދޭ ސުވާލަކީ މިފަދަ ބާވަތްތައް ބޮޑު އަގުގައި ގެނެގެން ބޭނުން ކުރުމުގެ ކުރިން ކާތަކެތީގެ ޒަރީޢާއިން ކޮލާޖެން ލިބޭނެގޮތަށް ޑައިޓަށް ބަދަލު ގެނައުން ބުއްދިވެރިވާނެތޯއެވެ؟

ކޮލާޖެން ހިމެނޭ ބައެއް ބާވަތް ކެއުމުގެ ސަބަބުން ގިނަ ދުވަހަށް ހަންގަނޑު ޒުވާންކަންމަތީގައި ބަހައްޓާދޭނެކަމަށް، ތަމްރީން ލިބިފައިވާ ހޮލިސްޓިކް ނިއުޓްރިޝަނިސްޓެއް ކަމަށްވާ ކްރިސްޓާ ގޮންސަލްވެސް ހާމަކުރިއެވެ. ހަމުގެ ޞިއްޙަތަށް އެންމެ ބޮޑަށް ފައިދާކުރަނީ މޭވާ އާއި ތަރުކާރީންނެވެ. މިއަދު މި ބަލާލަނީ އެންމެ ގިނައަދަދަކަށް ކޮލާޖެން ލިބޭ ނުވަތަ ކޮލާޖެން އުފައްދަން އެހީތެރިވެދޭ ބައެއް ކާނާއަށެވެ.

  1. ބޯން ބްރޯތު

ބޯން ބްރޯތަކީ ކެއުމަށް ބޭނުންކުރާ އެކި މަސްމަހުގެ ކަށި ގިނަ އިރު ކައްކައިގެން ތައްޔާރުކުރާ ފެނެކެވެ. ބޯން ބްރޯތަކީ ކޮލާޖެން ލިބިދޭ ކާނާއެއްކަން ސައިންސްގެ އަލީގައި ސާބިތުވެފައި ނެތްނަމަވެސް މިއީ ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. އެކަކު ބޭނުންކޮށް އެދެވޭ ނަތީޖާ ލިބުމުން އަނެކާއާ ހިއްސާކުރުމުން އެމީހަކުވެސް ބޭނުން ކުރަނީ އެވެ. ބޯން ބްރޯތު ހެދުމަށް އެވްރެޖްކޮށް 6 ގަޑިއިރު މަޑު ގިނީގައި ކަށި ކައްކައެވެ. އަދި އެކި ކަށި ކެއްކުމަށް އެއާ އެކު އެހެން ބައެއް ތަކެތިވެސް އެއްކުރެއެވެ. ތަފާތު ރަހަތައް ގެނައުމަށެވެ. ބޯން ބްރޯތުގައި ހިމެނެނީ ކަށީގެ އިތުރުން ކައްޓާއި ގުޅިފައިވާ ޓީޝުތަކެވެ. މީގައި ގިނަ އަދަދަކަށް ކެލްސިއަމް، މެގްނީޒިއަމް، ފޮސްފޮރަސް، ކޮލާޖެން، ގްލުކޮސަމިން ފަދަ މާއްދާތައް ހިމެނެއެވެ.

  1. ކުކުޅުމަސް

ވަރަށް ގިނަ ކޮލާޖެން ސަޕްލިމެންޓްގައި ކުކުޅު ހިމެނޭނެއެވެ. ވަރަށް ގިނަބަޔަކަށް ކަމުދާ ކުކުޅުމަހުގައި ގިނަ އަދަދަކަށް ކޮލާޖެން ހިމެނެއެވެ. ކުކުޅުން ކޮލާޖެން ލިބެނީ ކައްޓާއި ގުޅިފައިވާ ހުޅުތަކުގައިވާ މަޑު ޓިޝޫތަކާއި އެކުގައި ކެއުމުންނެވެ. މިއީ ހުޅުހުޅުގައި ރިއްސާބައްޔަށްވެސް ފަރުވާއަކަށް ވެއެވެ.

  1. ކަނޑުމަސް އަދި ޝެލްފިޝް

އެހެން ޖަނަވާރުންނާއި އެއްގޮތަށް މަހާއި، ޝެލްފިޝްގައިވެސް ކޮލާޖެން އިން އުފެދިފައިވާ ލިގަމެންޓްސް ހުންނާނެއެވެ. ބައެއް ފަރާތްތަކުން ދައުވާކުރާގޮތުގައި ކަނޑުގެ ބާވަތްތައްކުން ލިބޭ ކޮލާޖެން ހަމުގެ ތެރެއަށް ފަސޭހައިން ވާސިލްވެއެވެ. ކަނޑުމަހުގެ "މަސް ގަނޑަށް" ވުރެ ގިނައިން ކޮލާޖެން ހިމެނެނީ އޭގެ ބޮލާއި، ހަމާއި، ހުޅުނބު އަދި ލޯ ފަދަ ބައިތަކުގައެވެ. ކުދި މަސްމަހުގެ ކައްޓާއި އެކު ކެއުމަށް އިރުޝާދުދެނީ މި ސަބަބަށްޓަކައެވެ.

  1. ބިހުގެ ހުދުބައި

ކޮލާޖެން އުފެއްދުމަށްޓަކައި ބޭނުންވާ އެމިނޯ އެސިޑެއް ކަމަށްވާ ޕްރޯލައިން ވަރަށް ގިނަ އަދަދަކަށް ބިހުގެ ހުދުބައިގައި ހިމެނެއެވެ.

  1. ހުތް މޭވާ އަދި ބެރީ

ލުނބޯ، އޮރެންޖް ގްރޭޕް ފުރުޓް ފަދަ މޭވާގައި ހިމެނޭ ވިޓަމިން-ސީ އަކީ ކޮލާޖެން އުފެއްދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން-ސީ ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ފެނުކައްކާފައިވާ ގްރޭޕް ފުރުޓެއް ހެދުނުގެ ނާސްތާއަށް ބޭނުންކުރާށެވެ. ނުވަތަ މެންދުރުގެ ސެލެޑަށް އޮރެންޖެއް ކުދިކޮށް ކޮށާލުމަށްފަހު އަޅާށެވެ. ސްޓްރޯބެރީގައި އޮރެންޖަށްވުރެ ގިނައިން ވިޓަމިންސީ ހިމެނެއެވެ. ހުރިހާ ބާވަތެއްގެ ބެރީގައިވެސް ވަރަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނޭނެއެވެ. މިއީ ގުދުރަތީގޮތުން ހަމަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.

  1. މޫސުމީ މޭވާ

މޫސުމީ މޭވާތައް ކަމަށްވާ އަނބު، ކިވީ، އަލަނާސި އަދި ފޭރުގައި ވަރަށް ގިނަ އަދަދަކަށް ޒިންކް އެކުލެވިގެން ވެއެވެ. މިއީވެސް ކޮލާޖެން އުފެއްދުމަށް ވަރަށް ބޮޑަށް އެހީތެރިވާ މާއްދާއެކެވެ.

  1. ލޮނުމެދު

ހަނާކޮށްގެން ތައްޔާރުކުރާ ވަރަށް ގިނަ ކާތަކެއްޗަށް ލޮނުމެދު އަޅައިގެން އޭގެ ރަހައަށް އިތުރު ފުރިހަމަ ކަމެއް ގެނެވެއެވެ. ލޮނުމެދުގައި ހިމެނޭ ސަލްފަރއަކީ ކޮލާޖެން ހަލާކުވުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ލޮނުމެދަކީ ރައްކާތެރިއެއްޗެކެވެ. ނަމަވެސް ރޯ ލޮނުމެދު މާގިނައިން ކެއުމުން މޭ އަންދާ ބަނޑުދިޔާވުން ފަދަ ކަންކަން ބައެއް މީހުނަށް މެދުވެރިވެއެވެ. ލޭދިޔާކުރުމަށް ބޭހެއް ކާނަމަ މާގިނައިން ލޮނުމެދު ބޭނުން ނުކުރުން އެދެވިގެން ވެއެވެ.

  1. ފެހިކަންގަދަ ފަތް

ފެހިފަތަކީ ރަގަޅު ޑައިޓެއްގެ އެންމެ އިސް ދައުރެއް އަދާކުރާ ކާނާކަން އަޅުގަނޑުމެން އެންމެނަށްވެސް އެނގެއެވެ. ނަމަވެސް އާންމުކޮށް ކެއުމުގައި ހިމެނުމަށް އިސްކަންދެވޭތަނެއް ނުފެނެއެވެ. ފަތަށް ފެހިކަން ގެނެސްދޭ ކްލޮރޮފިލް އަކީ ކޮލާޖެން އުފެއްދުމަށް ވަރަށް މުހިންމު މާއްދާއެކެވެ. ކްލޮރޮފިލްގެ އިތުރުން ފަތުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނެއެވެ.

  1. ބީންސް

ބީންސް އަކީ ޕްރޮޓީނުން މުއްސަނދިވެފައިވާ އެއްޗެކެވެ. ބީންސްގައި ހިމެނޭ އެމިނޯ އެސިޑަކީ ކޮލާޖެން އުފެއްދުމަށް އެހީތެރިވާ އެއްޗެކެވެ. މީގެ އިތުރުން މީގައި ހިމެނޭ ކޮޕަރ އަކީ ވެސް ކޮލާޖެން އުފެއްދުމަށް ވަރަށް މުހިންމު މާއްދާއެކެވެ.

މީގެ އިތުރުން ކެޝޫ ނަޓްގައި ގިނަ އަދަދަކަށް ޒިންކް އަދި ކޮޕަރ ހިމެނެއެވެ. ބަދަން މުށެއް ކާލަން ބޭނުން ވެއްޖެނަމަ އަބަދުވެސް ކެޝޫ އިޚްތިޔާރުކުރަން ޖެހެނީ މިސަބަބަށް ޓަކައެވެ. ޓޯމާޓޯ އަކީ ވެސް ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. އަދި ބޮޑުމިރުހަކީ ވެސް ކޮލާޖެން ލިއްބައިދިނުމަށް މުހިންމު ތަރުކާރީއެކެވެ.

ކޮލާޖެން އުފެއްދުމަށް އެހީތެރިވެދޭ ކާނާ އެނގޭފަދައިން ކޮލާޖެން ހަލާކުކޮށް މަދުކުރާ ކާނާވެސް އެނގެން ޖެހެއެވެ. ހަކުރަކީ ކޮލާޖެންގެ ދުޝްމަނެކެވެ. ބުއިންތަކާއި ފޮނިކާތަކެތީގައި ފޮނިމަޑުކޮށް އާންމުކޮށް މިތަކެތި ބޭނުންކުރާ މިންވަރުވެސް މަދުކުރަން ޖެހެއެވެ.