ކާންދޭނީ ކިހާ މިންވަރަކަށް؟

2 ނުވަތަ 3 މޭޒުމަތީ ސަމުސާ ދޭން ފެށުމަށްފަހު މަޑު މަޑުން 250 މިލިލީޓަރު ނުވަތަ ޖޯޑެއްގެ 1/2 (ދެބައިކުޅަ އެއްބައި) ގެ މިންވަރަށް އިތުރުކުރާށެވެ.

 

ކާންދޭނީ ކިތައްފަހަރު؟

ދުވާލަކު 2 ނުވަތަ 3 ފަހަރު ކާން ދިނުމާއެކު އަވަސް އަވަހަށް ގާތުން ކިރުދިނުން.

ކުޑަދަރިފުޅު ބަނޑުހައިވާކަމަށް ފެންނަނަމަ، އިތުރަށް 1 ނުވަތަ 2 ފަހަރު ލުއިކާނާއެއް ދޭށެވެ.

 

ކާނާ ހުންނަންވީ ކިހިނެއް؟

ބަތްޕެންހެން އޮލަކޮށް ނުވަތަ ޗިސްކޮށްފައި ނުވަތަ ދިޔާކޮށް ތައްޔާރުކޮށްފައިވާ ކާނާ.

 

ދޭނީ ކޮން ކޮންކަހަލަ ކާނާ އެއް؟

ދުވާލަކު 2 ނުވަތަ 3 ފަހަރު ކާންދިނުމާއިއެކު އަވަސް އަވަހަށް ގާތުން ކިރު ދޭން ވާނެއެވެ.

ގޮދަނުގެ އެހެނިހެން ބާވަތްތަކުގެ ކާނާ މަޑުމަޑުން އެއްކުރާށެވެ. (މިސާލު: އޯޓްސް)

ޙާއްޞަކޮށް ދަގަނޑުގެ ބައި މުއްސަނދި ކާނާ އެވެ.

ތައްޔާރުކޮށް ދަޅުގައި ބަންދުކޮށްފައިވާ ކާނާގެ ބަދަލުގައި ޤުދުރަތީ ކާނާ ދަރިފުޅަށް ފައިދާ ބޮޑުވާނެއެވެ. އޭގެތެރޭގައި ކައްކާ ޗިސްކޮށްފައިވާ ތަރުކާރީއާއި މޭވާ ދަރިފުޅަށް ދޭށެވެ. މިސާލަކަށް ބަރަބޯ، ދަނޑިއަލުވި، ކައްޓަލަ، ކެރެޓު، މުރަނގަފަތް، ދޮންކެޔޮ، އެވަކާޑޯ އަދި އަނބު ހިމެނެއެވެ. މުގު، ކަނޑުމަސް، ކުކުޅުމަސް ފަދަ ކާނާ ވެސް ކާނާގެ ތެރެއަށް އެއްކުރެވިދާނެއެވެ.

ތާޒާ ޤުދުރަތީ ކާނާގެ ރަހަތަކާއި ކާނާ ހުންނަ ގޮތްތަކަށް ދަރިފުޅު ހޭނޭ ގޮތްވުމުން އެއްގަމު މަސް، ކަނޑުމަސް، ފަރުމަސް އަދި މުގާއި ތޮޅި ފަދަ ތަކެތި ކާންދޭން ފެއްޓިދާނެއެވެ. ހަމައާއެކު ކުކުޅު ބިސް ވެސް ރަނގަޅަށް ރޯފިލުވުމަށްފަހުގައި ކާން ދެވިދާނެއެވެ.

ގާތްގަނޑަކަށް އުމުރުން 8 މަހުގައި ދަރިފުޅު އަމިއްލައަށް ކާން ބޭނުންވެގެން އުޅެން ފަށާނެއެވެ. އެހެންކަމުން އެ އުމުރަށް ދާއިރު ދެ އިނގިލިން ހިފައިގެންކެވޭ ބާވަތުގެ ކާނާ ވެސް ދޭށެވެ. ކުޑަދަރިފުޅު އަމިއްލަ އަތުން ކާން ދޫކޮށްލުމަކީ ދަރިފުޅުގެ އިނގިލިތަކުގެ އަދި އަތުގެ ކުދިކުދި ޙަރަކާތްތައް ކުރުމުގެ ހުނަރާއި ހަށިގަނޑުގެ އެކިއެކި ބައިތައް އެކުއެކީގައި މަސައްކަތް ކުރުވުމުގެ ހުނަރު ތަރައްޤީ ކުރުމަށް ވަރަށް މުޙިއްމު ކަމެކެވެ. އަދި މިކަމުން ކާގަޑިތަކަށް ދަރިފުޅުގެ ޝައުޤުވެރިކަން އިތުރު ވެގެންދާނެއެވެ. ރޮށި، މޭވާ އާއި ތަރުކާރީ ކައްކާ މަޑުކޮށްފަ ނުވަތަ ކެވޭ ވަރަށް ކުދިކޮށްކޮށާފައި ކާން ދޭށެވެ. ނަމަވެސް ކަރުގައި ތާށިވެދާނެ ފަދަ ކާނާ ނުދިނުމަށް ސަމާލު ވާން ވާނެއެވެ.

ދަރިފުޅުގެ އުމުރުން 8 މަސް ނުވަތަ 9 މަހުގައި ގާތުން ކިރު ދިނުމުގެ ކުރިން އޮއްޓަރުހުރި ކާނާ ދޭން ފެށިދާނެއެވެ.

(މިއީ، "މަންމަ އާއި ކުޑަދަރިފުޅުގެ ކާނާ - ހަޔާތުގެ ރަން 1000 ދުވަސް" މި ފޮތުގައި ހިމެނޭ - "ދަރިފުޅުގެ އުމުރުން 6 މަހާއި 9 މަހާއި ދެމެދު" އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް،  އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އޭޑީކޭ އާއި އައިޖީއެމްއެޗް އިން ލިބިފައިވާ އެހީތެރިކަމާއެކު އެކުލަވާލައިފައިވާ ފޮތެކެވެ.)