ބަލިވެއިނުމުން މައިމީހާގެ ހަށިގަނޑަށް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން އެ ދުވަސްވަރު ކެއިންބުއިމުގެ އާދަތަކަށް ބަދަލުގެނައުމަކީ މުހިއްމު ކަމެކެވެ. ބަދަލުވަމުންދާ ހަށިގަނޑާއި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ ހަށިގަނޑަށް ފައިދާހުރި ތަފާތު ބާވަތްތަކުގެ ކާނާ ބޭނުންކުރުމެވެ.

ކުޑަދަރިފުޅަށާއި މައިމީހާގެ ފުރާނަ އަށް ދިމާވެދާނެ އެކި އެކި މައްސަލަތަކާއި ދިގު މުއްދަތަކަށް ދެމިގެން ހިނގާދާނެ ފަދަ ޞިއްޙީ މައްސަލަތަކުން އެއްކިބާވުމަށް މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އާދަކުރާށެވެ. ލޭމަދުވުމާއި ގެސްޓޭޝަނަލް ޑަޔަބީޓީސް (މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުން) އަކީ ދިވެހިރާއްޖޭގައި މާބަނޑު މީހުންގެ ފަރާތުން ވަރަށް ގިނައިން ފެންނަ ކަމެކެވެ.

ބޭނުންވާ މުހިއްމު މާއްދާތައް ހަށިގަނޑަށް ނުލިބުމާއި ހަކުރުގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ މިކަމުގެ އަސަރި މައިމީހާގެ ޞިއްޙަތަށާއި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށް ފޯރުން އެކަށީގެންވާކަމެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދުވަސް ނުފުރާ ވިހެއުމާއި ވިހާއިރު ކުޑަ ދަރިފުޅުގެ ބަރުދަން ލުއިވުމާއި ނުވަތަ މާ ބަރުވުމާއި، ކުޑަ ދަރިފުޅުގެ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވުމާއި (ހައިޕޯގްލައިސީމިއާ)، އުފަންވާއިރު އައިބުހުރުމާއި، ފަހަރެއްގައި ވިހާއިރު ދަރިފުޅުގެ ފުރާނަނެތުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ.

މާބަނޑު ދުވަސްވަރު މައިމީހާގެ ހަކުރު މާބޮޑަށް މަތިވުމުގެ ސަބަބުން ކުއްޖާގެ ބަރުދަން އިތުރުވެ، ވިހެއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ކުއްޖާ ބޮޑުވުމަށްފަހު ހަކުރު ބަލީގެ (ޓައިޕް 2) ކުއްޖަކަށްވުމުގެ ފުރުސަތު ބޮޑުވެއެވެ. ކައިބޮއި އުޅުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން މިފަދަ ކަންކަމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ބަލިވެއިނުމަށްފަހު ވިހެއުމާއި ހަމައަށް ރަނގަޅު ކާނާ ކެއުމަށް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަންވާނެ އެވެ.

މާބަނޑު ދުވަސްވަރާއި ގާތުން ކިރުދޭ ދުވަސްވަރުގައި ކައިބޮއެ އުޅޭ ތަކެތީގެ އަސަރު މައިމީހާއަށާއި ކުޑަދަރިފުޅަށް ފޯރާނެ!

 

(މިއީ، "މަންމަ އާއި ކުޑަދަރިފުޅުގެ ކާނާ - ހަޔާތުގެ ރަން 1000 ދުވަސް" މި ފޮތުގައި ހިމެނޭ - "މާބަނޑު ދުވަސްވަރު ކެއުމަށް ބޭނުންކުރާ ބާވަތްތަކަށް ބަދަލު ގެންނަންވީ ކީއްވެ؟" އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް،  އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އޭޑީކޭ އާއި އައިޖީއެމްއެޗް އިން ލިބިފައިވާ އެހީތެރިކަމާއެކު އެކުލަވާލައިފައިވާ ފޮތެކެވެ.)