ހެނދުނުގެ ނާސްތާ:
ކޯން ފްލޭކްސް ފަދަ ސީރިއަލް ކާއިރު ކޮށާފައިވާ މޭވާ ކޮޅެއް އެއްކޮށްލާށެވެ.
އޭގެތެރޭގައި ދޮންކެޔޮ، ފަޅޯ، އަނބު، އޮރެންޖު، އާފަލު އަދި މިނޫނަސް ކޮންމެ ބާވަތެއްގެ ތާޒާ މޭވާ އެއްކުރެވިދާނެއެވެ.
މަސްހުނީގެ ތެރެއަށް ތަރުކާރީގެ ބާވާތްތައް އެއްކުރާށެވެ.
ބަރަބޯ، ބަށި، މުރަނގަތޮޅި، ޗިޗަންޑާ އަދި މިނޫނަސް ތަރުކާރީގެ ކޮންމެވެސް ބާވަތެއް މަސްހުންޏާ އެއްކުރެވޭތޯ ބަލާށެވެ. އަމިއްލަ ރަށުން ލިބޭ ތަފާތު ފަތުގެ ބާވަތްތައް، މިސާލަކަށް މައްސާގު، ކޮފީފަތް، ކަންކުން ނުވަތަ އެނޫންވެސް ބާވަތްތައް ހިމެނުމުން ޞިއްޙަތަށް ލިބިދޭ ފައިދާ އިތުރު ކުރެވިދާނެއެވެ.
ބިސްގަނޑު ހަދާއިރު ތަރުކާރީ އެއްކުރާށެވެ.
ފިޔާ، މުރަނގަފަތް، ކޮޕީފަތް، މައްސާގު، ޓޮމާޓޯ، ތޮޅި، ބޮޑުމިރުސް އަދި މިނޫން ތަރުކާރީ ވެސް ބިހާއި އެއްކުރެވިދާނެއެވެ.
މެންދުރު ކެއުމާއި ރޭގަނޑު ކެއުން:
ތަފާތު ބާވަތްތައް ބޭނުންކޮށްގެން ރިހަ ކައްކާށެވެ.
ބަރަބޯ، ތޮރާ، ޗިޗަންޑާ، ބަށި، މުރަނގަތޮޅި، ފެހިތޮޅި، ކެރެޓު، ޓޮމާޓޯ، އަލުވި، ކައްޓަލަ، މާޅޮސްކެޔޮ، ބަނބުކެޔޮ، ކޯލިފްލަވަރ، އަދި އެހެނިހެން ތަރުކާރީ، ރިހަ ކައްކާއިރު ބޭނުންކުރެވޭތޯ ބަލާށެވެ.
ކެއުމުގައި މުގާއި ތަފާތު ވައްތަރުގެ ތޮޅި (ބީންސް) ހިމަނާށެވެ.
މީގެތެރޭގައި ހިމެނެނީ ފެހިމުގާއި ތަފާތު އެހެން ބާވަތްތަކުގެ މުގު، ކިޑްނީ ބީންސް އާއި ސަނާމުގު، ބްލެކް ބީންސް، ބްލެކް އައިޑް ބީންސް އަދި މިނޫންވެސް ތޮޅީގެ ބާވަތްތައް ހިމެނެއެވެ.
ދަޅުގައި ބަންދުކޮށްފައި ހުންނަ ތޮޅީގެ ބާވަތްތަކަށް (ބޭކެޑް ބީންސް) ވުރެ ރަނގަޅީ ބަންދު ނުކޮށް ގަންނަން ލިބެން ހުންނަ ބާވަތްތަކެވެ.
ހަމައެކަނި ބަތާއި ގަރުދިޔަ ކާން ދިނުމުގެ ބަދަލުގައި ތަރުކާރީ، ފަތް އެއްކޮށްގެން ބަތް ކާންދޭށެވެ.
ބަތް ކޮޅު ހިނދެން ކައިރިވީމާ ތަރުކާރީ އެއްކުރާށެވެ. ނޫނީ ކުޑަ ޒައިތޫނިތެޔޮ ނޫނީ ކުކިންގް އޮއިލް ފޮދެއްގައި ތަރުކާރީ ކޮޅު ރޯފިލުވާލުމަށްފަހު ކައްކާފައިވާ ބަތްކޮޅާއި އެއްކޮށްލާށެވެ. އަދި ތަރުކާރީކޮޅު އާވިން ކައްކާލުމަށްފަހު ބަތްކޮޅާއި އެއްކޮށްލައިގެން ވެސް ބޭނުންކުރެވިދާނެއެވެ.
ކޮންމެ ކެއުމަކާއި އެކުގައިވެސް ސަޓަންޏެއް ނުވަތަ އިތުރު ބާވަތެއްގެ ގޮތުގައި ތަރުކާރީގެ ކޮންމެވެސް އެއްޗެއް ތައްޔާރުކުރާށެވެ.
ކޮޕީފަތް، މައްސާގުފަތް، މުރަނގަފަތް، ބޯވެލިފަތް އަދި މިނޫންވެސް ފަތްޕިލާވެލިން ފަތުގެ ސަޓަންޏެއް ތައްޔާރު ކުރެވިދާނެއެވެ. މީގެއިތުރުން ބޮނޑިކޮޕީ، ކެރެޓު، ޓޮމާޓޯ، ކިއުކަމްބާ އަދި ބޮޑު މިރުސް ފަދަ ތަކެއްޗަކީ ވެސް ސަޓަނީގެ ތެރޭގައި ހިމަނައިގެން ބޭނުންކުރެވިދާނެ ބާވަތްތަކެވެ. ތަރުކާރީގެ ބާވަތްތައް ކުޑަ ތެޔޮފޮދެއްގައި ހަދާލައިގެން، ހިކިރިހަ ހަދައިގެން ނުވަތަ އާވިން ކައްކައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.
ލުއިކާނާ
ތާޒާ މޭވާ
އާފަލު، ފަޅޯ، ދޮންކެޔޮ، ކަރާ، އަނބު، ފޭރު، ޖުމުހޫރީ މޭވާ، އަތަ، މެންޑަރިން، މޭބިސްކަދުރު، ކުންނާރު، ޖަނބުރޯލާއި، އަންނާރު، އަދި މިނޫންވެސް މިފަދަ ބާވަތްތަކުގެ ތާޒާ މޭވާ ބޭނުންކުރާށެވެ. ތަފާތު މޭވާ އެއްކޮށްވެސް ނުވަތަ ވަކިންވެސް ދަރިފުޅަށް ކާން ދެވިދާނެއެވެ. މީގެއިތުރުން ދޮންކޭލާއި، ތަފާތު މޭވާގެތެރެއަށް ޔޯގަޓް އެއްކޮށްފައި މިކްސްޗަރުން ފުނޑުކޮށްލާފައި ފިނިކުރުމަށް ފަހު އައިސްކްރީމްއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ.
ޔޯގަޓް
ޔޯގަޓްގެ ތެރެއިން އެންމެ ރަނގަޅީ އެއްވެސް އެއްޗެއް އެއްނުކޮށް ހުންނަ ލޯފެޓް (ސަރުބީ މަދު) ޔޯގަޓް އެވެ. ޔޯގަޓްގެ ރަހަ ތަންކޮޅެއް ރަނގަޅުކޮށްލަން ބޭނުންވާނަމަ ތާޒާ މޭވާކޮޅެއް ކޮށާލުމަށްފަހު އޭގެތެރެއަށް އެއްކުރެވިދާނެއެވެ. ޔޯގަޓް އަކީ ދަރިފުޅަށް ކާންދިނުމުގައި މައިގަނޑު ކެއުމަކަށް ހެދުމުގެ ބަދަލުގައި މަދު މަދުން ލުއިކާނާއެއްގެ ގޮތުގައި ދެވޭ އެއްޗަކަށް ހަދާށެވެ.
ތަރުކާރީ
ފެނުކެއްކި އަލުވި، އަލަ ނުވަތަ ދަނޑިއަލުތްވާއި، އާވިން ކައްކާފައިވާ ތަރުކާރީ ރޮލާ ބޭނުންކުރެވޭ ތަރުކާރީ ފަދަ ތަކެތި ލުއި ކާނާގެ ގޮތުގައި ތައްޔާރުކުރާށެވެ. މިތަކެތި ސޯސްއަކާއި ޖަހައިގެންވެސް ކެވިދާނެއެވެ. ކުދި ކެރެޓު ނުވަތަ ކޮށާފައިވާ ބޮޑުކެކުރު ފަދަ ބާވަތްތަކަކީ ސޯސްއަކާއި އެކީ ކެއުމަށް ބޭނުން ކުރެވިދާނެ ތަރުކާރީގެ ބާވަތެކެވެ.
(މިއީ، "މަންމަ އާއި ކުޑަދަރިފުޅުގެ ކާނާ - ހަޔާތުގެ ރަން 1000 ދުވަސް" މި ފޮތުގައި ހިމެނޭ - "ކެއުމުގައި ޞިއްޙަތަށް ފައިދާހުރި ކާނާ ހިމަނާނެ ގޮތްތައް" އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް، އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އޭޑީކޭ އާއި އައިޖީއެމްއެޗް އިން ލިބިފައިވާ އެހީތެރިކަމާއެކު އެކުލަވާލައިފައިވާ ފޮތެކެވެ.)
