ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީ އިން ބުނީ އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ވެސް ލާނެ ކަމަށް ބުނެއެވެ.

މީގެ އިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެއެވެ.

ހަމަމިއާއެކު ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.