ޕާކިސްތާނުގެ ކަމާ ބެހޭ އިދާރާތަކަށް ހުށައެޅޭ ރޭޕްގެ މައްސަލަތައް ތަހުގީގު ކުރުމުގައި، އެ މައްސަލަ ހުށައެޅިފަރާތަކީ ބިކުރުވެރިއެއްތޯ ޓެސްޓްކުރުން ޕާކިސްތާނުގެ ލާހޯރުގެ ހައިކޯޓުން މަނާކޮށްފިއެވެ. މިކަމަށް ހުކުމް ކުރަމުން ކޯޓުން ފާހަގަކުރި ގޮތުގައި ރޭޕްގެ ޝިކާރައަކަށްވާ އަންހެނުންގެ ބިކުރު (ހައިމަން) ކެނޑިފައިވާ ވޭތޯ ބެލުމަށް ޓެސްޓްކުރުމަކީ ސިއްޙީގޮތުން ނުވަތަ ސައިޓީފިކް ގޮތުންވެސް ބޭނުންތެރި ކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި މިއީ އަންހެނުންގެ ކަރާމާތަށް އަރައިގަނެ އެމީހުންގެ ޒާތީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.
ރޭޕްގެ ޝިކާރައަކަށްވާ އަންހެނުންގެ ބިކުރުވެރިކަމުގެ ޓެސްޓަކީ އޭޝިޔާގެ ވަރަށް ގިނަ ގައުމުތަކުގައި ކުރެވޭ ކަމެއް ކަމަށާ، މިއީ ހުށައެޅުނު މައްސަލައިގެ އަމާޒު އަނބުރާލާ ކަމެއްކަމަށްވެސް ކޯޓުން ނެރެނު ބަޔާނުގައި ހާމަކޮށްފައިވެއެވެ. ޕާކިސްތާނުގައި މިހާރު ކަންހިނގާ އުސޫލުން، "ޓޫ ފިންގަރ ޓެސްޓް" ނުވަތަ ދެ އިނގިލި ބޭނުންކޮށްގެން ކުރެވޭ މި ޓެސްޓަކީ ހުރިހާ ފަހަރަކު އަންހެން ސިއްހީއެހީތެރިން ކުރާ ޓެސްޓެއްވެސް ނޫނެވެ. ފަނޑިޔާރު މަލިކުގެ މި ހުކުމާއި އެކު ދަށު ކޯޓުތަކާއި މިކަމާ ގުޅުން ހުރި އިދާރަތަކުން މިކަމަށް ބޭނުންވާ އެހެން ގަވާއިދުތައް ހެދުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. މީގެ ތިން މަސްކުރިން ވެސް ޕާކިސްތާނުގެ ސަރުކާރުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ. ނަމަވެސް ކޯޓުގެ ހުކުމް އައީ މިދިޔާ ހޯމަދުވަހުއެވެ.
2018 ވަނަ އަހަރުގެ އަލިފުދާލުގެ ރިޕޯޓްތައް ދައްކާ ގޮތުން ބިކުރުވެރިކަން ސާބިތު ކުރުމުގެ ޓެސްޓަކީ މުޅި ދުނިޔޭގެ 20 ގައުމެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ޓެސްޓެކެވެ.
