ދުނިޔޭގެ ހުރިހާދިމާލަކަށް ބެލިކަމުގައިވިޔަސް ގިނަބައެއްގެ  އެންމެ މަގުބޫލު ކާއެއްޗަކީ ކޮން އެއްޗެއްތޯ ބަލާނަމަ އެ މަގާމު ލިބިގެންދާނީ ޕިއްޒާއަށް ކަމާއި މެދު ގިނަ ބަޔަކު ޝައްކެއް ނުކުރާނެއެވެ. ދިވެހިންގެ މެދުގައި ވެސް ޕިއްޒާއަށް ހާއްސަ ލޯތްބެއް ޖެހިފައި ތިބި އެތައް ބަޔަކު އުޅެއެވެ. އިޓަލީގެ ކާނާއެއް ކަމަށްވާ ޕިއްޒާ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ވެފައިއޮތީ އޭގެ މީރު ރަހައާ އެއްވަރަށް ޖީބަށް ވެސް ލުއި ކާނާއެއްގެ ގޮތުގައެވެ.

އާންމުކޮށް ލިބެން ހުންނަ ޕިއްޒާގެ އަގުހެޔޮ ނަމަވެސް ދުނިޔޭގައި އަގުބޮޑު ޕިއްޒާވެސް ހުރެއެވެ. އެގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު ޕިއްޒާގެ އަގުވެސް 12،000 އެމެރިކާ ޑޮލަރަށް އަރައެވެ. އިޓަލީގެ ސެލާނޯ އަވަށުގައި ހަދާ މި ޕިއްޒާއަކީ ދެ މީހުނަށް ކެވޭވަރުގެ ޕިއްޒާއެކެވެ. ބޮލަކަށް ބަލާނަމަ އެއީ 6000 ޑޮލަރެވެ.

މި ޕިއްޒާ ފިހުމަށް 72 ގަޑިއިރު ހޭދަވާއިރު، އެކަމުގައި އިޓަލީގެ 3 ޝެފުން އަމަލީގޮތުން ބައިވެރިވެއެވެ. އެންމެ އަގުބޮޑު ޕިއްޒާގެ ފުށްގަނޑަކީ އޯގަނިކް އަރަބިކް ފުށުން ހަދައި ޕިންކު ސޯލްޓުން ސީޒަންކޮށްފައިވާ ފުށްގަނޑެކެވެ. މި ޕިއްޒާގެ ތިން ޓޮޕިންއެއް ހުންނައިރު، ތިން ވައްތަރަކީ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކެވެ. އެގޮތުން ނޯވޭގެ އިހި، ބަފަލޯ މޮޒަރެއްލާ، އަދި މަހުން އުފައްދާ ޕްރޮޑަކްޓެއް ކަމަށްވާ ކަވިއާ ހިމެނެއެވެ.

މި ޕިއްޒާއާއެކު 1995ގެ ޝެމްޕޭން ލިބިގެންދާއިރު، މި ޕިއްޒާގެ އެންމެ ހާއްސަކަމަކީ މި ޕިއްޒާ ކާން ރެސްޓޯރަންޓަކަށް ދާން ނުޖެހުމެވެ. މި ޕިއްޒާ ފިހާނީ ވެސް އަދި ކާނީ ވެސް ޕިއްޒާއަށް އޯޑަރު ދޭ ފަރާތުގެ ގޭގައެވެ.