އިންސާނުންނަށް ޖެތޭ ތަފާތު އެކި ބަލިތަކުގެ ތެރެއިން އާއްމު ބަލިތަކެއް ހުރެއެވެ. އެގޮތުން ރޯގާ އަކީ މިފަދަ އާއްމު ބައްޔެކެވެ. މިއީ ކޮންމެހެން ސިއްހީ ފްރުވާއެއް ނުހޯދިއެއްކަމަކު، ފަސޭހަވެ ރަނގަޅުވެދާވެސް ބައްޔެކެވެ. ރޯގާ ޖެހުމާއި އެކު ބައެއް މީހުން ވަރަށް ގަދައަށް ކެއްސައެވެ. އެއްބަޔަކު އަރިދަފުހާއި އެކު ކެއްސާއިރު، އަނެއްބަޔަކު ކެއްސަނީ ހިކި ކެއްސުމަށެވެ. މި ލިޔުމުގައި މި ބަލާލަނީ ހިކިކެއްސުމަކީ ކޮބައިކަމާ އޭގެ ސަބަބުތަކާއި އަދި ބައެއް ފަރުވާތަކަށެވެ.

ހިކި ކެއްސުމަކުން ކެއްސާނަމަ، އަދިރަފުހެއް ދަވައެއް ނާންނާނެއެވެ. ހިކިކޮށް ކެއްސާއިރު، ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ހޮޅިތައް ބެދޭ ގޮތަށް އަރިދަފުހެއް ދަވައެއް ނުހުންނާނެއެވެ. ހިކި ކެއްސުމޭ ކިޔަނީވެސް މިހެން ވެގެންނެވެ. ނޭވާލާ ނިޒާމުގެ ހޮޅިތަކާއި އަރުތެރެ ހިކުމުގެ ސަބަބުން، އެ ގުނަންތައް ހިރުވަން ފަށައެވެ. މިގޮތަށް ހިކިފައި ހުރުމުގެ ސަބަބުން، މިފަދަ ގޮތަކަށް އަރުތެރެ ހިރުވުމުގެ ނަތީޖާއަކަށް ވަނީ ހިކި ކެއްސުމަކުން ކެއްސުމެވެ. ހިކިކޮށް ކެއްސަނީ ފުއްޕާމޭގެ މައްސަލައަކުންނެއް ނޫނެވެ. ނަމަވެސް އަރުތެރޭގެ ހިރުވުންތަކެއްގެ ސަބަބުންނެވެ.

ރޯގާގެ ސަބަބުން ބައެއްފަހަރު، ނޭވާލާ ނިޒާމުގައި ހޫނު ކަމެއް އުފައްދައިދެއެވެ. މި ހޫނު ކަމުގެ ނަތީޖާއަކަށް ވަނީ އަރުތެރެ ހިކުމެވެ. އެއާއި އެކި ކެއްސުންވަރު އަރާ ކޮންމެ ފަހަރަކު، މި ހިކިކަން އިތުރުވަމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން އަރުތެރެ ފާރު ވުމުގެ ފުރުސަތުވެސް އޮވެއެވެ. މޭ އެންދުން ނުވަތަ ގިނިވަޔަށް ގެނައުމަކީވެސް ހިކި ކެއްސުންވަރު އިތުރުކުރުވަފާނެ ކަމެކެވެ. މީގެ އިތުރުން ގިނަ ދުވަސްވީ ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން އަރުތެރެ ހިއްކާލާ، ހިކި ކެއްސުންވަރެއް އަރާފާނެއެވެ.

ހިކިކޮށް ކެއްސުމަކީ އެކަމުގެ ސަބަބުން މެއަށް ވަރަށް ބާރުވެސް ކުރާ ކަމެކެވެ. އެހެނީ ހިކިކެއްސުން އަންނާނީ ކުއްލި ގޮތަކަށެވެ. އަދި އެއީ ސީދާ ފުއްޕާމޭގެ އިހުސާސަކުން އުފައްދާ އަސަރަކަށް ނުވާތީއާއި އެކު، ފުއްޕާމެއަށް މިކަމުގެ ސަބަބުން ކުރާނީ ކުއްލި އަސަރެކެވެ. އަދި ފުއްޕާމޭގައި އެއްވެސް އަރިދަފުހެއް، ދަވައެއް ނެތުމާއި އެކު، ކެއްސުމުގައި ފުއްޕާމޭގައި ވައިހިފާނީ ފުއްޕާމޭ އެއްކޮށް ފުރިގެންދާނެ ގޮތަކަށެވެ. މިއީ ހިކިކޮށް ކެއްސާއިރު، ބެރެއްގައި ޖަހާހެން ހީވެއޭ ބުނާ ސަބެބެވެ. ބެރެއްގެވެސް އެތެރޭގައި އެއްވެސް ފެނެއް އަދި އެހެން އެއްޗެއް ނުވާނެއެވެ. 

ހިކިކެއްސުމަށް އޮތް އެއްމެ މޮޅު ފަރުވާ އަކީ އަބަދުވެސް އަރުތެރެ ތެއްމާލާފައި ބެހެއްޓުމެވެ. މިކަމަށް އެއްމެ މޮޅު އުކުޅަކީ ގިނައިން ދިޔާ އެއްޗެހި ބުއިމެވެ. ހާއްސަކޮށް ފެނެވެ. ނަމަވެސް ފިނި ބުއިންތަކަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެފަދަ ބުއިންތަކެކެވެ. ގިނައިން ފެންބުއިމާއި އެކު، ތާފަނާފެނަށް ކުޑަ ލޮނުކޮޅެއް އަޅައިގެން ކަރުތެރެ ދޮވުމާއި، މާމުއި، އިނގުރު ފަދަ އެންޓިހިސްޓަމިން ގެ އަސަރު އެކުލެވޭ ތާސީރަކުން ބުއިމެއް ތައްޔާރުކޮށް ބޭނުން ކުރުން މިއީ ހިކިކެއްސުމަަށް ގޭގައި ކުރެވިދާނެ ފަރުވާއެކެވެ. އަދި އަނގައިން ނޭވާލާ މިންވަރު މަދުކޮށް ނޭފަތުން ނޭވާލެވޭތޯ ބެލުމަކީވެސް މުހިއްމު ކަމެކެވެ. ކެއްސުމުގެ ހާލަތު ގޯސްނަމަ، ޑަކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.