2021 ގެ އާއަހަރު ފެށުނީ މުމްބައިގެ ކުކުރޭޖާ އާއިލާއަށް ވަރަށް ބޮޑު ޝޮކަކާއި އެކުގައެވެ. އެމީހުންގެ 19 އަހަރުގެ އަންހެން ދަރިފުޅު ޖާންވީގެ މަރުގެ ޚަބަރާއި އެކުގައެވެ. އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޖާންވީ އަކީ އެރޭ، އޭނާގެ އެންމެ ކުޑައިރުގެ ރަހްމަތްތެރި އަދި އަވަށްޓެރި އަކާއެކު އާ އަހަރުގެ ޕާޓީއަކަށް ދިޔަކުއްޖެކެވެ. ބައި ގަޑިއިރުގެ ތެރޭގައި ޖާންވީގެ ގެއަށް އަނބުރާ ގެނެސްދޭނެ ކަމަށް ބުނުމުން ޖާންވީގެ މައިންބަފައިން އޭނާ އެ ޕާޓިއަށް ދިއުމުގެ ހުއްދަ ދިން އިރު މިފަދަ އެއްވެސް ކަމަކަށް ވިސްނާލެވިފައެއް ނެތެވެ.

31 ޑިސެމްބަރު ވީ ބުރާސްފަތި ދުވަހުގެ ރެއަކީ ޖާންވީގެ ބައްޕަގެ އުފަން ދުވަސް ވެސް މެއެވެ. އާއިލާގެ މެމްބަރުންނާއި އެކު ކުޑަ ޕާރޓީއެއް ބާއްވާ ކޭކު ފަޅާ ހެދިއިރު، ކިޔެވުމަށް މޮޅު ތޫނުފިލި ޖާންވީ ފެނުނީ ވަރަށް އުފާވެރިކޮށެވެ. ޕާރޓީ ހިނަގމުން ދަނިކޮށް ޖާންވީގެ ކުޑައިރުން ފެށިގެން މިއަދާހަމައަށް އެންމެ ގާތް ރަހްމަތްތެރިޔާ ދިޔާ ޕަޑަންކަރ އޭނާގެ ރަޙްމަތްތެރިޔާ ޝްރީ ޖޯގްދަންކަރ އާއި އެކު ޖާންވީގެ ގެއަށް އައެވެ. ޖާންވީގެ ގެއާއި ދިޔާގެ ގެ ހުންނަނީ ޖެހިޖެހިގެންނެވެ. ޝްރީވެސް ދެތިން ފަހަރަކު ޖާންވީގެ ގެއަށް ކުރިން އައިސްފައި ވުމުން ޖާންވީގެ މައިންބަފައިން ޝްރީވެސް ދަނެއެވެ. ނަމަވެސް ޝްރީއަކީ ދިޔާގެ ރައްޓެއްސެކެވެ. ޖާންވީގެ ބައްޕައަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ފަހު ދިޔާ އަދި ޝްރީ އެދުނީ އެމީހުންގެ އެހެން ރައްޓެއްސެއްގެ ގެއެއްގައި އޮތް އާއަހަރުގެ ޕާޓީއަކަށް ޖާންވީ ދިއުމުގެ ހުއްދަ ދިނުމަށެވެ. ނަމަވެސް މުމްބައި ގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކަށް ޖާންވީގެ ބައްޕަ އެކުދިންނަށް ހަނދާންކޮށްދިނެވެ. ޖަވާބުގައި ދިޔާ ބުނީ އެމީހުންގެ އެއްގަމު އުޅަނދެއް އޮތް ކަމަށާ ބައިގަޑިއެއްހާ އިރުގެ ތެރޭގައި ޖާންވީ ގެއަށް ގެނެސްދޭނެކަމަށެވެ. ޖާންވީވެސް ހުރީ ދާން ބޭނުންވެފައެއް ނޫނެވެ. ނަމަވެސް ދިޔާ ގަދަކަމުން ކަހަލަ ގޮތަކަށް ޖާންވީ ގެންދަން މަސައްކަތް ކުރިއެވެ. ދިޔާގެ ފައިވާނެއް ހޯދާނެ ވަގުތުވެސް ނުލިބުމުން މަންމަ އަރައިގެން ހުރި ފައިވާން ދީފައި އަވަހަށް ގެއަށް އައުމަށާ، ރައްކާތެރިވެގެން އުޅުމަށް ބުނެފައި ދަރިފުޅު ފޮނުވާލިއިރު އެއީ އެދަރިފުޅު ދިރިހުއްޓާ ފެންނާނެ އެންމެ ފަހު ފަހަރު ކަމެއް ޖާންވީގެ މަންމަ ނިދީ ގެ ހިތަށް ވެސް ނާރައެވެ.

ފަތިހު 5 ޖެހިއިރު ދިޔާގެ ބައްޕަ ގުޅާފައި އެކްސިޑެންޓެއް ވެގެން އުޅޭކަމަށާ އަވަހަށް ޕޮލިހަށް އައުމަށް ބުންޏެވެ. މިހާދިސާގައި ޝްރީ އަދި ދިޔާއަށް ވެސް އެކިވަރުގެ ޒަޚަމްލިބިފައިވެއެވެ. ނަމަވެސް ކޮންމެ މީހަކު އެޑްމިޓް ކުރެވި ފަރުވާ ދިނީ ވަކި ހޮސްޕިޓަލެއްގައެވެ. ޝްރީއާއި ދިޔާއަށް ލިބުން ގެއްލުމަށް ފަރުވާ ކުރަން ހޮސްޕިޓަލަށް ދިޔައިރު ލޭގެ ކޯރެއްގައި ޖާންވީ އޮތެވެ. ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ގަދަކަމުން ދަމާފައި ގެނައުމުގެ ސަބަބުން އިސްތަށިގަނޑުގެ ބައިތައް ބުޑުން އުފުރިގެން އައިސްފައި ހުއްޓެވެ. 8 ފަންގިފިލާގެ އެ އިމާރާތުގެ ޓެރަސްގައި އޮތް މި ޕާރޓީގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ނޭގެއެވެ. ނަމަވެސް 18 އަހަރާއި 22 އަހަރުގެ، އެކުގައި ކިޔަވަން އުޅޭ ކުދިބައެއްގެ ތެރޭގައި ޖެހުނު މައްސަލައެއްގައި މިހާ އަނިޔާވެރިކޮށް އެމީހުންގެ ރަޙްމަތްތެރިއަކު މަރާލަން ޖެހޭނެއެއްވެސް ސަބަބެއް ނެތެވެ. ޓެރަހުން ފެށިގެން ދަމާފައި ސިޑިން ޖާންވީ ތިރިއަށް ގެންދިއުމުގެ ސަބަބުން ކޮންމެ ފަންގިފިލާއެއްގައި ލޭ ހުއްޓެވެ. ޖާންވީގެ ހަށިގަނޑުފެނުނީ އިމާރާތުގެ އެންމެ ތިރީގައި އޮއްވައެވެ.

ޕޮލިހުން މިހާރުވަނީ ޖާންވީގެ މަރުގެ ތުހުމަތުގައި ދިޔާ އާއި ޝްރީ ހައްޔަރުކޮށްފައެވެ. ޖާންވީގެ މަންމަ އަންނަނީ މީޑިޔާގެ އެކި ވަސީލަތް ބޭނުންކޮށްގެން ޖާންވީގެ މަރަށް އިންސާފު ހޯދުމަށް ގޮވާލަމުންނެވެ. އަދި މިހާތަނަށް ފުލުހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ތަޢުރީފްކޮށްފައެވެ. ބައެއް މީޑިޔާތަކުގައި މިއީ ޖާންވީ، ދިޔާ އަދި ޝްރީގެ މެދުގައި އުފެދުނު ތިނެސްކަން ލޯބީގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ބުނި ނަމަވެސް ޖާންވީގެ މަންމަ އެކަން ދޮގު ކުރެއެވެ. އެކުގައި ބޮޑުވި އަވަށްޓެރި ރަހްމަތްތެރިޔާގެ ބަހަށް އިތުބާރުކޮށް ދަރިފުޅު ފޮނުވުމުން މިހެން ކަންތައް ކުރުމުން ޖާންވީގެ މުޅި އާއިލާ ވަނީ ޝޮކްގައެވެ. ދިޔާގެ ގެ ކިތަންމެ ކާރީގައި ހުރި ނަމަވެސް ޖާންވީގެ މަރަށް ފަހު ދިޔާގެ މައިން ބަފައިން އެންމެ ފަހަރަކުވެސް ޖާންވީގެ އާއިލާގެ ހާލު ބަލާލަށް ނާންނަ ކަމަށް ޖާންވީގެ މަންމަ ހާމަކުރިއެވެ.