މީހާގެ ގައިން ދުވާ ވަހަކީ އޭގެ ސަބަބުން އެހެން މީހުން ތިމާއާމެދު ދެކޭ ގޮތް ބަދަލުވާ ފަދަ ކަމެކެވެ. ގައިންދުވާ ވަހުގެ ސަބަބުން މީހާއަކީ ކޮން ކަހަލަ މީހެއް ކަން ކަނޑައަޅައި، "ޖަޖު" ކުރާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މުޅި ދުވަހު ބުރަކޮށް މަސައްކަތުގައި ހޭދަކުރާއިރު، ހެނދުނު ގަޔަށް ޖަހާލާ ސެންޓުގެ ވަސް ހަރުލާ ނުހުރުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ކިތަންމެ އަގުބޮޑު ސެންޓެއް ނަމަވެސް ވަސް ގިނައިރު ނުހުރުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.
ގަޔަށް ޖަހާލާ ސެންޓުގެ ވަސް ގިނައިރު ބެހެއްޓުމުގެ ގޮތުން ތަފާތު ގިނަ ކަންކަން އެކި މީހުން ކޮށް އުޅެއެވެ. އެފަދަ ބައެއް ކަންކަން މި ލިޔުމުގައި ހިއްސާކޮށްލާނަމެވެ.
ފުރަތަމަ ކަމަކަށް އެމީހަކު ޖަހާ ސެންޓުގެ ވަހާ ގުޅޭ ވަހެއްގެ ރީތިވާ ސާމާނު ހޯދާށެވެ. މިސާލަކަށް ފްލޯރަލް ސެންޓެއް ޖަހާނަމަ، ހަމައެވައްތަރުގެ ސައިބޯނި، ކޮލޯން، އަދި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަކީ ސެންޓުގެ ވަސް ގިނައިރު ހަރުލާ ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. ސެންޓު ފުޅި ގަންނައިރު ވަސް ގަދަ ސެންޓެއް ބަލައިގެން ގަތުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ވަސް ގަދަ ސެންޓު ހުންނާނީ، ޕާފިއުމް ؛ އޯ ޑި ޕާފިއުމް؛ އޯ ޑި ޓުވާލެޓް ؛ އޯ ޑި ކޮލޯން މި ތަރުތީބުންނެވެ.
ގެންގުޅޭ ސެންޓުން އަލަމާރި ނުވަތަ އަންނައުނު ބަހައްޓާ ކަބަޑަށް ސެންޓު ކޮޅެއް ޖަހާލާފައި ބެހެއްޓުމުން ވެސް ލާ އެއްޗެހީގައި ސެންޓުގެ ވަސް ހަރުލާ ގިނައިރު ހުންނާނެއެވެ. އޭރުން އަންނައުނުގައި ސެންޓުގެ ވަސް ގިނައިރު ހަރުލާ ހުންނަ ކަމަށް މީހުން ބުނެއެވެ. ހޫނުނޫން އަދި އަލިކަން ނެތްތަނެއްގައި އަބަދުވެސް ސެންޓުފުޅި ބަހައްޓާށެވެ. ހޫނުގެ ސަބަބުން ސެންޓުގެ މޮލިކިއުލްސް ހުންނަގޮތަށް ބަދަލު އާދެއެވެ. އަދި އޭގެ ސަބަބުން ސެންޓުގެ ކޮލިޓީ ދަށްވެއެވެ.
މީގެ އިތުރުން ހަންގަނޑުގެ އެންމެ ހޫނު ގަދަ ހިސާބުތަކަށް ސެންޓު ޖެހުމުން ގިނައިރު ވަސް ދެމިހުންނާނެއެވެ. މިފަދަ ހިސާބުތަކަކީހިތުގެ ވިންދުބެލޭ ހިސާބުތަކެވެ. މީގެތެރޭގައި، އަތުގެ ކުޑަހުޅު، އުޅަނބޮށީގެ އެތެރެފުށް، ކަރު، މޭމަތި، ކަކުލު އެތެރެފުށް، ތަނބިކަށި، އަދި ކުޑަކަޅުވާ ހިމެނެއެވެ. މިހިސާބުތަކުގައި ވެސްލިން ފަދަ އެއްޗެއް ތުނިކޮށް އުނގުޅާލުމަށްފަހު އެތަންތަނަށް ސެންޓުޖަހާލާށެވެ. އަދި ބޭރަށް ނިކުންނަމުން ކޮންމެހެން ވެސް ގަޔަށް ސެންޓު ޖަހާލަން ހަނދާން ނައްތާނުލާށެވެ.