އިންސާނާގެ ސިއްހަތުގައި ނަފްސާނީ ދުޅަހެޔޮކަމަކީ ވަރަށްވެސް ބޮޑު ބައެކެވެ. އެއްބަޔަކު ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ މާ ގަދަޔަށް ނުދައްކަނީ ނަފްސާނީގޮތުން، އިންސާނާގެ ބުއްދިއަށް އަސަރުކުރުވާ ހާލަތަކަށް ނުދާތީއެވެ. ނަމަވެސް އިންސާނެއްގެ ހަޔާތުގައި ހަމަ ކޮންމެ ދުވަހަކުމެ، ނަފްސާނީ ކޮންމެވެސް ބަލިކަށިކަމަކާ ކުރިމަތިލާން ޖެހިދެއެވެ. އެކަމުން އަރައިގަތުމުގެ ގާބިލުކަން އެ އިންސާނާ ހޯދަނީ އެ އިންސާނެއްގެ ނަފްސާނީ ގާބިލުކަމަކުންނެވެ.
ބައެއް މީހުންނީ ހާސްކަމުގައި ދުވަސްތައް ގުނާ މީހުންނެވެ. ނުތަނަވަސްކަމުގައި އުޅޭ މީހުންނެވެ. ކަންކަމާ ވިސްނާ މީހުންނެވެ. ނުވަތަ ކޮންމެވެސް ކަމަކާ ހުރެ، ބޮލަށް އުނދަގުވެ ކަންބޮޑުވާ މީހުންނެވެ. މިއީ ހައްތަހާވެސް ނަފްސާނީ ބަލިކަށި ކަމެވެ. މިއީ އެކަންކަމުން އަރައިނުގަނެވޭނަމަ، އޭގެ ހިތި ފަހުން ދެކޭނޭ ކަންކަމެވެ. ނަފްސާނީ ބަލިމަޑުކަން ނުވަތަ ބަލިކަށިކަމަކީ މި ޖީލު ދެކޭ ވަރަށްބޮޑު ނުރައްކާތެރިކަމެކެވެ.
ދިރާސާވެރިން ފާހަގަކުރާގޮތުގައި މި ޖީލު މި ދެކޭ ނަފްސާނީ ބަލިކަށި ކަމަކީ އިޖްތިމާއީ ގުޅުންތައް ކުޑަވުމުގެ ނަތީޖާއެވެ. ޒަމާނަކުން އައި މި ޒަމާނަކީ ނަފްސާނީ ބަލިކަށިކަމެއް ހުރުމަށް ޖާގަދޭނެ ޒަމާނެއް ނޫނެވެ. ނަމަވެސް އެކަން ހިނގާކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ވުމާއެކު، އެކަމުގެ ވަށާޖެހޭ ނުކުތާއަކަށް މި ވަނީ އިޖްތިމާއީ ގުޅުން ކުޑަވުމެވެ.
އާދޭހެވެ! މިއަދުގެ ޖީލުތައް މި ދެކެނީ ވަރަށްވެސް އެކަނިވެރި ދުވަސްތަކެކެވެ. "ނަފްސީ، ނަފްސީ" ގެ ދުވަސްތަކެކެވެ. ހަމައެކަނި ތިމާގެ ހާލައިގެން ތިމާ އުޅޭ ދުވަސްވަރެކެވެ. މި އުޅުމުގައި އިޖްތިމާއީ ގުޅުންތައް ވަރަށްވެސް ކުޑައެވެ. އަދި ކިއެއް، އާއިލީ ގުޅުންތައްވެސް އެހާމެ ކުޑައެވެ. ނަތީޖާއަކީ އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ބަލިތައް މި ޖީލުގައި އިންތިހާއަށް ގިނަވުމެވެ.
އިޖްތިމާއީ ގުޅުންތަކުގެ ސަބަބުން އިންސާނާގެ ނަފްސާނީ ސިއްހަތަށް ކުރާ ފައިދާތަކުގެ ތެރޭގައި އިންސާނާގެ ތޫނުފިލިކަން އިތުރުވުން ހިމެނެއެވެ. މި އިތުރުވާ ވިސްނުމުގެ ތޫނުފިލިކަމުގެ ނަތީޖާއަކީ، ހާސްކަމާ ނުތަނަވަސްކަމުން އަރައިގަތުމަށް، އަމިއްލަ ބުއްދި އިސްކޮށް އަމިއްލައަށް މޮޅެތި ހައްލުތައް ހޯދާ އަމަލުކޮށް، އެކަންކަމުން އަަރައިގަތުމަށް ފަހިވާ ވަރަށްވެސް ތަނަވަސް މަގެކެވެ.
ދިރިއުޅުމުގައި އެހެންމީހުންގެ ތަޖުރިބާ އަކީ ވަރަށަވެސް މުހިއްމު ކަމެކެވެ. ދިރިއުޅުމުގެ ހަމަ ކޮންމެ ކަމެއް އަމިއްލަ އަށް ތަޖުރިބާކޮށް، އޭގެ ހިތި ލިބި، ރަނގަޅާ ނުބައި އެނގޭކަށް ނުޖެހޭނެެެވެ. މުޖުތަމައުގައި އެކަންކަން ތަޖުރިބާކޮށްފައި ތިބޭ މީހުންގެ ތަޖުރިބާގެ އަލީގައި ތިމާ ދިރިއުޅުން އުޖާލާ ކުރެވިދާނެއެވެ. މިފަދަ ތަޖުރިބާތައް ލިބުން އޮތީ އިޖްތިމާއީ ގުޅުން ބަދަހި ކޮށްގެންނެވެ. އަމިއްލައަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ތަޖުރިބާ ކުރާނަމަ، ނާކާމިޔާބީގެ އެތައް ސަފުހާއެއް ގުނަން ޖެހޭނެއެވެ. މިއީ ބައެއްމީހުނަށް އުކަން ފަސޭހަ ސަފުހާތަކެއް ނޫނެވެ. ނަތީޖާއަކަށް ވަނީ މިކަމުގައި އެބައިމީހުން މާޔޫސްވެ، މޮޅިވެރިކަން އިހުސާސްކުރަން ޖެހުމެވެ. ނަފްސާނީގޮތުން ބަލިކަށިވެ، އަމިއްލަ ނަފުސަށް އިތުބާރު ގެއްލި، ދުނިޔެމަތިން ފޫހިވުމެވެ. އެހެންކަމުން ނަފްސާނީ މި ބަލިކަށިކަމުން އަރައިގަތުމަށްވެސް އިޖްތިމާއީ ގުޅުންތަކަކީ ބަދަހިކުރަން ޖެހޭނެ ގުޅުންތަކެކެވެ.
އެހެންމީހުންގެ އިހުސާސްތައް އަޑުއިވުމާއި އެހެންމީހުންގެ ހިޔާލުތަކާއި އެހެންމީހުގެ ޖަޒުބާތުތައް އަޑުއިވި، ދަނެ ފަރިތަވުމަކީ މުޖުތަމައެއްގައި އުޅެން ފަސޭހަވާނެ ކަމެކެވެ. އެކަކު އަނެކަކު ރަނގަޅަށް ދަނެ، ފަރިތަވެ، އެކަކުއަނެކަކަށް ކުރާ އިތުބާރު ބޮޑުވުމަކީ މުޖުތަމައެއްގައި ހަމަޖެހިގެން އުޅެން ފަސޭހަވާނެ ކަމެކެވެ. ނަމަވެސް އެފަދަ ގުޅުންތައް ކުޑަ މީހުންނީ މީހުންނާއި ގުޅިގެން އުޅެން ފަސޭހަ ވާނެ ބައެއް ނޫނެވެ. ނަތީޖާއަކަށްވާނީ އެފަދަ މީހުންގެ ފުށުން އެހެންމީހުން ހިތްހަމަނުޖެހޭ އެތައްކަމެއް ފެނިގެން ދިއުމެވެ. އަދި އެ ކަންތައްތަކުގެ ސަބަބުން އެހެންމީހުންގެ ނަފްރަތާއި ފާޑުކިޔުން ލިބިގެން ދިއުމެވެ. މިއާއި އެކު، އޭނާގެ ކިބައިގާ އެވާ އިޖްތިމާއީގުޅުމުގެ ކުޑަކަމާއި އެކު، އެ ފާޑުކިޔުންތަކާއި އެ ނަފްރަތުތަކަށް އޭނާގެ ނަފްސު ނަގަހައްޓާކަށް އޭނާއަކަށް ނޭނގޭނެެެއެވެ. ނަތީޖާއަކަށް ވާނީ އެ ކަންތައްތަކުގެ ތެރޭގައި ހާސްކަމާއި ނުތަވަސްކަން އިތުރުވެ، ނަފްސާނީ ބަލިކަށިކަމަކަށް ހުށަހެޅިގެން ދިއުމެވެ. މިފަދަކަންކަން މިހެން ހުރުމާއި އެކު، ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް އެދޭނަމަ، އިޖްތިމާއީގުޅުންތައް ބަދަހިކޮށް ހަރުދަނާކުރަންވާނެއެވެ.
އިންސާނާގެ ތޫނުފިލިކަން އިތުރުކުރުމަށާއި، އެކަނިވެރިކަން ފިލުވާލުމަށާއި، ދިރިއުޅުމުގެ ތަޖުރިބާ ހޯދުމަށާއި، ހާސްކަމާއި ނުތަނަވަސްކަމުން އަރައިގަތުމަށާއި އަދި މުޖުތަމައުގެ އެއްމެންނާއި ގުޅިގެން ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމެއް އިޖްތިމާއީ ގުޅުންތައް ބަދަހިކުރަން ޖެހެއެވެ. ނަފްސާނީ ބަލިކަށިކަމަށް އޮތް އެއްމެ ފަސޭހަ، އަދި އެއްމެ ކާމިޔާބު އެއް ފަރުވާއަކީ އިޖްތިމާއީ ގުޅުންތައް އިތުރުކޮށް ބަދަހިކުރުމެވެ.
