މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ "ހުނަވަރު" ޕްރޮގްރާމުގެ އޯޕަން ޑޭ އައްޑުސިޓީގައި މިއަދު ފަށައިފި އެވެ.

ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ފަށާފައިވާ މި ޕްރޮގްރާމުގެ އޯޕަން ޑޭ އެ ސިޓީގައި މިއަދު ކުރިއަށްދާނީމެންދުރު 11:00 އިން ފެށިގެން ހަވީރު 03:00 އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އޯޕަން ޑޭ އޮންނާނީ އައްޑޫ ހައި ސްކޫލުގައި ކަމަށް ވެސް ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން އެމްޓީސީސީ އިން ވަނީ ފުވައްމުލައްސިޓީގައި ވެސް އޯޕަން ޑޭ އެއް ކުރިއަށް ގެންގޮސްފަ އެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމުގެ މަގުސަދާއި ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހަތަރު ފިޔަވައްސަކަށް ބަހާލައިގެން މި ޕްރޮގްރާމް ކުރިއަށް ގެންދާ އިރު، ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އެ ކުންފުނިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ވަނީ ނިންމާފަ އެވެ.

ހުނަވަރު ޕްރޮގްރާމުގައި އެ ކުންފުނީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒަރ، އެކްސްކަވޭޓަރ، ކްރޭން، ލޮރީ، ރޯލަރ، ޕޭވަރ، ލޯޑަރ އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށް ދަސްކޮށްދޭނެ އެވެ.

ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސެއް ލިބޭގޮތަށް މިތަމްރީންތައް ހެދުމަށް ފަހު، ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

2018 ވަނަ އަހަރު އެމްޓީސީސީއިން އިފްތިތާހުކުރި ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީއިން ތަޢާރަފްކުރި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެތެރެއިން ހެވީވެހިކަލް އޮޕަރޭޓްކުރުމާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، އިންޖިނިއަރިން، ވެލްޑިން، ޑްރެޖިން އަދި އެންވަޔަރމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީނުކުރެވިގެންދާނެއެވެ.