ކޮލެސްޓްރޯލް މަތި ވުމަކީ ދިވެހިންގެ ތެރޭގައި އާދަޔާ ޚިލާފަށް ދިމާވާ ކަމެކެވެ. ޙާއްސަކޮށް ވަކި އުމުރަކަށް އެޅުމުން މިކަން ދިމާ ނުވާ މީހަކު މަދެވެ. ނަމަވެސް މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކެއުންބުއިމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ކޮންޓްރޯލު ކުރެވިދާނެ ކަމެކެވެ. އެގޮތުން، ކޮލެސްޓްރޯލް ހުންނަ މީހުން އެއްގޮތަކަށްވެސް ކެއުންބުއިމުގައި ބޭނުންކޮށްގެން ނުވާނެ އެއްޗެހި ހުރެއެވެ. މިފަހަރު މި އަލިއަޅުވައިލަނީ އޭގެތެރެއިން ބައެއް އެއްޗިއްސަށެވެ.

 

ޓްރާންސް ފެޓް

ޓްރާންސް ފެޓް އެކުލެވޭ ކާނާގެ ތެރޭގައި ޕިއްޒާ، ބާގާ، ޑޯނަޓް، ކޭކު، ޕާން (ހުދު ފުށުގައި) އަދި ބަނަސް ފާހަގަކޮށްލެވެއެވެ. ޓްރާންސް ފެޓް އަކީ ކޮލެސްޓްރޯލް ލެވެލް އިތުރަށް މަތިކުރުމުގައި އިސް ދައުރެއް އަދާކުރާ އެއްޗެކެވެ. 

 

ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތް

ސޮސެޖާއި ލަންޗެންމީޓް ހިމެނެނީ މީގެ ތެރޭގައެވެ. މިހެން ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތަކުގައި މަތީ މިންވަރަކަށް ސެޗުރޭޓެޑް ފެޓްސް އަދި ސޯޑިއަމް އެކުލެވެއެވެ. 

 

ތެލުލި އެއްޗެހި

ތެލަކީ ކޮލެސްޓްރޯލް ހުންނަ މީހުންގެ ދުޝްމަނެކެވެ. އެހެންކަމުން، ތެލުލާފައި ހުންނަ ފާޑު ފާޑުގެ އެއްޗެހި ކެއުން ހުއްޓާލަން އެބަޖެހެއެވެ. ޙާއްސަކޮށް ދިވެހިންނަކީ ހެދިކާއާ މާ ރައްޓެހި ބަޔަކަށް ވާތީ، އެކަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވޭތޯ ބަލަން އެބަޖެހެއެވެ.

 

ފުލް-ފެޓް ޑެއިރީ

ފުލް-ފެޓް މިލްކް އަދި ޗީޒް ފަދަ ތަކެތީގައި ެވސް ސެޗުރޭޓެޑް ފެޓްސް އެކުލެވޭ މިންވަރު ވަރަށް މައްޗެވެ. އެހެންކަމުން ކޮލެސްޓްރޯލް މަތި މީހުން މި އެއްޗިއްސާވެސް ދުރުވާން އެބަޖެހެއެވެ.

 

ޕެކެޓު ކޮށްފައި ހުންނަ ކާއެއްޗެހި

މީގެ ދަށަށް އަންނަނީ ޗިޕްސް، ބިސްކޯދު ފަދަ ލުއިކާނާއެވެ. މިއީ ވެސް އާންމުކޮށް ކާން ރަނގަޅު އެއްޗިއްސެއް ނޫނެވެ. 

 

ހަކުރު ހިމެނޭ އެއްޗެހި

ހަކުރޭ މި ބުނަނީ، މާ މަތީ މިންވަރަށް ހަކުރު ހުންނަ ފޮނި އެއްޗިއްސަށެވެ. މީގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެ، ކޮލެސްޓްރޯލް ލެވެލް މަތިވުމަށް މަގުފަހިކޮށްދެއެވެ. 

 

ބިހުގެ ގޮބޮޅި

ބިހަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. އެހެންނަމަވެސް، ބިހުގެ ގޮބޮޅިއަކީ ކޮލެސްޓްރޯލް ހުންނަ މީހުން ނުކައި ދޫކޮށްލަންޖެހޭ ބައެކެވެ. ބިހުގެ ހުދުބައި ކެޔަސް މައްސަލައެއް ނުޖެހޭނެއެވެ.

 

ނޯޓް: މި ލިސްޓުގައި ހިމެނޭ އެއްޗިއްސަކީ އާންމުކޮށް ކޮލެސްޓްރޯލް ހުންނަ މީހުން ނުކެއުމަށް ޑޮކްޓަރުން ލަފާދޭ އެއްޗިިއްސެވެ. އެހެންނަމަވެސް، އެކި މީހުންގެ ހަށިގަނޑު ތަފާތު ވާނެކަން ދަނެ، އަމިއްލައަށް ޑޮކްޓަރަކަށް ދައްކައިގެން ޑޮކްޓަރު ދޭ ލަފައާ އެއްގޮތަށް ކެއުންބުއިމުގެ ވައްޓަފާޅި ގެންގުޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ.