ރީތި ނަންނަމަށާއި ތަފާތު ނަންނަމަށް އަހަރެމެންގެ ހިތް ޖެހެއެވެ. އެއީ އިންސާނީ ޠަބީއަތެވެ. މިފަދައިން ރީތި އެތައް ނަމެއްގެ ނަމުގައި އިންސާނުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާކަން އެއީ ދުނިޔެ ގަބޫލުކުރާ ހަގީގަތެކެވެ. ރީތި ނަންނަމުގައި ކިޔައިދީ ބުނެދޭ ވާހަކަތަކުގެ ހަގީގަތަކީ އެކަމުގައި ފޮރުވިފައިވާ އަޑި ނޭނގޭ ފަނާކުރަނިވި، ދުރު ރާސްތާ ވިސްނުމެކެވެ. ނުވަތަ އަޅުވެތިކަމުވެ ނަޒަރިއްޔާއެކެވެ. ގައިދު ކުރުމުގެ ފަލްސަފާއެކެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ހުޅަނދުގެ ފާސިދު ގައުމުތަކުން ނެރެ ދައްކާ ރީތި ނަންނަމުގެ ދަޅައިގާ ޖެހި، ހަގީގަތާއި ނުކިއްސަރު އަގީދާތަކެއް އަހަރެމެން ގަބޫލު ކުރާ ވާހަކައެވެ. އަދި އެކަންކަމުގެ ސަބަބުން އެބައިމީހުންގެ އަޅުންކަމުގައި އަހަރެމެން ވާ ވާހަކައެވެ.
އާދޭހެވެ! މިއީ އެފަދަ ނަމެކެވެ! މިއީ އިނގިރޭސިބަހުން ކިޔާ "ސެލްފް-ކޮންފިޑެންސް" އެވެ. ދިވެހިބަހުން ކިޔާނަމަ، އަމިއްލަ ނަފްސުގެ އިތުބާރެވެ! މި ނަމުގެ ރީތި ކަމާއެވެ. އަދި ބަހުގެ ގޮތުން މި ނަމުގައި މިވަނީ ކޮންފަދަ ފުރިހަމަ ޖަޒުބާތެއް ހެއްޔެވެ؟ އެހެނަސް މި ބަހުގެ މުރާދާއި މަފްހޫމު، އަހަރެމެންނަށް އެނގި ދަސްމިވަނީ އޭގެ ނުކިއްސަރު ގޮތަށެވެ! ހުޅަނގުގެ ގައުމުތަކުން މި ރީތި ނަމުގެ ސިފަ އާއި ޖަޒުބާތު ހުތުރުކޮށް ގިރިޓީކުރި ގޮތަށް އަހަރެމެން ގަބޫލުކުރަމުއެވެ. ހާއްސަކޮށް ތައުލީމީ ނިޒާމުގައެވެ!
ހަގީގީ "ސެލްފް-ކޮންފިޑެންސް" ގެ މާނައަކީ ތިމާއަށް ލިބިފައިވާ ހުނަރަކާއި ޢިލްމަކާއި އަދި ގާބިލުކަމެއްގެ މައްޗަށް، ތިމާގެ ޟަމީރު ދެކޭ ފައްސި ގޮތެކެވެ. ގިނަފަހަރަށް މި ފައްސި ވިސްނުން ވެފައިވަނީ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ކުރާ އިތުބާރަށެވެ. އެހާރުން ދިވެހި ބަހުން މި ބަހަށް އަމިއްލަ ނަފްސުގެ އިތުބާރޭ ކިޔާ ކިޔުން ފަހުމްވެ ދެއެވެ! މިއީ ތިމާގެ ޖެހިލުން ކުޑަކަމާއި ތިމާގެ ބިރުކުޑަ ކަމާއި ލަދުކުޑަކަމާއި މިނިވަންކަން ރަމްޒުކޮށްދޭ ބަހެއް ނޫނެވެ. މިއީ ތިމާގެ ހުނަރާއި ގާބިލުކަމުގެ މައްޗަށް ތިމާ ދެކޭ ފައްސި ވިސްނުމެކެވެ. މިއީ ގަދަކަމާއި ބާރުވެރިކަމާއި ބޮޑާކަމާއި އަދި މިނިވަންކަން އެކަމުގައި އެކުލެވިގެންވާ ސިފައެއް ނޫނެވެ!
ކަންމިހެން ހުރިނަމަވެސް ހިތާމައަކީ "ސެލްފް-ކޮންފިޑެންސް" ގެ ނަމުގައި ސުކޫލު މަދަރުސާތަކުގެ މަންހަޖުގައި ހިމަނައިގެން، އަދުގެ ޅަ ކުދީންނަށް ކިޔަވައިދޭ މި "ސެލްފް-ކޮންމިޑެންސް" މާނަ މުޅިން އެހެން ދިމާލަކަށް ދާ ކަމެވެ. ހުޅަނގުގެ ގައުމުތަކުން ގިރިޓީކުރި މި ބަސް، ތައުލީމީ ނިޒާމުގައި ބޭނުންކޮށް ކިޔަވައިދެނީ، ނަފްސީ ބާރުވެރިކަމެއް ހޯދާ ލިބިގަތުގެ ގޮތުންނެވެ. އެގޮތުން އެ ޅަ ސިކުނޑިތަކަށް، "ސެލްފް-ކޮންފިޑެންސް" ގެ ނަމުގައި ބުނެދެނީ އެއީ ކެރުންތެރިކަން ކަމުގައެވެ. އެއީ ލަދުކުޑަކަން ކަމުގައެވެ. އެއީ ޖެހިލުން ނުވުން ކަމުގައެވެ. އެއީ މިނިވަންކަން ކަމުގައެވެ. އަދި އެއީ ފަސްނުޖެހުން ކަމުގައެވެ. ސިފަތަކެއްގެ ގޮތުން މަސްހުނި ކުރުވި މި ސިފަތަކަކީ ގޯސް ސިފަތަކެއް ނޫނެވެ. ނަމަވެސް މި ސިފަތަކުން ޒީނަތްތެރިވަނީ ނުކިއްސަރު ގޮތަކަށެވެ.
މިއަދު "ސެލްކް-ކޮންފިޑެންސް" ލިބިފައިވާކަމަށް ބުނާ ކުދިންނަކީ ލަދެއްގަންނަ ބައެއް ނޫނެވެ. ބިރެއްގަންނަ ބައެއް ބޫނެވެ. ޖެހިލުމެއްވާ ބައެއް ނޫނެވެ. ހިތުހުރި ގޮތަކަށް އުޅެ، ބަސްބުނެ އުޅޭ ބަައެކެވެ. މޮޅު ބައެކެވެ. ބޮޑާވެރި ބައެކެވެ. އެއީ އެބުނާ "ސެލްފް-ކޮންފިޑެންސް" އެވެ. އާދޭހެވެ! ޖީލުތަކެއް ހަލާކާ ފަސާދައިގެ މަގަށް މި ބަސް އައިސް ވައްޓާލައިފިއެވެ. ވެރިންނާ އެދުރުންނާ މައިންބަފައިންގެ ކުރިމަތީގައިވެސް އަދުގެ ދަރިން ދައްކަނީ އެދަރިންގެ "ސެލްފް-ކޮންފިޑެންސް" އެވެ. އެބައިމީހުނަށް އިހްތިރާމު ކުރުމެއް ނެތެވެ. އެބައިމީހުނާއި ދިމާލަށް ބުނަން ބޭނުން އެއްޗެއް ބުނަން ބޭނުންވި އިރަކު ބުނަނީއެވެ. އެބައިމީހުންގެ ބެލުމުގެ ދަށުގައި ތިއްބެއްކަމަކު، އުޅެނީ އުޅޭނެ ގޮތަކަށެވެ. ކަމެއް ބޭނުން ވެއްޖެ ނަމަ، އެކަމެއް ވާން ޖެހޭނެކަމަށް ގަބޫލު ކުރެއެވެ. ނުވާނަމަ އެއީ އެކުއްޖެއްގެ ކިބައިގާ "ސެލްފް-ކޮންފިޑެންސް" ނެތީއެވެ. އެހެންކަމުން ކޮންމެ ހާލެއްގައިވެސް އެ ބޭނުންވާ ކަމެއް ހޯދުން އެއީ އެކުދިންނަށް ލިބެމުންދާ އަދުގެ "ތަހުޒީބު" "ތަރުބިއްޔަތެވެ"!
ހެޔޮވާނީ ކޮންފަދަ އަކުން ހެއްޔެވެ؟ ތަނެއް ދޮތެއް، ދޮރުކަންޏެއް ދޮރުފަތެއް ނޭނގޭ ހާލު، އަހަރެމެންގެ ތެރެއަށް، މާ މޮޅުކަމަށް ހެދިގެން ބަޔަކު އައިސް ޖަރީކުރި އަޑި ނޭނގޭ ފަލްސަފީ ވިސްނުންތަކެއްގައި އަހަރެމެން މިދަނީ ޖެހި ހަލާކުވަމުންނެވެ. ވާނީވެސް އެހެންތާއެވެ! އެއްޗެއް ނުދަންނަ ބައެއް ކައިރި، މާ މޮޅު އެއްޗެއްކަމަށް ހީކޮށް، ލާގުޅަ އޮށެއް ދެއްކިޔަސް އެއީ މާވަހަރަށްވުރެ އަގުބޮޑު އެއްޗެއް ކަމުގައި ވެދާނެތާއެވެ. ހަގީގަތަކީ އަހަރެމެންނަށް ނޭނގެނީކީ ނޫނެވެ. ހިސާބަށްވުރެ، ގަބީއެވެ. ހިސާބަށްވުރެ "ގަމާރީއެވެ"! އިނގިރޭސިބަހުން ކޮންމެ އެއްޗެއް ކިޔަސް އެއީ ވަރަށް މޮޅު އެއްޗެއް ކަމުގައި އަހަރެމެން ގަބޫލު ކުރެއެވެ. މިކަންކަން މިހެން ހިނގާ ކަމީ ހިތި ހަގީގަތެކެވެ!
އޭ ދިވެހިންނޭވެ! ހެޔޮ ވިސްނުން އިސްކުރާށެވެ! ބަސްބަހާއި ނަންނަމުގެ ހަގީގަތް ހޯދާށެވެ! އަސްލު ދެނެގަންނާށެވެ! އަހަރެމެން ދިވެހިންގެ އާދަތަކާއި އުޅުންތަކާއި ގުޅުންތަކަށް ފަރުވާތެރިވާށެވެ! ތަހުޒީބުގެ ނަމުގައި ޖީލުތަކެއް ހަލާކުވިޔަ ނުދޭށެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން