ދިވެހިންނަކީ ދިވެހިންނަށް ވީތީވެ، ތަފާތު ވައްޓަފާޅިތަކެއް ގެންގުޅެމުން އައި ބައެކެވެ. އެގޮތުން ގޭދޮށާއި މަގުތައް ކުނިކަހާ ސާފުކުރުން އެއީ އެފަދައިން ދިވެހިން ކޮށް އުޅުނު ކަމެކެވެ. އެޒަމާނަކަސް މި ޒަމާނަކަސް ދިވެހިންގެ ރަށްތަކުގެ މަގުތައް މިއޮތީ ހަމަ އެއްގޮތަކަށެވެ. ކުނިކަހަށްވެސް އާއްމުކޮށް ބޭނުން ކުރަނީ ހަމަ އިލޮށިފައްޗެވެ. ނަމަވެސް މިއަދު، މި މަގުތައް ކުނިކެހުން މިއީ ދިވެހިން ކުރާ ވަރަށްބޮޑު ޝަކުވާއެކެވެ. 

ދިވެހިން މިއަދު މަގުމަތި ކުނި ނުކަހަނީ ހިރަފުސް އަރާލެއް ގިނަކަމުންނެވެ. ކުރާނެ އެހެންކަންތައް ގިނަ ކަމުންނެވެ. ކަންނެތްކަމުންނެވެ. ލަދުން ނެވެ. މިކަމުން ސަލާމަތްވުމަށް ދިވެހިން ޖަހާ މަޅިއަކީ މަގުތައް ހަދައިދިނުމަށް އެދި ސަރުކާރުގައި ދަންނަވައިގެން މަދުތަކުގައި ދިވެހިންނާއި ބީރައްޓެހި ތާރު އެޅިވުމެވެ. އާނއެކެވެ. ފަހަރުގައި ހިރަފުސް ބުރުން ކުޑަވެދާނެއެވެ.

ގޭތެރޭގައި ހުންނަ ބޮޑެތި ގަސްތައްވެސް ކަނޑާލަނީ އެގަހުން މަގުމައްޗަށް ކުނި އެޅޭލެއް ގިނަކަމުން ކަމަށް ބުނެއެވެ. ލަދުން ބޯ ހަލާކެވެ! މިއީ ދިވެއްސަކު އުޅެފާނޭ ގޮތެއް ކަމަށް މީގެ ކުރިން އުޅުނު ދިވެއްސަކު ހިތައްވެސް ނާރާނެއެވެ.

ކުނިކަހާ ސާފުކުރުން އެއީ އެހެން ބައެއްގެ ޒިންމާއެއް ކަމަށްވެސް ހަދަން އުޅެނީއެވެ. ކައުންސިލްތަކެއް އޮތީތީއެވެ. އެއީ އެބައިމީހުންގެ ޒިންމާއެއްކަމަށް ބުނެ ވަކާލާތުވެސް ކުރަނީއެވެ. ހަމަ ގޮތަކުން ކުރެ ގޮތެއް ނެތުމުން، މުސާރަ ދީފައި ބިދޭސީއަކު ގެނެއެވެ. ތިމާ އެ ޒިންމާއިން ރެކެވެން އޮތް ގޮތެއް ވިއްޔާ ހޯދަައެވެ. ކުނި ނުކަހަ އުޅެވޭނޭ ގޮތެއް ވިއްޔާ އެގޮތެއް ހޯދައެވެ. ޝަކުވާތަކާ ބަހަނާތައް ގިނަކޮށް އުޒުރާ ޝަރުތު އިތުރުކޮށްފައެވެ.

ދިވެހިން ކުނިކަހާ އުޅުނު ގޮތް މިއަދުގެ ޖީލު ނުދަންނަނީ ކަމަށް ވެދާނެއެވެ. އާނއެކެވެ! ހަމަ ނޭނގެނީއެވެ. ވާނީވެސް އެހެންތާއެވެ. އިހު ދިވެހިންގެ އުޅުންގަނޑު މިއަދު ދިވެހިން ދޫކޮށްލައިފިއެވެ. އުޅެން ބޭނުންވަނީ ހުޅަނގުގެ ގައުމުތަކުގެ މީހުން އުޅޭ ގޮތަށެވެ. ނިދާ ހޭލަނީ އިރު އަރާ ފަހުންނެވެ. ދެން ނުކުމެ ކުނި ކެހީމާ ހިރަފުހާއި ވެލިވެސް ބުރާނެއެވެ. ޝަކުވާކުރަން ރުހޭނަމަ، ކުރާނެ ޝަކުވާތައް ގިނަވެސް ވާނެއެވެ. ނަމަވެސް އިހު ދިވެހިންނީ ކުނިކެހުން ލަސްކުރި ބައެއް ނޫނެވެ. އިރު އެރުމުގެ މާ ކުރިން ކުނި ކަހާ ސާފުކުރެއެވެ. ފަތިސްދަންމަތީ ދުނިޔެއަށް ވެރިވެފައިވާ ފިނިކަމުގެ ތެރޭގައެވެ. ޝަބުނަމްގެ އެ ފިނިން ބިންގަނޑު ތެމިލާފައިވަނިކޮށެވެ. އެހާރުން ހިރަފުސް ބުރާލެއްވެސް މަދުވެއެވެ. އެހެންމީހުނަށް ފެންނާތީ ލަދުންވެސް އުޅޭކަށް ނުޖެހެއެވެ. ކުނި ގިނަވެގެން، ގިނަ ވަގުތު ހޭދަވެގެން ދިރިއުޅުމުގެ އެހެން ކަންކަން ނުކުރެވިގެން ޝަކުވާކުރާކަށްވެސް ނުޖެހެއެވެ. މިއަދުގެ ދިވެހިންނަށް އެ ވަގުތުގައި ހޭލައިގެން ކުނި ނުކެހެނީ ހެއްޔެވެ؟ ނޫނެކެވެ! ވާހާވެސް ގޮތަކީ ދިވެހިން، ދިވެހި ފަސްގަނޑުގައި އުޅެން ބޭނުންވަނީ ޔޫރަޕް ސްޓައިލަށެވެ. އަތުން ފައިން ކަމެއް ނުކޮށް ކަންނެތްކަމުގައި އަރާމު އުފާވެރި ދިރިއުޅުމެކެވެ.