އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށް ނުކުމެލުމަކީ ބައެއް މީހުން ވަރަށް އާދަވެ ކުރާ ކަމެކެވެ. އަދި މިއީ އަނެއްބަޔަކު ކިތަންމެ ބޭނުންވީ ކަމުގައިވިޔަސް ލިބެން ނެތް ނަސީބެކެވެ. ގޮނޑުދޮށަށް ނުކުމެލުމަކީ ފޫހި ކަމެއްކަމަށް ދެކޭ މީހުންވެސް އުޅެއެވެ. ނަމަވެސް އެ ހިތްގައިމު މާހައުލުން އުފާވެރިކަން ހޯދުން އެއީ ޖުމުލަކޮށް ހަމަ ކޮންމެ މީހަކުވެސް އެދި ރުހޭނޭ ކަމެކެވެ. ދިވެހިންނީ މި ނަސީބު އިންތިހާއަށް ލިބި ހުރި ބަޔަކީމުއެވެ.

އަތިރިމައްޗަށް ނުކުމެ އުޅުމުގައި އެކި ބޭނުންތައް ހުއްޓެއް ކަމަކު، އުފާކޮށްލާ ހިތްހަމަ ޖައްސާލާ، އަރާމުކޮށް ހައްޓަށް ލުއިކަމެއް ހޯދައިދިނުން މިއީ އަތިރިމައްޗަށް ނުކުންނަ އެއްމެ އާއްމު ސަބަބުތަކެވެ. ބައެއްކަހަލަ މަސައްކަތްތައް ކުރުމަށްވެސް އަތިރިމައްޗަށް ނުކުމެލާ އުޅެނީ އެ މާހައުލުން ލިބޭ ހަމަޖެހުމުގެ ތެރޭގައި އެ މަސައްކަތެއް ކޮއްލާށެވެ. އަތިރިމައްޗަކީ ސާފު ރީތި ތަނެއްކަމުގައި ވަނީނަމަ މި އުފާވެރިކަމާއި ހަމަޖެހުން އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ.

ކަނޑުގެ ލޮނުގަނޑުގައި ބީއްސަމުން އަންނަ ދުނިޔޭގެ ޠަބީއީ ވައިރޯޅިތައް ފުރަތަމަ އައިސް އެ ބީހެނީ އަތިރިމަތީގެ މަލަމަތީގައެވެ. ފެހި ގަސްގަހުގެ ހިޔަލާއި ކަނޑުގެ ލޮނުގަނޑުގެ ތެތްކަމުން ފިނިކަން ލިބިފައިވާ މި ވައިރޯޅިތަކަކީ އޭގެ ސަބަބުން އިންސާނާގެ ދުޅަހެޔޮކަމަށް އެތައް އަސަރުތަކެއް ކުރުވާ ތާޒާ، ސާފު ވައިރޯޅިތަކެކެވެ. އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށެވެ. އަތިރިމައްޗަށް ނުކުމެލާ ގޮނޑުދޮށުގައި ވަގުތު ހޭދަކޮށްލުމަކީ އާދައިގެ ކަމެއް ނަމަވެސް، މިކަމުން އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހީނުކުރާފަދަ ހެޔޮ ބަދަލުތައް އާދެއެވެ.

އަތިރިމައްޗަށް އެ ޖެހޭ ފިނި ވައިރޯޅިތަކަކީ މިކަމުގެ އެއްމެ ބޮޑު އެއް ސިއްރެވެ. ދުނިޔޭގެ މާހައުލުގައި ނުވަތަ ވައިގެ ތެރޭގައި ދަގަނޑުގެ މާއްދާތަކެއް ހުރެއެވެ. މިއީ ދުނިޔޭގެ މާހައުލުގައި ނުވަތަ ވައިގެ ތެރޭގައި އުޅޭ "ކަރަންޓު" ގެ ނުވަތަ "ހަކަތައިގެ" ފައްސިކަމާއި ނައްސިކަން މީޒާން ކުރާ މާއްދާއެވެ. ކަނޑުގެ ލޮނުގަނޑުގައި ބީހިގެން އަންނަ މި ތާޒާ ވައިރޯޅިތަކުގައި ގިނައިން ހުންނަނީ ނައްސި ހަކަތައިގެ ނައްސި ދަގަނޑުގެ މާއްދާއެވެ. ކަނޑުގެ ލޮނުގަނޑާއި ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އަތިރިމަތީގައި ހުއްޓެއް ކަމަކުވެސް، އެ ހިސާބުގެ ވައިގެ ތެރޭގައިވާ ކޮންމެ ކޮޑި މީޓަރަކަށް، ނައްސި ދަގަނޑުގެ މި މާއްދާގެ 50،000 ޔުނިޓު އެކުލެވިގެން ވެއެވެ. 

ނެގެޓިވް އަޔަންސް ނުވަތަ ދަގަނޑުގެ ނައްސި މި މާއްދާ އަކީ އިންސާނާގެ ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމުން އިންސާނާއަށް ފައިދާކުރާ މާއްދާއެކެވެ. އެގޮތުން ސިކުނޑީގެ ނިއުރޯޓްރާންސްމިޓާގެ ހަރަކާތް އަވަސްކޮށްދިނުން ހިމެނެއެވެ. މިއީ ސިކުނޑީގެ ނާރުތަކުގެ މެދުގައި މެސެޖު ދައުރުވާ ދައުރުވުން އަވަސްކޮށްދިނުމެވެ. މީގެ އިތުރުން ސެރޮޓޮނިން ނަމަކަށް ކިޔާ ހޯމޯނެއް އިންސާނާގެ ހަށިގަނޑުގައި އުފައްދައިދޭ މިންވަރު އިތުރުކޮށްދެއެވެ. މިއީ އިންސާނާގެ މިޒާޖު ހެޔޮކޮށްދީ އުފާވެރި އިހުސާސްތަކެއް ގެނުވާ ސިކުނޑިއަށް ލުއިކަމެއް ގެނެސްދޭ ހޯމޯނެކެވެ. މިގޮތަށް ސިކުނޑިއަށް ލިބޭ މި ލުއިކަމުގެ ނަތީޖާ އަކަށްވަނީ ހާސްކަމުން ދުރުކޮށްދީ އަރާމުކަން އިހުސާސް ކުރުވާ މަޑު ނިންޏެއްގެ އިހުސާސްވެސް ކުރުވުމެވެ. އަތިރިމަތީގައި ހުންނަ ޖޯލިފަތިތަކުގައްޔާއި ފިނިއަށިތަކުގައި މަޑުކޮށްލާ އަރާމުކޮށްލުމުން، ފަސޭހަކަމާއެކު ނިދޭގޮތްވަނީ މިހެންވެގެންނެވެ. މީގެ އިތުރުން މި ސާފު، އޭގައި ތެތްކަމެއް އެކުލެވިގެންވާ އަދި ލޮނުކަމެއް ހުންނަ މި ވައިރޯޅިތަކަކީ ފުއްޕާމޭ ސާފުކޮށްދިނުމަށްވެސް އެހީތެރިވެދޭ ފިނި ވައެކެވެ. ނޭފަތާއި އަރުތެރެ ތެތްމާލާ ކަރުތެރޭގައި ހެދިފައި ހުންނަ ދަވަތައް ފާސުކޮށްދިނުމަށްވެސް މި ވައިރޯޅިތައް އެހީތެރިވެދެއެވެ. ލޮނުފެނުން ކަރުތެރެ ދޮވުމަށް ޑަކްޓަރުން ދޭ އިރުޝާދަކީ މިކަމަށް ބާރުދޭ ކަމެކެވެ. އަދި ލޮނުގެ ތާސީރެއް އެކުލެވޭ "ނޯމަލް ސެލައިން" ބޭނުންކޮށްގެން އާވި އަރުވަން ޑަކްޓަރު ދޭ އިރުޝާދަކީވެސް މިފަދައިން ހިނގާ ކަމެކެވެ. 

ކަނޑުގެ ލޮނުގަނޑުގައި ބީހިގެން އެ އަންނަ އެ ތާޒާ ތެތް ވައިރޯޅިތަކަކީ ޤުދުރަތީ ފަރުވާއެކެވެ. އެއީ ޖިސްމާނީ ފަރުވާއެކެވެ. އަދި ކިއެއް، އެއީ ނަފްސާނީ ފަރުވާއެއްވެސް މެއެވެ! ދުޅަހެޔޮ ސިއްހަތަކަށް އެދޭ މީހާ، ދުވާލަކު މަދުވެގެން 20 މިނެޓު، އަތިރިމަތީގައި ހޭދަކުރަން ވާނެއެވެ!

ހަވާލާ: ހެލްތް ލައިން 2017