މިސްކިތަކީ ދުނިޔޭގެ ބިންމަތީ ހުރި އެންމެ މާތް ބިނާތަކެވެ. މާތް ﷲގެ ގެކޮޅުތަކެވެ. އިޖްތިމާޢީ އެއްބައިވަންތަ ކަމުގެ ގޮވައްޗެވެ. މީސްތަކުންނަށް އަމާންކަމާއި ރައްކައުތެރިކަން ފޯރުކޮށްދޭ މުއައްސަސާ އެވެ. މި ރައްކައުތެރިކަން ދިނުމުގައި މުސްލިމުންނާއި ޣައިރު މުސްލިމުން ފަރަޤުކުރުމެއް ނުވެއެވެ. އެމީހަކީ ހަރުބީ ކާފަރެއް ކަމުގައި ނުވާ ކޮންމެ ޒިންމީއަކަށް ރައްކައުތެރިކަމާއި އަމާންކަން މިސްކިތުން ލިބިދޭނެއެވެ.

ޣައިރު މުސްލިމުންނަށް މިސްކިތުން އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށް ދެވުނަސް، މިސްކިތްތެރޭ އެއިން މީހެއްގެ އެއްވެސް އިލާހަކަށް އަޅުކަންކޮށް ދަންނަވާ ހެދުން ހުއްދަވެގެން ނުވެއެވެ. އެހެނީ މިސްކިތްތަކަކީ މާތްﷲ އަށް ޓަކައި އެކަނި ޙާއްޞަ ކުރެވިފައި ހުންނަން ޖެހޭ ތަންތަނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًۭا﴾ (އަލް ޖިންނި: 18) މާނައީ: "އަދި މިސްކިތްތައް ވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲއާ އެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!" 

މިސްކިތްތަކަކީ އިޖްތިމާޢީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ތަންތަނެވެ. މިއަދު އަޅުގަނޑުމެން މިދެކޭ ގޮތާ މިސްކިތުގެ އަސްލު ދައުރާ އުޑާބިމާހާ ތަފާތެވެ. އަދުގެ މިސްކިތްތައް ފެންނަނީ ނަމާދު ކުރަން އެކަނި ހުންނަ ތަންތަނުގެ ގޮތުގައެވެ. މިއީ އާންމުކޮށް ދުނިޔޭގެ ގިނަ ހިސާބުތަކުގައި މިއަދު މީހުން މިސްކިތް ދަންނަ ގޮތެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ދޭތެރެދޭތެރެއިން މިސްކިތުގައި ދަރުސް ވެސް އޮވެއެވެ. ނަމަވެސް މިސްކިތުގެ ދައުރު ފުޅާ ކުރެވެން ހުރި ހުރިހާ ދިމަދިމާލަކުން ފުޅާކޮށް އެ ތަނުގެ ޚިދުމަތް ފޯރާވަރެއް އަދި ނުވެއެވެ. 

މިސްކިތުން މުޖުތަމަޢު އަށް ކުރާންވީ އެދެވޭ އަސަރުތައް ބައިވަރެވެ. އޭގެތެރެއިން އެންމެ ފުރަތަމަ، އަދި އެންމެ މަތީގައި ލިސްޓު ކުރެވޭނޭ ކަމަކީﷲގެ ފޮތް ކިޔަވައިދޭ ތަންތަން ކަމުގައި މިސްކިތްތައް ވުމެވެ. މިއަދު ކީރިތި ޤުރުއާން ކިޔަވައިދޭ މީހާ އަށް ދޭ އުޖޫރަ އެ ނޫން މާއްދާތައް ކިޔަވައިދޭ މީހުންނަށް ދޭ އުޖޫރައަށްވުރެ ކުޑަ ކަމުގައި ވިޔަސް، އެ އަގު ދީގެން ދަރިންނަށް ޤުރުއާން ކިޔަވައިދޭން ނުކުޅެދޭ މީހުން ތިބޭނެއެވެ. އެފަދަ މީހުންނަށް މިސްކިތުން ޤުރުއާން ކިޔަވައިދޭން ވާނެއެވެ. ކީރިތި ޤުރުއާނުގެ ޙަޤީޤީ މަރުކަޒަކީ މިސްކިތްތަކެވެ.

މިސްކިތްތަކުގެ ވަށައިގެން ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމާއި އެ މީހުން ކަންބޮޑުވުންތަކަށް އެހެން މީހުންގެ މަދަދު ހޯދައިދެނީ އިސްލާމީ މުޖުތަމަޢެއްގައި މިސްކިތުންނެވެ. ކޮންމެ ދުވަހަކު ފަސް އިރު އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ސަލާންގަލާންކޮށް ހާލުއަހައި އޮޅުން ފިލުވުން އެއީ އިޖުތިމާޢީ ހަމަޖެހުމުގެ އަސާސެވެ.

އިސްލާމީ ތާރީޚަށް ނަޒަރެއް ހިންގައިލުމުން ފެންނަން އޮތީ މި މަންޒަރެވެ. ނަބީ ޞައްލަﷲ އަލައިޙި ވަޞައްލަމް ގެ ޒަމާނުއްސުރެ މިފަހުގެ ތާރީޚަކާ ޖެހެންދެން މިސްކިތްތަކަކީ އޭޣެ ދައުރު މުޖުތަމަޢުގައި ވަރަށް ފުޅާކޮށް އޮތް މުއައްސަސާއެކެވެ. ތަޢުލީމާ ތަރުބިއްޔަތު އޮތީ އެތަނުގައެވެ. އިޤްތިޞާދީ ރައްކައުތެރިކަމަށް މަސައްކަތް ކުރަނީ އެތަނުގައެވެ. ޒަކާތް ނެގުމާއި ޒަކާތް ބެހުމެވެ. އަމަން އަމާންކަން ބަލަހައްޓަނީ އެތަނުންނެވެ. ހަނގުރާމަތަކަށް ލަޝްކަރުތައް ރުކުރުވާލަނީ އެތަނުންނެވެ. ބުއްދިވެރީންނާއި ކަމުވޮށިގެންވާ މީހުން ޖަމާވެ ސައްލާކޮށް ހަދަނީ އެތަނުގައެވެ.

އިސްލާމީ މުޖުތަމަޢުގެ އެންމެ މުހިންމު ތަނަކީ މިސްކިތް ކަމުގައިވަނީ މިއެންމެހައި ސަބަބުތަކަށް ޓަކައެވެ. މިކަންކަން މިސްކިތްތަކުގައި އަލުންބަލުން ދިރުވައި އާލާ ކުރުމަކީ އިސްލާމީ އުންމަތް ކޮޅަށް ޖެހުމަށް މިއަދު ކުރާން ޖެހިފައި އޮތް އެންމެ އަސާސީ މަސައްކަތެވެ.

 

(މިސްކިތުގެ އިޖުތިމާޢީ ދައުރު - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 4، އަދަދު 3، ޞ.4 – 19 ޖަނަވަރީ 2024)