އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޒައިތޫނިތެލަކީ ކައްކަން ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް ޒައިތޫނިތެޔޮ ހުރި ގޮތަށް ބުއިމަކީ އޭގެ ފައިދާ އެންމެ ބޮޑަށް ލިބޭނެގޮތެވެ. ޒައިތޫނިތެލުގެ ސަބަބުން ހިތަށް ލިބޭ ފައިދާއަކީ ވަރަށް ގިނަ ބަޔަކަށް އެނގޭ ކަމެކެވެ. ނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަންތަކާއި އެ ގުނަވަންތަކުގެ މަސައްކަތްތަކާއި ހަށިގަނޑަށް އަންނަ އެހެން ބަދަލުތަކަށް މިއަދު ބަލާލަމާހެވެ. ހުސްބަނޑާހުރެ އެއްވެސް ކަހަލަ ތެލެއް ބުއިމަކީ ގިނަބަޔަކަށް ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެކަމުން ލިބޭ ފައިދާއަށް ބަލާލުމުން ނުކޮށްދޫކޮށްލާ ވަރެއް ނޫނެވެ.

  1. ހަމަށް އަންނަ އެދެވޭ ބަދަލު

ޒައިތޫނިތެލަކީ ޒީނަތްތެރިވުމުގެ ބާވަތްތައް ތައްޔާރުކުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. ޒައިތޫނި ތެލުގެ ސަބަބުން ހަމުގައި ރަތްވެފައި ހުންނަ ތަންތަން ރަގަޅުކޮށްދީ، ދުޅަވުމުން ދުރުކޮށް، ހަމުގައި ރޫޖެހުން ދިގު މުއްދަތަކަށް ލަސްކޮށްލާނެއެވެ. ޒައިތޫނިތެލުގައިވާ އެންޓިބެކްޓިރިއަލް މަސައްކަތްކުރާނީ ހަމުގައި ހުންނަ ބެކްޓިރިޔާ ނައްތާލާ އޭގެ ސަބަބުން އުފެދޭ އިންފެކްޝަން ނައްތާލުމަށެވެ.

  1. ބަރުދަން ލުއިކުރުން

ވަރަށް ގިނަ ދިރާސާތަކުން އެނގޭގޮތުގައި، ޒައިތޫނިތެލުން މުއްސަނދިވެފައިވާ މެޑިޓެރޭނިއަން ޑައިޓަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ވަރަށް ބޮޑަށް އެހީތެރިވާ ޑައިޓެކެވެ. 180 މީހުން ބޭނުންކޮށްގެން 3 އަހަރު ވަންދެން ކުރިއަށްގެންދިޔަ ދިރާސާއަކުން ސާބިތުވިގޮތުގައި ޒައިތޫނިތެލުގެ ސަބަބުން ބަރުދަން ލުއިކުރަން އެމީހުނަށް އެހީތެރިކަން ލިބުނެވެ.

  1. ސިކުނޑީގެ ސެލްތައް

ގަވާއިދުން ޒައިތޫނިތެޔޮ ބޭނުންކުރާނަމަ ސިކުނޑީގެ ސެލްތަކުގައި އުފެދޭ ޕްލޭކް އުފެދުން ހުއްޓުވައެވެ. މި ފަދަ ޕްލޭކްއަކީ ސިކުނޑީގެ އެންމެ އާންމުބަލި ކަމަށްވާ އަލްޒައިމަރ ޖެހެންވެސް ދިމާވާ ސަބަބެވެ. ގަވާއިދުން ޒައިތޫނިތެޔޮ ބޭނުންކުރާނަމަ ހަނދާނުގެ ބައި ވަރުގަދަވެއެވެ.

  1. ކަށީގެ ސިއްހަތު

ޒައިތޫނިތެލުގެ ސަބަބުން ހުޅުހުޅުގައި ރިއްސުމުގެ ބައްޔަށް ފަރުވާކުރާ މީހުނަށް އެހީތެރިކަން ލިބެއެވެ. ކަނޑުމަހުގެ ތެލާއި އޮމެގާ-3 ފެޓީ އެސިޑް އެއްކުރުމުން ނުލިބޭވަރުގެ ފައިދާ ޒައިތޫނިތެލުން ކައްޓަށް ލިބެއެވެ. ޒައިތޫނިތެލުގެ ސަބަބުން އަތްތިލައިގެ ބާރުގަދަވެ، ހުޅުތަކުގެ ރިހުން މަޑުވެ، ހެނދުނު ހޭލާއިރު ހުޅުތައް ހަރުވެފައި ހުރުމުން ރައްކާތެރިކޮށްދެއެވެ.

  1. ދުޅަތިރިކޮށްދިނުން

ހެނދުނު ޒައިތޫނިތެޔޮ ބޭނުންކޮށް، ދެން އިތުރަށް ކެއުމުގައި އޮމެގާ-3 ލިބިދޭ ކާނާ ކެވޭނަމަ ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ދުޅަތިރިކޮށްދޭނެއެވެ. މިގޮތަށް ދުޅަވުމުގެ ސަބަބުން ހަމަށް ލިބޭ ގެއްލުމަށް ފަރުވާއަކަށްވެސް ޒައިތޫނި ތެޔޮ ވެއެވެ.

  1. ގޮހޮރުގެ ސިއްހަތު

ގޮހޮރުގައި ދިރިއުޅޭ އެތައް ބެކްޓީރިޔާއެއްގެ ތެރޭގައި ގޮހޮރުފާރުވުމަށް މެދުވެރިކުރުވާ ބެކްޓީރިޔާވެސް ހިމެނެއެވެ. މީގެތެރޭގައި އެންޓިބައޮޓިކަށް ވެސް ނުހަލާ ބެކްޓީރިޔާ ހިމެނެއެވެ. ނަމަވެސް ޒައިތޫނިތެޔޮ މިފަދަ ބެކްޓީރިޔާ އާ ހަނގުރާމާކޮށް އެތަކެތި ނައްތާލާކަން ވަނީ ސާބިތުވެފައެވެ. 14 ދުވަސް ވަންދެން ކޮންމެ ދުވަހަކު 30 ގްރާމް ޒައިތޫނިތެޔޮ ބޭނުންކުރާނަމަ މިފަދަ ބެކްޓީރިޔާތައް މަރާލާނެއެވެ.

  1. ލޭގެ ހަކުރު ކޮންޓްރޯލް ކުރުން

އެކްސްޓްރާ ވަރޖިން ޒައިތޫނިތެލަކީ ލޭގެ ގްލުކޯޒް ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ ސަބަބުން ޓައިޕް-2 ޑައިބެޓީސް ގެ ބިރު 40 އިންސައްތައަށް ދަށްކޮށްދޭނެއެވެ.