ބޮލުގައި ހުދު އިސްތަށި ފެޅުން ނުވަތަ ނުރަވުމަކީ ވަރަށް ގިނަ މީހުނަށް ދިމާވާ މައްސަލައެކެވެ، މިކަން ދިމާވަނީ އެކި މީހުނަށް އެކި ކަންކަމާ ގުޅިގެން ކަމަށްވާއިރު، މައިގަނޑު ސަބަބަކީ މީހާގެ ޖެނެޓިކްސްއެވެ. ނަމަވެސް ޖީންތަކުގެ އިތުރުން ވެސް ބޯ ނުރަވުމަށް ދިމާވާ ބައެއް އެހެނިހެން ސަބަބުތައްވެސް ހުރެެއެވެ. އާއިލާގެ އެހެން މީހަކު ޒުވާން އުމުރުގައި ބޯ ނުރަ ނުވާނަމަ، އެކަމުގެ ފަހަތުގައި ވަނީ އެހެން ސަބަބެކެވެ.

އެގޮތުން ބަލާއިރު ސްޓްރެސް ވުމަކީ ވެސް ބޯ ނުރަވުމަށް ދިމާވާ ސަބަބެކެވެ.  ނިއު ޔޯކް ޔުނިވާސިޓީ އިން ނޭޗާ މެގަޒިން ޖާނަލްގައި 2013 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ސްޓްރެސް ލެވެލް މަތިވުމަކީ އިސްތަށިން ސްޓެމް ސެލް ދަށްކޮށްދޭ ކަމެއް ކަމަށެވެ. ސްޓެމް ސެލްސް އަކީ އެހެން ސެލްސްތަކަށް ދިރުމާއި ބާރު ދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ސެލްސްތަކެކެވެ. ޒުވާން އުމުރުގައި ސްޓްރެސް ލެވެލް މަތިވުމަކީ، އިސްތަށިގަނޑުގެ ކޮލިޓީ އާއި ކުލަ ބަދަލުވުމަށް މެދުވެރިވެދާނެ ސަބަބެއްކަމަށް ސައިންސް ހެކިދެއެވެ.

ޒުވާން އުމުރުގައި ބޮލުގައި ނުރަ ޖަހާ އަނެއް ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންސް އޭގެ އެކަށީގެންވާ މިންވަރުން ދަށަށް ދިއުމެވެ. އެގޮތުން ވިޓަމިން ބީ12 ހަށިގަނޑުން ދަށްވުމަކީ އިސްތަށިގަނޑު ޒުވާން އުމުރުގައި ހަލާކުވެ ނުރަވުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ދެވޭ އެންމެ ބޮޑު ގެއްލުން ކަމަށްވާއިރު، މިއީ ވެސް އުމުރުން 30 އަހަރުވުމުގެ ކުރިން ބޮލުގައި ނުރަ ޖެހުމަށް ދިމާވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެކަމަކު މި ސަބަބާއި މަތީގައި ބަޔާންކުރި މި ހުރިހާ ސަބަބުތަކަށް ވުރެން ވެސް ބޮޑަށް އިސްތަށިގަނޑު ނުރަކޮށްލުމުގެ ހަގީގީ ބާރު ލިބިފައި ވަނީ އެމީހެއްގެ ހަށިގަނޑުގެ ޖީންސްތަކަށެވެ. އެކަމަކު އާއިލާ ތެރޭގައި ޒުވާން އުމުރުގައި ނުރަވުމުގެ މައްސަލައެއް ނެތި، ތިމާގެ ޒުވާންއުމުރުގައި އިސްތަށިގަނޑު ނުރަވާ ނަމަ ސިއްހީ ތަޖުރިބާކާރެއްގެ ލަފައާއި އިރުޝާދު ހޯދުން މުހިންމެވެ.