ކުޑަކުދިން ބޮޑުވަމުން ފުރާވަރުގެ އުމުރަށް އަރައިގެން އަންނަ ދުވަސްވަރަކީ އެކުދިންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވެނީ އަންހެން ކުދިންގެ ކިބައިންނެވެ. މި އުމުރުގައި އަންހެންކުދިންނާއި އެކުދިންގެ މައިންވެސް މި ބަދަލުތައް ބަލާ އެކަމުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ހުރިނަމަ ސިއްޙީއެހީތެރިންގެ އިރުޝާދު ހޯދައެވެ. ނަމަވެސް މިކަން މިހެން ކުރިއަށް ގެންދެވޭނީ މިއުމުރުގައި އަންހެން ކުދިންނާއި އެކުދިންގެ މައިންގެ މެދުގައި ވަރަށް ގާތްގުޅުމެއް ބޭއްވިގެންނެވެ. ހަށިގަނޑަށް އަންނަ ބަދަލުތައް ޙިއްސާކުރެވި، ކަންބޮޑުވާ ކަމެއް ހުރިނަމަ ވަގުތު އޮއްވާ އެކަމަކަށް ސަމާލުކަން ދެވޭނީ އޭރުންނެވެ.
އަންހެންކުދިން ބާލިޣްވުމުގެ ނުވަތަ ފުރަތަމަ މައްސަރުކަންތައް ޖެހުމުގެ ކުރިން 6 މަސް ނުވަތަ 1 އަހަރު ކުރިން ހަށިގަނޑު އެކަމަށް ތައްޔާރުވާން ފަށައެވެ. އޭގެ އެއްކަމަކަށް ކުރިމަތިފަރާތުން ދިޔައެއް އައުން ހިމެނެއެވެ. މިއީ ބާލިޣްވުމުގެ ތެރޭގައި ހަށިގަނޑުގައި އުފެދޭ އެސްޓްރޯޖަން ކިޔާ ހޯމޯނެއްގެ ސަބަބުން ދިމާވާ ކަމެކެވެ. މި ދިޔައަކީ ކުރިމަތިފަރާތް ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ވަރަށް މުހިންމު ދިޔައެކެވެ. އާންމު ގޮތެއްގައި މިހެން އަންނަ ދިޔަ ހުންނާނީ ކުޑަކޮށް ތަތްކޮށް ތުނިކޮށެވެ. ކުލައެއް ނެތި ސާފުކޮށް، ހުދުކުލަ އަދި އޮފްވައިޓް ކުލައެއްގައި ހުރެދާނެއެވެ. ބައެއް ކުދިންގެ ވަރަށް ކުޑަ މިންވަރަކަށް މި ދިޔަ ހުރެދާނެއެވެ. އަދި ބައެއް ކުދިންގެ ދިޔަ އަންނަ ވަރު ގިނަ ވުމުގެ ސަބަބުން ޕެންޓިލައިރ އެއް ނުވަތަ ކުޑަ ޕެޑެއް ވެސް ބޭނުން ކުރަން ޖެހިދާނެއެވެ. އާންމުކޮށް މިހެން އަންނަ ދިޔައިގައި ވަރަށް މަޑު ވަހެއް ހުރެދާނެއެވެ. ނަމަވެސް ކަހާ ހިރުވުން ފަދަ ކަމެއް ނުވާނެއެވެ. މި ގޮތަށް މިކަން ވާނަމަ މީގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ.
ނަމަވެސް ކުރިމަތިފަރާތުން އަންނަ ދިޔައިގައި ގަދަ ވަހެއް ހުރެ، ކަހާ ހިރުވާ އަދި ދިޔައިގެ ކުލަ، މުށި، އަޅި ނުވަތަ ފެހި ކުލައަކަށް ބަދަލުވާނަމަ މިއީ ވަގުތުން ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ޖެހޭ ކަމެކެވެ. މިއީ އިންފެކްޝަނެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ.
މަދު ޙާލަތެއްގައި ކުރިމަތިފަރާތުން އަންނަ ދިޔައިގެ ސަބަބުން އެހިސާބުގެ ބޭރުން ހަންގަނޑު ހިރުވާ ގޮތްވެދާނެއެވެ. މިހެން ވާނަމަ ކޮޓަން ފޮތީގެ ޖަންގިޔާ ބޭނުންކޮށް ބާރު ހެދުން ލުމުން ދުރުހެލިވުމުން ވެސް ލުއިލިބެއެވެ. މިއީ ޖަނގިޔަލުގައި ހުންނަ ތެތްކަން ގިނަ ވަގުތަށް ފައިވަޅުގައި ޖެހިފައި ހުރުމުން ދިމާވެދާނެ ކަމެކެވެ. ނަމަވެސް މިފަދަ ކަންކަމަށް ޙައްލު ހޯދުމަށް، ފިހާރަތަކުން ލިބެން ހުންނަ "ފެމިނިން ވޮޝް ނުވަތަ ވެނައިޖަލް ވޮޝް" ބޭނުން ނުކުރާށެވެ. މިކަމުގެ ސަބަބުން ކުރިމަތިފަރާތަށް ޖެހޭ އިންފެކްޝަނަށް މަގުފަހިވެދާނެއެވެ.
