ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ގެންގޮސްފިއެވެ.
އެމްޓީސީސީ އިން ބުނީ މި ޝިޕްމެންޓު 2 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައި ވެއެވެ. އަދި 728 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 5455 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ސޮކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުއަކީ 130.26 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
