ޗޮކްލެޓުގެ ވައްތަރު ތަކުގެ ތެރެއިން ސްނިކާސް އަދި މާސް ޗޮކްލެޓަކީ ދެގޮތެއް ނުވެ، އެންމެ މީރު ޗޮކްލެޓުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ ދެ ޗޮކްލެޓު ކަން ޔަގީނެވެ. މިއީ އަދިވެސް ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ޗޮކެލެޓުތަކެވެ.
މާސް އަދި ސްނިކާސް ގެ އައިސްކްރީމާއި މެގްނަމް މަދުން ނަމަވެސް ރާއްޖޭގައި ވެސް ހުންނައިރު، މާސް ކުންފުނިން މިވަނީ މާސް އަދި ސްނިކާސްގެ އައިސްކްރީމް ޓަބްތައް ތައާރަފް ކޮށްފައެވެ. 460 އެމްއެލް ޓަބްތަކުގައި ހުންނަ މި އައިސް ކްރީމް އަދި ތައާރަފްކޮށްފައިވަނީ އޮސްޓްރޭލިއާގައި އެކަންޏެވެ. އޮސްޓްރޭލިއާގެ ގިނަ ސުޕަމާކެޓުތަކެއްގައި މި ޕްރޮޑަކްޓު ލިބެން މިހާރު ހުރިއިރު، އައިސް ކްރީމް ޓަބްތަކަށް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ.
މާސް އައިސްކްރީމް އުފައްދާފައިވަނީ މޯލްޓް އަދި ޗޮކްލެޓު އައިސްކްރީމާއެކު ކެރެމަލް ސޯސްގެ އިތުރުން ފަޖް އަދި ވައިޓް ޗޮކްލެޓް އެތިއެތިކޮޅާއެކުގައެވެ. ސްނިކާސް އައިސްކްރީމްގައި ސޯލްޓެޑް އައިސްކްރީމާއި ޗޮކެލްޓު އައިސްކްރީމުގެ ރަހަ އިތުރަށް މީރުކޮށްފައިވަނީ ސޯލްޓެޑް ކެރެމަލް ސޯސްއާއި ޕީނަޓު އަދި ވައިޓް ޗޮކްލެޓު ޗިޕްސް ހިމަނައިގެންނެވެ.
ސްނިކާސް އަދި މާސް އައިސްކްރީމް ކެއި ގިނަ މީހުން ބުނާ ގޮތުގައި މި އައިސްކްރީމްގެ ރަހަ އެޗޮކްލެޓު ތަކަށް ވުރެ ވެސް މީރެވެ.
އޮސްޓްރޭލިއާގެ މީގެ އައިސްކްރީމްގެ ޓަބްތައް ވިއްކަނީ އެންމެ 10 ޑޮލަރަށެވެ.