ސިއްހަތަށް ނުރައްކާތެރި އަދި އިންސާނުން ކެއުމަށް ބޭނުން ކުރުމަށް ހެޔޮނުވާ ފަދަ މާއްދާތައް ބޭނުންކޮށްގެން ލޮލީޕޮޕް އަދި މެޓާ އުފައްދަމުން އައި މައްސަލައެއް އިންޑިއާގައި ފެންމަތިވެއްޖެއެވެ.
އިންޑިއާގެ މަދްޔަޕްރަދޭޝްގެ ފެކްޓަރީއެއްގައި ޓެލްކަމް ޕައުޑަރު ބޭނުންކޮށްގެން ކުޑަކުދިން ކައި އުޅޭ ލޮލީޕޮޕާއި މެޓާ ތައްޔާރުކުރަމުން އައި ކަން ފަޅާ އަރާފައިވަނީ އިންޑިޔާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެ ފެކްޓްރީ ރޭޑުކުރުމުގެ ތެރޭގައެވެ. ޓެލްކަމް ޕައުޑަރަކީ އާންމުކޮށް ކުޑަކުދިންގެ ގައިގައި ޖެހުމަށް ބޭނުންކުރާ ފުށެކެވެ. މިއީ އެއްގޮތަކަށް ވެސް ކެއުމަށް ބޭނުންކުރުމަށް ހެޔޮ ވާވަރުގެ އެއްޗެއް ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހިންގި ތަހުގީގުގައި އެ ފެކްޓަރީން ވަނީ މިފުށް އަޅައިގެން ތައްޔާރުކޮށްފައިވާ 9000 ވުރެ ގިނަ ލޮލީޕޮޕް އަތުލައިގެންފައެވެ. އަދި މީގެ ކުރިން ވެސް މިފަދަ ލޮލީޕޮޕާއި ކޭންޑީ ވިއްކާފައިވާ ކަމަށް އެ އިދާރާއިން މިހާތަނަށް ކުރި ތަހުގީގުން ވަނީ ހާމަވެފައެވެ.
ޓެލްކަމް ޕައުޑަރު ފަދަ ބާވަތަކުން ކުޑަކުދިން ކައި އުޅޭ އެއްޗެއް ހެދުމަކީ އޭގެ ސަބަބުން ސިއްހީ އެތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ސައިންސްވެރިން ދެކެއެވެ. ޓެލްކަމް ޕައުޑަރުން އިންސާނުންނަށް ކެންސަރު ޖެހުމުގެ ނުރައްކާ އޮތް ކަމަށް ވެސް ވަރަށް ގިނަ ހޯދުންތަކުން ދައްކަ އެވެ.