އެޕަލް ސައިޑާ ވިނިގާ ނުވަތަ ރާހުތަކީ ހިތި ރަހަދޭ އަދި ނުބައިވަސް ދުވާ އެއްޗެއް ނަމަވެސް، މިއީ ސިއްހީ އެތަކެއް ފަރުވާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ދިވެހިންގެ މެދުގައި ވެސް މަގުބޫލުވަމުން އަންނަ އެޕަލް ސިޑާ ވިނިގާ އަކީ މިހާރު ގިނަ ގިނަ ގެތަކުގައި އާންމުންކޮށް ހުންނަ އެއްޗެކެވެ. އެޕަލް ސިޑާ އާންމުކޮށް ލިބެން ހުންނައިރު، އޭގެން ސިއްހީ އެތައް ފަރުވާތަކެއް ހޯދިދާނެއެވެ.

އެޕަލް ސިޑާ ވިނިގާއިން ލިބޭ އެއް ފައިދާއަކީ ލޭގައި އެކުލެވޭ ހަކުރު ދަށްކޮށްދިނުމެވެ. އެގޮތުން ޑައިބެޓިސް 2 އަށް އެޕަލް ސިޑާ ވިނިގާއިން ފަރުވާ ލިބޭއިރު، އޭގެއިން އިންސުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން ވެސް އިންސާނާގެ ހިތުގެ ދުޅަހެޔޮ ކަން އިތުރުކޮށްދޭ ބާވަތްތަކުގެ ތެރޭގައި ވެސް އެޕަލް ސިޑާ ވިނިގާ ހިމެނެއެވެ. އެގޮތުން އެޕަލް ސިޑާ ވިނިގާއިން ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދީ ހަށިގަނޑުގައި ލޭ ދައުރުވުން ވެސް ރަނގަޅުކޮށްދެއެވެ.

ބަނޑުގައި ގޭސް އުފެދުމަށްވެސް ހައްލު ހޯދައިދޭ އެޕަލް ސިޑާ ވިނިގާއިން ބަނޑާއި ގޮހޮރު ވެސް ސާފުކޮށްދެއެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ތަފާތު އެކި އެކި އިންފެކްޝަންތަކުން ވެސް ރައްކާތެރިކޮށްދެއެވެ.

އެޕަލް ސައިޑާ ވިނިގާ މިއީ ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. މިއީ ކެއްކުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެއްވެސްމެއެވެ. އެޕަލް ސައިޑާ ވިނިގާ ބޭނުންކޮށްގެން ތައްޔާރުކުރާ ބައެއް ތަކެތީގެ ތެރޭގައި ސްމޫތީއާއި ސެލެޑް ފަދަ ކާބޯތަކެތި ހިމެނެ އެވެ.