ސިމްބޮލިކް އިން އެންމެފަހުން ނެރުނު އަލްބަމް "ކޯވަރެއް" މިއީ ރާއްޖޭގެ ގިނަ ބައެއްގެ "ކަރު ހިއްކުން" ފިލުވާލަދިން ކޯވަރެކެވެ.
ޖުމްލަ 20 ލަވަ ހިމެނޭ މި އަލްބަމާ ގުޅޭގޮތުން ސިމްބޮލިކުން ބުނެފައިވަނީ މިއީ ކޯރަކުން ވަރަށް މަދު މިންވަރެއް ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށެވެ.
ސިމްބޮލިކް ރެކޯރޑްސްގެ ކޯވަރެއް މިހާރު ބައިސްކޯފު އެޕުން އަޑުއަހާލެވެން ހުރި އިރު، މި އަލްބަމްގެ ލަވަތަކަކީ ހުރިހައި ޢުމުރުފުރާތަކަށް ވެސް އަޑުއަހައިލެވޭގޮތަށް ފަރުމާކޮށްފައިވާ ޅެންތަކެއް ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.
މި އަލްބަމާއިމެދު ބައިސްކޯފުން ބުނީ ދިވެހި ޒުވާނުންގެ މިފަދަ ހުނަރެއް ޚާއްސަކޮށް ޅެންވެރިކަމާ ގުޅުންހުރި މަސައްކަތެއް ޅެންވެރިންގެ ދުވަހު ރިލީޒްކުރަން ލިބުމަކީ އުފަލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ދުވަހުން ދުވަހަށް ފަންނުވެރިން އުފެދެމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ބައިސްކޯފަށް ސަބްސްކްރައިބް ކޮށްގެން މި އަލްބަމް އަޑުއެހޭ އިރު، މިހައިތަނަށް ގިނަބަޔަކު ވަނީ މި އަލްބަމަށް ތަޢުރީފް ކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިއަކު ތީރަށް ބުނީ ޅެންވެރިކަމާއި ލަވަ ކިޔުން ވަރަށް ރަނގަޅު ކަމަށެވެ.
"ހަގީގަތުގަ ޅެންވެރިކަން ވެސް ލަވަ ކިއުން ވެސް ވަރަށް ރަނގަޅު. ޒުވާނުން މިކަމުގެ ތެރެއަށް ވަންނަމުންދާތީ ވަރަށް އުފާވޭ. އެކަމަކު އެކުދިންގެ މިކަލަހަ އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތްތައް އަދިވެސް ނެތުމަކީ މައްސަލައެއް." ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ބައިސްކޯފް ފަދަ އެޕްތަކުން މިފަދަ ފަންނާނުންނަށް ފުރުސަތު ދޭކަމީ އުފާކުރާ ކަމެއް ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
މިއީ ސިމްބޮލިކް ރެކޯޑްސް އާއި ބައިސްކޯފު ގުޅިގެން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ރެކޯޑް ލޭބަލް ސިމްބޮލިކުން އުފެއްދި ”ކޯވަރެއް“ އަލްބަމް ރިލީޒްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބައިސްކޯފުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިޝް މަޢުމޫނެވެ.
