ކާއެއްޗެހިން ތަފާތު އެކި އެކި އެކްސްޕެރިމެންޓުތައް ކުރުމަކީ ޒަމާނުއްސުރެ ސައިންސްވެރިންގެ މެދުގައި އާންމު ކަމެއް. މިފަދަ އެކްސްޕެރިމެންޓުތަކުން ބައެއް ކަހަލަ މަޝްހޫރު ކާނާ ވެސް އީޖާދުވެފައި ހުރިއިރު، ކުރިން ނުވާ އަދި ވެސް ހީވެސް ނުކުރާ ފަދަ ކަންކަން މެދުވެރިވޭ. އެގޮތުން 2011 ވަނަ އަހަރު ސައިންސްވެރިއަކު ވަނީ މޭބިސްކަދުރު ކޯންޏެއް މައިކްރޮވޭވް އަކަށް ލައި ހޫނުކޮށް، ވާ ގޮތް ބަލާފައި. މައިކްރޮވޭވް އަކީ އާންމުކޮށް ކާއެއްޗެހި ހޫނުކުރަން ބޭނުންކުރާ އެއްޗެއް ނަމަވެސް މޭބިސްކަދުރު އެއަށް ލުމުން ނިކުތީ ހީވެސް ނުކުރާފަދަ ނަތީޖާއެއް. މޭބިސްކަދުރު މައިކްރޮވޭވް އަށް ލުމުން އޭގައި އަލިފާން ރޯވެގެން ދިއުންވީ އެކަމަށް އޭރު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ކަމަކަށް. ނަމަވެސް އޭރުވެސް މޭބިސްކަދުރުގައި އަލިފާން ރޯވާން ދިމާވި ސަބަބު ހޯދިފައެއް ނުވޭ. ނަމަވެސް 2019 ވަނަ އަހަރު ކުރި ދިރާސާއެއްގައި ވަނީ މައިކްރޮވޭވް އަށްލުމުން މޭބިސްކަދުރުގައި އަލިފާން ރޯވާން ދިމާވާ ސަބަބު ހޯދާފައި. އެގޮތުން މޭބިސްކަދުރުން "އަލިފާން ބޯޅަ"އެއް ހެދެނީ މޭބިސްކަދުރުގައި މިނިވަން ކަމާއެކު އުޅޭ އިލެކްޓްރޯންސް ތަކާއި އަޔަންތައް އެކަތި އަނެކައްޗާ ބައްދަލުވެ، މޫވްމެންޓު އަވަސްވުމުގެ ސަބަބުން ކަމަށް ސައިންސްވެރިން ވަނީ ބުނެފައިި.